ޚަބަރު

ހުޅަނގު އައްސޭރީގައި ޔަހޫދީންގެ އަނިޔާވެރިކަން ހައްދުފަހަނައަޅަނީ


ޔަހޫދީންގެ ނިރުބަވެރި ޢަމަލުތައް އިތުރަށް ފުޅާކުރަމުންދާއިރު، އުސްތިޢުމާރުކޮށްފައިފާ ހުޅަނގު އައްސޭރީގައި ދިރިއުޅޭ ފަލަސްޠީނުގެ ރައްޔިތުން ތަހައްމަލު ކުރަމުންދާ އަނިޔާވެރިކަން އިންތިހާ ދަރަޖައަށް ވަނީ ގޮއްސައެވެ.

ޔަހޫދީންގެ އިސްތިޢުމާރީ ފައުޖުން، ޢައިރު ޤާނޫނީ ގޮތުން ހިފާފައިވާ ހުޅަނގު އައްސޭރީގެ އެކި ސަރަޙައްދުތަކުގައި ހިންގަމުންދާ އަސްކަރީ ޙަރަކާތްތައް އަންގާރަ ދުވަހު އިތުރަށް ވަރުގަދަކޮށްފިއެވެ.

އެކި ސަހަރުތަކާއި އަވަށުތަކަށް ދިން މި ޙަމަލާތަކުގައި މަދުވެގެން 14 ފަލަސްޠީނުގެ ރައްޔިތަކު ހައްޔަރުކޮށްފައިވާއިރު، އޭގެ ތެރޭގައި އަންހެނަކުވެސް ހިމެނެއެވެ. މީގެ އިތުރުން، ޔަހޫދީ ސިފައިންވަނީ ފަލަސްޠީނުގެ ރައްޔިތުން ދިރިއުޅޭ ތިން ގެއެއް ސުންނާފަތިކޮށް، ޤުރްއާން ބްރޮޑްކާސްޓް ކުރާ ރޭޑިއޯ ސްޓޭޝަނެއް ބާރުގެ ބޭނުންކޮށްގެން ބަންދުކޮށްފައިވާ ކަމަށް އެ ސަރަޙައްދުގެ މަޞްދަރުތަކުން މަޢުލޫމާތުދެއްވިއެވެ.

ނާބުލުސްގެ ރައުސް އަލް-ޢައިން ސަރަޙައްދަށް ހުންނަ، ތިން ޢިމާރާތަކަށް ޔާހޫދީ ސިފައިން ވަދެގަނެ ގިނަ ޢަދަދެއްގެ ގެތައް ބަލައި ފާސްކޮށްފައިވެއެވެ. ޔަހޫދީންގެ މި އަނިޔާވެރި ޢަމަލުތަކުގައި އަންހެނެއް ހިމިނޭހެން ޖުމްލަ އަށް މީހަކު ހައްޔަރުކޮށްފައިވާ ކަމަށް ރިޕޯޓުތައް ބުނެއެވެ.

ހަމައެއާއެކު، ތޫބާސް ސަހަރުގައި ތައްމޫން އަވަށަށްވެސް އަނިޔާވެރި ޔާހޫދީ ލަޝްކަރު އަރައިގަނެ، އެތައް ގަޑިއިރެއް ވަންދެން އެ ސަރަޙައްދުގައި ޙަރަކާތްތެރިވުމަށްފަހު ވަނީ އެނބުރި ގޮސްފައިވެއެވެ. ނަމަވެސް އެ އަވަށުން އެއްވެސް މީހަކު ހައްޔަރުކުރި ކަމުގެ ރިޕޯޓެއް ލިބިފައެއް ނުވެއެވެ.

މީގެ އިތުރުން، ޖެނީންގެ އަލް-ޔާމޫން ޝަހަރަށް ޔަހޫދީ ސިފައިން ވަދެގަނެ، އެ އަވަށުގެ އިރުއުތުރުގައިވާ ދައިރު ޣަޒާލާ އަށް ނިސްބަތްވާ ފަލަސްޠީނުގެ އިތުރު މީހަކު ވަނީ ހައްޔަރުކޮށްފައެވެ.

ޚަބަރުލިބޭ ގޮތުގައި، ތުލްކަރެމްގެ ދެކުނުގައިވާ އިރްތާހު އަވަށުން ފަލަސްޠީނުގެ ކަސްޓަމްސް އޮފިސަރަކާއި ޒުވާނަކު ހައްޔަރުކޮށްފައިވާ އިރު، ފަރުޢޫން އަވަށުގައި ހުރި ގެތައް ބަލައިފާސްކުރުމަށްފަހު އިތުރު ދެ މީހަކު ވަނީ ހައްޔަރުކޮށްފައެވެ.

ޔަހޫދީންގެ ނިރުބަވެރި ސިފައިން ހިފާފައިވާ ހުޅަނގު އައްސޭރީގެ ޚަލްކީލީއާގައި ހުންނަ "އަލް-ހުދާ" ނަމަކަށް ކިޔާ ރޭޑިއޯ ސްޓޭޝަންގެ މައި އޮފީހަށް ވަދެގަނެ، އެތަން ވެސް ބަންދުކޮށްފައެވެ.

ރޭޑިއޯ ސްޓޭޝަންގެ މައި އޮފީހަށް ޔަހޫދީ ސިފައިން ވަދެގަތީ ބުލްޑޯޒަރަކާއެކު ކަމަށް މަސްދަރުތަކުން ބުނެއެވެ. އަދި އެ ސިފައިން ވަނީ ސްޓޭޝަން ބަންދުކޮށް، އިމާރާތުގައި ހުރި ވަސީލަތްތަކާއި އެހެނިހެން ތަކެތި އަތުލައިގެންފައެވެ. ނަމަވެސް، އަތުލައިގަތީ ކޮން ތަކެއްޗެއް ކަމެއް އަދި ބަންދުކޮށްފައި ބަހައްޓާނީ ކިހާ މުއްދަތަކަށް ކަމެއް ސާފެއް ނުވެއެވެ.

ވަކިން ހިންގި އުދްވާނީ އަމަލެއްގައި، ޔަހޫދީ ސިފައިންގެ ދެ ބުލްޑޯޒަރާއެކު ރަމަﷲގެ ހުޅަނގުގައިވާ ޝުޤްބާ ފުރާތަށް ވަދެގަނެ، އެތަނުގައި ހުރި ގެއެއް ސުންނާފަތިކޮށްލާފައިވާ ކަމަށް މަސްދަރުތަކުން މައުލޫމާތު ދީފައިވެއެވެ.

ޔަހޫދީ ސިފައިން ދަނީ ވަޒަންވެރިވެގަނެގެން އުޅޭ ހުޅަނގު އައްސޭރީގެ ރަށްތަކަށާއި ޝަހަރުތަކަށް ކޮންމެ ދުވަހަކުހެން ވަދެގަނެ، ފަލަސްޠީނު ރައްޔިތުން ހައްޔަރުކޮށް، އެމީހުންގެ މުދަލަށް ނުހައްގުން އަރައިގަނެ، އެތަކެއް ލާއިންސާނީ ޖަރީމާތައް ހިންގަމުންނެވެ.

ފަލަސްތީނުގެ "ވޯލް އެންޑް ސެޓަލްމެންޓް ރެސިސްޓަންސް" ކޮމިޝަނުން ބުނެފައިވާ ގޮތުގައި، މި އަހަރުގެ ފުރަތަމަ ހަ މަސްދުވަހުގެ ތެރޭގައި ޔަހޫދީންގެ ކަމާބެހޭ ފަރާތްތަކުން ވަނީ 341 ގެއެއް ބިމާހަމަކޮއްލާ، ފަލަސްތީނުގެ ރައްޔިތުންގެ 740 އިމާރާތެއް ސުންނާފަތިކޮށްލާފައެވެ. މީގެ ސަބަބުން ފަލަސްޠީނުގެ 923 މީހުންނަށް އަސަރުކުރިއެވެ. އަދި ހުއްދަނެތި އިމާރާތްކޮށްފައިވާ ކަމަށް ބުނެ ޔަހޫދީން ވަނީ އިތުރު 254 މަރާމާތު ކުރަމުންދާ ތަނަކަށް ތަންދިނުމުގެ ޢިއުލާން ނެރެފައެވެ.

އޮކްޓޯބަރު 2023 އިން ފެށިގެން ޣައްޒާގައި ހިންގަމުންދާ ޤަތުލުޢާއްމު ފެށުނު ފަހުން، އިސްތިޢުމާރުކޮށްފައިވާ ހުޅަނގު އައްސޭރީގައި ޔަހޫދީ އަސްކަރިއްޔާއިން ގަދަކަމުން ވަދެގަތުމާއި، ފަލަސްތީނުގެ ވަޒަންވެރިންނަށް ދޭ ޙަމަލާތައް ވަނީ އިތުރުވެފައެވެ.

ފަލަސްތީނުގެ ރަސްމީ ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި، އެ މުއްދަތުގެ ތެރޭގައި 1,182 އަށްވުރެ ގިނަ ފަލަސްތީނު ރައްޔިތުން ޝަހީދުކޮށްލާފައިވާއިރު، 13,000 އެއްހާ މީހުން ވަނީ ޒަޚަމްވެފައެވެ. އަދި 24,000 އާ ގާތްކުރާ އަދަދަކަށް މީހުން ވަނީ ހައްޔަރުކޮށްފައެވެ.