ޚަބަރު

ދިވެހިރާއްޖެއާ އޮސްޓްރޭލިއާގެ އިސްވެރިންގެ 3ވަނަ ބައްދަލުވުން ކާމިޔާބު


  • ވިޔަފާރިއާއި، އިންވެސްޓްމަންޓާއި، މާލީ ދާއިރާއާއި ގުޅޭގޮތުން މަޝްވަރާކުރި

  • އިންސާނީ ވަސީލަތްތައް ތަރައްގީކުރުމާއި، ތައުލީމީ ދާއިރާއާ ގުޅޭގޮތުންވެސް މަޝްވަރާކުރި

"ތާރޑް މޯލްޑިވްސް-އޮސްޓްރޭލިއާ ސީނިއަރ އޮފިޝަލްސް ޓޯކްސް" ކާމިޔާބުކަމާއިއެކު ނިންމާލައިފިއެވެ. މި ބައްދަލުވުން ނިންމާލާފައިވަނީ އިއްޔެއެވެ.

ދިވެހިރާއްޖެއާއި އޮސްޓްރޭލިއާގެ އިސްވެރިންގެ ތިންވަނަ ބައްދަލުވުމުގައި 2 ޤައުމުގެ އިސް ވަފުދެއް ވަނީ ބައިވެރިވެވަޑައިގަންނަވާފައެވެ. މި މަޝްވަރާތަކުގެ ރިޔާސަތު ބެލެހެއްޓެވީ ދިވެހިރާއްޖޭގެ ފޮރިން ސެކްރެޓަރީ ފާތިމަތު އިނާޔާއާއި، އޮސްޓްރޭލިއާގެ ޑިޕާޓްމަންޓް އޮފް ފޮރިން އެފެއާޒް އެންޑް ޓްރޭޑްގެ ފަސްޓް އެސިސްޓަންޓް ސެކްރެޓަރީ ސާރާ ސްޓޯރީއެވެ. ދެ ގައުމުގެ ދެމެދުގައި އޮތް ޒަމާންވީ ގުޅުން އިތުރަށް ހަރުދަނާކޮށް، ކުރިއެރުވުމަށް މި ބައްދަލުވުމުގައި ދެ ފަރާތުންވެސް އެއްބަސްވެފައިކަމަށް ޚާރިޖީ ވުޒާރާއިން ވަނީ ވިދާޅުވެފައެވެ.

ވޭތުވެދިޔަ އަހަރުގެ ތެރޭގައި ދެ ގައުމުގެ ގުޅުން އިތުރަށް ބަދަހިވެގެން ގޮސްފައިވާކަން ބައްދަލުވުމުގައި އިސްވެރިން ވަނީ ފާހަގަކުރައްވާފައެވެ. އެގޮތުން މިމަހުގެ 27 ވަނަ ދުވަހު އޮސްޓްރޭލިޔާ ސަރުކާރުން ރާއްޖެއަށް ހިލޭއެހީގެ ގޮތުގައި ހަދިޔާކުރެއްވި މަނަވަރު "ކޯސްޓްގާޑް ޝިޕް އިމާދުއްދީން" ހަދިޔާކުރުމާއި، މިދިޔަ މޭ މަހު މާލެއާއި މެލްބަންއާ ދެމެދު ސީދާ ދަތުރުތައް ފެށުން ފާހަގަކޮށްފައިވެއެވެ.

މީގެ އިތުރުން، ދިފާއީ އަދި ސަލާމަތީ ދާއިރާއާއި، ކަނޑުގެ ރައްކާތެރިކަމާއި، އިގްތިސާދާއި ވިޔަފާރި އަދި ފަތުރުވެރިކަމުގެ ދާއިރާއިން ގުޅުން ބަދަހިކުރުމާ ގުޅޭގޮތުން މަޝްވަރާކޮށްފައިވާކަމަށް ހާރިޖީ ވުޒާރާއިން ވިދާޅުވިއެވެ. ހަމައެހެންމެ، ތަރައްގީގެ މަޝްރޫއުތަކާއި، ސަރަހައްދީ ކަންކަމާއި، ބައިނަލްއަގުވާމީ މައިދާނުގައި ދެ ގައުމުން ގުޅިގެން މަސައްކަތް ކުރުމާ ގުޅޭގޮތުންވެސް ފުޅާދާއިރާއެއްގައި ވަނީ މަޝްވަރާކޮށްފައެވެ.

ދެ ގައުމުގެ ދެމެދުގައި އޮތް ވިޔަފާރިއާއި، އިންވެސްޓްމަންޓާއި، މާލީ ދާއިރާގެ ދެމެހެއްޓެނިވިކަން އަދި ފަތުރުވެރިކަން ކުރިއެރުވުމުގެ ތެރެއިން އިގްތިސާދީ ގުޅުން ފުޅާކުރުމާ ގުޅޭގޮތުން އިސްވެރިން މަޝްވަރާކުރެއްވިއެވެ. މާލެއާއި މެލްބަންއާ ދެމެދު ސީދާ ވައިގެ ދަތުރުފަތުރު ފެށުމުގެ ސަބަބުން، ފަތުރުވެރިކަމާއި ވިޔަފާރީގެ ފުރުސަތުތައް އިތުރުވެ، ދެ ގައުމުގެ ރައްޔިތުންގެ މެދުގައި އޮންނަ ގުޅުން ބަދަހިވެގެންދާނެ ކަމަށް 2 ގައުމުންވެސް އެއްބަސްވެފައިވާކަމަށް ޚާރިޖީ ވުޒާރާގެ ބަޔާނުގައި ވަނީ ފާހަގަކޮށްފައެވެ.

މީގެއިތުރުން އިންސާނީ ވަސީލަތްތައް ތަރައްގީކުރުމާއި، ތައުލީމާއި، ފަންނީ އަދި މުދައްރިސުން ތަމްރީނުކުރުމާއި، ހިންގުމުގެ ދާއިރާއާއި، ޑިމޮކްރަސީއާއި، އިންސާނީ ހައްގުތަކާއިި ގުޅޭ ދާއިރާއިން ވަނީ މަޝްވަރާކޮށްފައެވެ. އަދި ގާނޫނީ ސިޔާދަތު ނެގެހެއްޓުމާއި، ތިމާވެށި ހިމާޔަތްކުރުމާއި، މޫސުމީ ބަދަލުތަކަށް ކެތްތެރިވުމާއި، ކުއްލި ހާލަތްތަކުގައި އިޖާބަދިނުމާއި، ސިއްޙީ ދާއިރާއާއި، ބޭސްފަރުވާއާ ގުޅޭ ގަވާއިދުތަކުގެ އިތުރުން އަންހެނުން ބާރުވެރިކުރުވުމުގެ ދާއިރާއިން ގުޅުން އިތުރުކުރެވިދާނެ ގޮތްތަކާ ބެހޭގޮތުންވެސް ދެ ގައުމުގެ އިސްވެރިން ވަނީ މަޝްވަރާކުރައްވާފައެވެ.

"އޮސްޓްރޭލިއާ އެވޯޑްސް ސްކޮލަރޝިޕް" ތަކާއި ގާބިލިއްޔަތުކަން އިތުރުކުރުމަށް ހިންގާ އެކި ހަރަކާތްތަކުގެ މެދުވެރިކޮށް، ރާއްޖޭގެ އިންސާނީ ތަރައްގީއަށް އޮސްޓްރޭލިއާއިން ފޯރުކޮށްދެމުންދާ އެހީތެރިކަން ދިވެހި ސަރުކާރުން ވަނީ ފާހަގަކުރައްވާފައެވެ.

މީގެއިތުރުން ބައިނަލްއަގުވާމީ މައިދާނުގައި، ޚާއްސަކޮށް މޫސުމަށް އަންނަ ބަދަލުތަކާއި، ދެމެހެއްޓެނިވި ތަރައްގީ އަދި ތަރައްގީވަމުން އަންނަ ކުދި ޖަޒީރާ ގައުމުތަކަށް ކުރިމަތިވާ ގޮންޖެހުންތަކާ ގުޅޭގޮތުން ގުޅިގެން މަސައްކަތްކުރުން އިތުރަށް ހަރުދަނާކުރުމާ ބެހޭގޮތުންވެސް މި ބައްދަލުވުމުގައި މަޝްވަރާކޮށްފައިވާކަމަށް ޚާރިޖީ ވުޒާރާއިން ވަނީ ވިދާޅުވެފައެވެ.