މިނިވަން ދުވަހުގެ މުނާސަބަތުގައި އެމްއެންޑީއެފާއި ކެޑޭޓުން ގުޅިގެން ޝަރަފުގެ ހިނގާލުމެއް ހުޅުމާލޭގައި ބާއްވައިފިއެވެ.
ސިފައިންނާއި ކެޑޭޓުންގެ ޕެރޭޑަށް އާންމުންގެ ފަރާތުން ވަނީ ވަރަށް ބޮޑު ތަރުހީބެއް ލިބިފައިވާއިރު، ކުދި ބޮޑު އެތަކެއް ބަޔަކު މި ހަރަކާތް ބަލާލުމަށް މަގުތަކަށް ނިކުމެ އުފާވެރި އެއްބައިވަންތަ ވަގުތުތަކެއް ވަނީ ހޭދަކޮށްފައެވެ.
މި ހިނގާލުމުގައި އެމްއެންޑީއެފްގެ ބޭންޑާއެކު ޖުމްލަ 6 ގެމަ ބައިވެރިވެފައިވެއެވެ. މި އަސްކަރީ ހިނގާލުމުގައި އެމްއެންޑީއެފްގެ އެކި ކޯތަކާއި ތަފާތު ދާއިރާތަކުގެ ޚިދުމަތްތައް ދައްކާލާފައިވާއިރު، މާލެ ސަރަޙައްދުގެ 15 ސްކޫލަކުން ކެޑޭޓުންވެސް ވަނީ މި ޕެރޭޑުގައި ބައިވެރިވެފައެވެ.
* މަޖީދިއްޔާ ސްކުލް
* ދަރުމަވަންތަ ސްކޫލް
* އަމީނިއްޔާ ސްކޫލް
* ހިރިޔާ ސްކޫލް
* ތާޖުއްދީން ސްކޫލް
* ޖަމާލުއްދީން ސްކޫލް
* އިސްކަންދަރު ސްކޫލް
* ކަލާފާނު ސްކޫލް
* މުޙްޔިއްދީން ސްކޫލް
* ޢާޒީ ސްކޫލް
* ރެހެންދި ސްކޫލް
* ހުރަވީ ސްކޫލް
* އަޙްމަދިއްޔާ އިންޓަރނޭޝަނަލް ސްކޫލް
* ޞަލާޙުއްދީން ސްކޫލް
ހުޅުމާލޭގެ ހިތިގަސްމަގުގައި ހުންނަ ސިންތެޓިކް ދުވާ ޓްރެކް ކައިރިން ފެށި މި ހިނގާލުން ނިންމާލާފައިވަނީ ކަލާސީނުކޮށި ކައިރިއަށެވެ. މި ހިނގާލުމުގެ ތެރެއިން ސެންޓްރަލް ޕާކް ސަރަހައްދާއި ސިފްކޯ ފުލެޓް ކައިރީގައި ލަޝްކަރު މަޑުކޮށް، މިލިޓަރީ ބޭންޑުގެ ރާގުތައް ކުޅެފައިވެއެވެ. ހުޅުމާލޭގައި ބޭއްވި ހިނގާލުން ބަލާލުމަށް ގިނަ އަދަދެއްގެ އާންމުން މަގުމައްޗަށް ނުކުތެވެ.
މި ޕެރޭޑަކީ ޖުލައި 26 ވަނަ ދުވަހު ބޭއްވުމަށް ތާވަލުކުރި ހަރަކާތެކެވެ. ނަމަވެސް އެ ދުވަހު މޫސުން ގޯސްވެ ވިއްސާރަވުމުގެ ސަބަބުން ޕެރޭޑް ވަނީ މިއަދަށް ފަސްކޮށްފައެވެ.
މިނިވަން ދުވަހުގެ މުނާސަބަތުގައި މީގެ ކުރިން މާލޭގައިވެސް ވަނީ ގައުމީ ދިފާއީ ބާރާއި ސްކޫލް ކުދިން ގުޅިގެން ހެވިކަމުގެ ކުޅިވަރުތަކާއި ޕެރޭޑެއް ކުރިއަށް ގެންގޮސްފައެވެ.
ކޮންމެ އަހަރެއްގެވެސް މިނިވަން ދުވަސް ފާހަގަކުރުމަށް ގިނަ ހަރަކާތްތަކެއް ކުރިއަތް ގެންދިޔަނަމަވެސް އެންމެ ގިނަ ބައެއްގެ ތަރުހީބު ލިބެމުންދަނީ އެމްއެންޑީއެފްއާއި ސުކޫލް ކުދިންގެ ޕެރޭޑާއި ރޫޓް މާޗްއަށެވެ. މިގޮތުން ކޮންމެ އަހަރަކުވެސް ކުދި ބޮޑު އެތަކެއް ބަޔަކު މި ހަރަކާތް ބަލާލުމަށް މަގުތަކަށް ނިކުމެއެވެ.