ފަވަރައާއި ޔޫޕީއައި ގުޅާލުމަކީ ދެ ގައުމުގެ ދެމެދުގައި އެކުލަވާލުމަށް މަސައްކަތްކުރާ މިނިވަން ވިޔަފާރީގެ އެއްބަސްވުުން ހަރުދަނާކޮށް، މަގުސަދުތައް ހާސިލުކުރުމަށް ލިބޭ ބޮޑު ބާރެއް ކަމަށް އިގުތިޞާދީ ތަރައްޤީއާއި ދަތުރުފަތުރާއި ވިޔަފާރިއާ ބެހޭ ވަޒީރު މުޙައްމަދު ސަޢީދު ވިދާޅުވެއްޖެއެވެ.
ވަޒީރު މިފަދައިން ވިދާޅުވީ، ފަވަރައާއި ޔޫޕީއައި ގުޅާލުމާއި ގުޅިގެން ސޯޝަލް މީޑިއާގައި ހިއްސާކުރެއްވި ޕޯސްޓެއްގައެވެ.
އެމްއެމްއޭއިން މިހާރު ވަނީ ރާއްޖޭގެ އިންސްޓެންޓް ޕޭމަންޓް ސިސްޓަމް 'ފަވަރަ' އާއި އިންޑިޔާގެ ޔުނިފައިޑް ޕޭމެންޓް އިންޓަފޭސް 'ޔޫޕީއައި' ގުޅާލާފައެވެ. މި މަޝްރޫއުގެ ދަށުން މިހާރު ވަނީ ރާއްޖެއިން އިންޑިޔާއަށް ކުޑަ ވަގުތުކޮޅެއްގެ ތެރޭގައި ފައިސާ ފޮނުވޭނެ އިންތިޒާމު ހަމަޖެހިފައެވެ.
ވަޒީރު ސަޢީދު ވިދާޅުވީ، މި ދެ ޕޭމެންޓް ސިސްޓަމް ގުޅާލުމަކީ ދިވެހިރާއްޖެއާއި އިންޑިޔާއާ ދެމެދު ޑިޖިޓަލް އަދި މާލީ ގުޅުންތައް ކުރިއެރުވުމުގައި ލިބުނު މުހިންމު ކުރިއެރުމެއް ކަމަށެވެ. އަދި ޔޫޕީއައިއަކީ ދުނިޔޭގެ އެންމެ ބޮޑު އަދި އެންމެ ފުޅާދާއިރާއެއްގައި ބޭނުންކުރާ ރިއަލް-ޓައިމް ޕޭމަންޓް ނިޒާމުތަކުގެ ތެރޭގައި ހިމެނޭ ނިޒާމެއްކަން ފާހަގަކުރައްވާ ވަޒީރު ވިދާޅުވީ، މިކަމުގެ ސަބަބުން ދެ ގައުމުގެ ދެމެދުގައި ކުރެވޭ މާލީ މުއާމަލާތްތައް މިހާރަށްވުރެ އަވަސް، ރައްކާތެރި، އަދި އަގުހެޔޮވެގެންދާނެ ކަމަށެވެ.
The launch of UPI integration marks an important milestone in advancing digital and financial connectivity between the Maldives and India. As one of the world’s largest and most widely used real-time payment systems, UPI will make cross-border transactions faster, more secure,… https://t.co/qcQ83V3SXN pic.twitter.com/jmx922HF4u
— Mohamed Saeed (@em_saeed) July 31, 2026
އިގުތިޞާދީ ވަޒީރު ސަޢީދުގެ މެސެޖުގައި، މި ކާމިޔާބީއަކީ ދެ ގައުމުގެ ވެރިން ރަސްމީ ދަތުރުފުޅުތަކުގައި ތަކުރާރުކުރައްވާފައިވާ ފަދައިން، ރައްޔިތުންނަށް ފައިދާކުރަނިވި މަސައްކަތްތަކެއްގެ ތެރެއިން އިގުތިޞާދީ އެއްބާރުލުން އިތުރުކޮށް، ދެ ގައުމުގެ ގުޅުން ބަދަހިކުރުމަށް ގެންގުޅުއްވާ ތަސައްވަރު ރަމްޒުކޮށްދޭ ކަމެއް ކަމަށް ވިދާޅުވިއެވެ.
ވަޒީރު ވިދާޅުވީ، ދިވެހި ރައްޔިތުންނަށް މީގެ ސަބަބުން ފައިސާ ފޮނުވުމާއި ފައިސާ ދެއްކުމުގައި ލުއިފަސޭހަތަކެއް ލިބިގެންދާނެ ކަމަށެވެ. އަދި ވިޔަފާރިވެރިންނަށް، ބޯޑަރު ހުރަސްކޮށް ކުރެވޭ ވިޔަފާރީގެ މުއާމަލާތްތަކަށް އާ ފުރުސަތުތަކެއް ހުޅުވި، ވިޔަފާރިއާއި، ފަތުރުވެރިކަމާއި، އަދި އިންވެސްޓްމަންޓްތަކަށް އެހީތެރިކަން ލިބިގެންދާނެ ކަމަށް ވަޒީރު ފާހަގަކުރެއްވިއެވެ.
މީގެ އިތުރުން، މި ނިޒާމު ފުޅާވެ، މާޗަންޓް އަދި ބީ.ޓޫ.ބީ ޕޭމަންޓްތައް ހިމެނިގެން ދިއުމުން، އިގުތިޞާދީ ގުޅުންތައް އިތުރަށް ވަރުގަދަވެ، ހުށަހެޅިފައިވާ އިންޑިޔާ - ރާއްޖެ ފްރީ ޓްރޭޑް އެގްރީމަންޓްއަށް އިތުރު ފުރިހަމަކަމެއް ލިބި، ދެ ގައުމުގެ ވިޔަފާރިތަކަށާއި މުޖުތަމައުތަކަށް ބޮޑެތި ފުރުސަތުތަކެއް އުފެދިގެންދާނެ ކަމަށްވެސް އިގުތިޞާދީ ތަރައްޤީއާއި ދަތުރުފަތުރާއި ވިޔަފާރިއާއި ބެހޭ ވަޒީރު މުޙައްމަދު ސަޢީދު ވިދާޅުވިއެވެ.
ފަވަރައާއި ޔޫޕީއައިގެ ޚިދުމަތް ފުރަތަމަ ފަށާފައިވަނީ ބޭންކް އޮފް މޯލްޑިވްސް، ބީއެމްއެލް އަދި މޯލްޑިވްސް އިސްލާމިކް ބޭންކް އެމްއައިބީއާ އެކުގައެވެ. މި ދެ ބޭންކުގެ ކަސްޓަމަރުންނަށް އިތުރު އެޕްލިކޭޝަނެއް ބޭނުންކުރުމަކާ ނުލައި، ބޭންކުގެ މޮބައިލް އެޕް ނުވަތަ އިންޓަނެޓް ބޭންކިންގ މެދުވެރިކޮށް އިންޑިއާގެ ޔޫޕީއައި އެކައުންޓްތަކަށް ސީދާ ފައިސާ ފޮނުވޭނެއެވެ. ފައިސާ ފޮނުވާ ފަރާތުން ދިވެހި ރުފިޔާ ނުވަތަ ޑޮލަރުން ފައިސާ ދެއްކުމުން، ލިބޭ ފަރާތުގެ އެކައުންޓަށް ވަގުތުން ޖަމާވާނީ އިންޑިއާ ރުޕީސްއިންނެވެ.