ފީފާގެ ރައީސް ޖިއާނީ އިންފަންޓީނޯ އެ ޖަމާއަތުގެ މުބާރާތްތައް ހިންގަން ވިޔަފާރި ކުންފުންޏެއް ހެއްދެވުމާ އިނގިރޭސި ބޮޑުވަޒީރު އެންޑީ ބާންހަމް ދެކޮޅު ހައްދަވައިފި އެވެ.
"ފުޓްބޯޅަ އަކީ އިންވެސްޓަރުންގެ އެއްޗެއްނޫން. ވޯލްޑް ކަޕުގެ އެންމެ ތަންކޮޅެއް ވެސް އެއް ފަހަރު ވެސް ވިއްކާލައިފިނަމަ އެއްކޮށް ވިއްކާލެވޭނެ. ފުޓްބޯޅަ އަކީ ސަޕޯޓަރުންގެ އެއްޗެއް، އަބަދުވެސް އެކަން އޮންނަންޖެހޭނީ އެގޮތަށް،" ހުސްވި ހަފުތާގައި ބޮޑުވަޒީރު ކަމާ ހަވާލުވެވަޑައިގެންނެވި ބާންހަމް ވިދާޅުވި އެވެ.
އިންފަންޓީނޯގެ ޕްލޭނަކީ 20 ބިލިއަން ޑޮލަރުގެ ވިޔަފާރި ކުންފުންޏެއް އުފައްދައި އެކުންފުނީގެ 20 ޕަސެންޓް ވިޔަފާރިވެރިންނަށް ވިއްކާލުމެވެ. ބުނެވޭ ގޮތުގައި މި ޕްލޭނުގެ އަޑީގައި ހުންނެވީ އެމެރިކާގެ ރައީސް އަދި ވިޔަފާރީ ވެރިޔާ ޑޮނަލްޑް ޓްރަމްޕެވެ. އޭނާގެ ފަރާތުން މި ކުންފުންޏަށް އިންވެސްޓް ކުރައްވަނީ އެމެރިކާގެ ވިޔަފާރިވެރިޔާ ހޯޝުއާ ކުޝްނާ އެވެ. އޭނާ އަކި ޓްރަމްޕް އަރިހުގައި މަސައްކަތް ކުރައްވާ ޖެރަޑް ކުޝްނާގެ ކޮއްކޮ އެވެ.
އިންފަންޓީނޯގެ މި ޕްލޭނާ ދެކޮޅަށް ޔޫރަޕުން ވަނީ ތެދުވެފަ އެވެ. އަދި ފުޓްބޯޅައިގެ ތަޖުރިބާކާރުން ވެސް ދަނީ ފާދު ކިޔަމުންނެވެ.
ޔޫރަޕުގެ ގައުމުތަކުގެ ތެރެއިން އިނގިރޭސި އެފްއޭ އާއި ފްރާންސްގެ އެފްއޭއިން ވެސް މިހާރު ވަނީ މި ޕްލޭނަށް ފާޑުކިޔާފަ އެވެ. މި އެންމެން ބުނަނީ މިއީ ވޯލްޑް ކަޕް ވިއްކާލުން ކަމަށާއި މީގެ ސަބަބުން ފުޓްބޯޅަ އަށް ނުފޫޒު ވަންނާނެ ކަމަށެވެ.
ފީފާގެ މެމްބަރު ކޮންފެޑަރޭޝަންތަކުގެ ތެރެއިން އޭޝިޔާ އާއި ކޮންކާކަފުން ވެސް ވަނީ ޒާތަކަށް މި ޕްލޭނާ ދެކޮޅު ހަދައިފަ އެވެ. މި ދެ ޖަމާއަތުން ވެސް ބުނީ މި ޕްލޭނުގެ މައުލޫމާތު ލިބުނީ މީޑިއާއިން ކަމަށާއި މިކަން ސާފުކޯށްދީ ދިރާސާ ކުރަން ވަގުތު ދޭން ޖެހޭނެ ކަމަށެވެ.