މީގެކުރިންވެސް އެތައް ޤައުމީ ރެކޯޑެއް ޙާސިލްކޮށްފައިވާ ރާއްޖޭގެ ދުވުންތެރިޔާ ޒިވާ މޫސާ ޝަފީއު، އަންހެނުންގެ 200 މީޓަރު ދުވުމުގެ ރެކޯޑު އައުކޮށްފިއެވެ.
ޒިވާ މި ރެކޯޑު އައުކުރީ، ސްކޮޓްލެންޑުގެ ގްލާސްގޯގައި މިހާރު ކުރިއަށްދާ ކޮމަންވެލްތް ގޭމްސްގެ އެތުލެޓިކްސް އިވެންޓުތަކުގެ ތެރެއިން، އަންހެނުންގެ 200 މީޓަރު ދުވުމުގެ ރައުންޑް 1 ހީޓު އެކެއްގައި ވާދަކޮށްގެންނެވެ.
ޒިވާ ރޭސް ނިންމާފައި ވަނީ 24.67 ސިކުންތުންނެވެ.
ކުރިން މި ރެކޯޑު އޮތީ މިވަގުތު ރާއްޖޭގައި ހުރި އެންމެ ވިދުންގަދަ އަންހެން އެއް ދުވުންތެރިޔާ އައިޝަތު ހިމްނާ ޙަސަންގެ އަތުގައެވެ. ހިމްނާ މި ރެކޯޑު ޤާއިމްކޮށްފައި ވަނީ 2022 ވަނަ އަހަރުގެ ޤައުމީ މުބާރާތުގައެވެ.
އެ ފަހަރުގެ އިވެންޓުގައި ހިމްނާ ރޭސް ނިންމީ 24.90 ސިކުންތުންނެވެ.
ކޮމަންވެލްތް ގޭމްސްގެ އެތުލެޓިކްސް އިވެންޓްތަކުގައި ވާދަކުރާ ގައުމީ އެތުލެޓިކްސް ޓީމުގެ އެތުލީޓުން އަންނަނީ އުއްމީދީ ނަތީޖާތަކެއް ޙާސިލްކުރަމުންނެވެ. މިފަހަރުގެ ގޭމްސްގައި އެތުލެޓިކްސްއިން ރާއްޖެ ތަމްޞީލުކުރަނީ އައިމިނަތު ލަޔާނާ މުހައްމަދު، ހުސެއިން ޒީކް ސައުދު، އާދަމް ރިއްފަތު އަދި ޒިވާ އާއި އަހްނާ ނިޒާރުގެ އިތުރުން ރާއްޖޭގެ އެންމެ ބާރު ދުވުންތެރިޔާ ހަސަން ސާއިދުއެވެ.