ބަންގްލަދޭޝުން ރާއްޖެއަށް 20،000 ގަސް ހަދިޔާކޮށްފިއެވެ.
މިއަދު ހަވީރު ލޮނުޒިޔާރަތް ޕާކުގައި ބޭއްވި ރަސްމިއްޔާތެއްގައި ބަންގްލަދޭޝް ސަރުކާރުން ހަދިޔާކުރެއްވި ގަސްތައް ރާއްޖެއަށް ރަމްޒީގޮތުން ހަވާލުކޮށްދެއްވީ، ބަންގްލަދޭޝްގެ ޚާރިޖީ ވަޒީރު ޑރ. ޚަލީލުއްރަހުމާނުއެވެ. ރާއްޖޭގެ ފަރާތުން ގަސްތަކާއި ހަވާލުވެވަޑައިގަތީ ޚާރިޖީ ވަޒީރު އިރުތިޝާމް އާދަމާއި މޫސުމީ ބަދަލުތަކާއި ތިމާވެއްޓާއި ހަކަތައާ ބެހޭ ވަޒީރު ޢަލީ ޝަރީފުއެވެ. ތިން ވަޒީރުންވެސްވަނީ ހަވީރު، ލޮނުޒިޔާރަތް ޕާކުގައި ގަސް އިންދާފައެވެ.
މި ރަސްމިއްޔާތުގައި، ވާހަކަފުޅުދައްކަވަމުން މޫސުމީ ބަދަލުތަކާއި ތިމާވެއްޓާއި ހަކަތައާ ބެހޭ ވަޒީރު ޢަލީ ޝަރީފް ވިދާޅުވީ ބަންގްލަދޭޝުން ގަސް ގެނައުމަށް މަގުފަހިކުރުމަށް އެޤައުމުގެ ތިމާވެއްޓާއިބެހޭ ވަޒީރާއެކު މަޝްވަރާކުރެއްވިކަމަށާއި އެ މަސައްކަތް ކާމިޔާބުކަމަށެވެ. ކުރު މުއްދަތެއްގެ ތެރޭގައި މިފަދަ ކަމެއް ފުރިހަމަކޮށްދެއްވުމަކީ ދެ ޤައުމުގެ ގުޅުން ރަމްޒުކޮށްދޭކަމެއްކަމަށް ފާހަގަކުރައްވައި ވަޒީރުވަނީ އެކަމަށް ޝުކުރު އަދާކުރައްވާފައެވެ. އަދި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު އިއުލާންކުރައްވާފައިވާ 5 މިލިއަން ގަސް އިންދުމުގެ ޕްރޮގްރާމަށް މިކަމުގެ ސަބަބުން އިތުރު ކުރިއެރުން ލިބިގެންދާނެކަމަށް ވަޒީރު ވިދާޅުވިއެވެ.
"5 މިލިއަން ގަސް އިންދުމުގެ ޕްރޮގްރާމްގެ މަޤްސަދަކީ 5 އަހަރު ތެރޭ 5 މިލިއަން ގަސް އިންދުން. އެ އަމާޒަށް ވާސިލްވާނެ އިރާދަކުރެއްވިއްޔާ" މޫސުމީ ބަދަލުތަކާއި ތިމާވެއްޓާއި ހަކަތައާ ބެހޭ ވަޒީރު ޢަލީ ޝަރީފް ވިދާޅުވިއެވެ.
މި ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުން ޚާރިޖީ ވަޒީރު އިރުތިޝާމް އާދަމް ވިދާޅުވީ ތިމާވެއްޓާ ގުޅުންހުރި ދާއިރާތަކުން ބަންގްލަދޭޝްއާ ރާއްޖެއާ އެކުގައި މުހިންމު މަސައްކަތްތަކެއް ކޮށްފައިވާކަމަށެވެ. ބަންގްލަދޭޝުން ރާއްޖެއަށް ހަދިޔާކުރި ގަސްތަކަކީ ރާއްޖޭގެ ކުރިއަށް އޮތް ޖީލުތަކަށް ފައިދާވާނެކަމެއްކަން ފާހަގަކުރައްވއި ވަޒީރުވަނީ ބަންގްލަދޭޝް ސަރުކާރަށް ޝުކުރުއަދާކުރައްވާފައެވެ.
"މި ގަސްތައް ހަވާލުކުރުމުގެ ރަމްޒެއްގެ ގޮތުން މި ހަވާލުކުރި 10 ގަހަކީ ދެ ޤައުމުގެ ދެމެދުގައި އޮތް ގާތްގުޅުމުގެ ހެއްކެއް. ކުރިއަށް އޮތްތަނުގައި ވެސް ތިމާވެށި ހިމާޔަތްކުރުމަށް އަޅުގަނޑުމެން ދެ ޤައުމު ގުޅިގެން މަސައްކަތްކުރާނަން." ޚާރިޖީ ވަޒީރު އިރުތިޝާމް އާދަމް ވިދާޅުވިއެވެ.
ބަންގްލަދޭޝްގެ ޚާރިޖީ ވަޒީރު ޑރ. ޚަލީލުއްރަޙްމާނު ވަނީ ރާއްޖެއާއި ބަންގްލަދޭޝްއަކީވެސް މޫސުމީ ބަދަލުތަކުގެ ސަބަބުން ނޭދެވޭ އަސަރުތަކެއްކުރާ ދެ ޤައުމުކަން ފާހަގަކުރައްވާފައެވެ. މި ހަދިޔާކުރި ގަސްތަކުން ރަމްޒުކޮށްދެނީ ވިލުންތެރިކަމާއެކު ތިމާވެއްޓަށް އަންނަ ބަދަލުތަކުން ރައްކާތެރިވުމަށް މަސައްކަތްކުރަމުންދާ ދެ ޤައުމުގެ މަސައްކަތްކަމަށް ބަންގްލަދޭޝްގެ ޚާރިޖީ ވަޒީރު ވިދާޅުވިއެވެ.
"ބަންގްލަދޭޝްއަކީ ސަޤާފީގޮތުން ވެސް އެކުވެރި ޤައުމުތަކަށް ގަސް ހަދިޔާކުރުމުގެ ތާރީހެއް އޮތް ޤައުމެއް. މިކަމުން ރަމްޒުކޮށްދެނީ ރާއްޖެއާއި ބަންގްލަދޭޝްއާއި އެކު އޮތް ގާތްގުޅުން." ބަންގްލަދޭޝްގެ ޚާރިޖީ ވަޒީރު ޑރ. ޚަލީލުއްރަޙްމާނު ވިދާޅުވިއެވެ.
މިއީ މިހާތަނަށް ބޭރު ޤައުމަކުން ރާއްޖެއަށް އެންމެ ގިނައިން ގަސް ހަދިޔާކުރި ފަހަރެވެ. މީގެކުރިން ރާއްޖެއަށް ބޭރުޤައުމަކުން އެންމެ ގިނަ ގަސް ހަދިޔާކޮށްފައިވަނީ ސްރީ ލަންކާއިންނެވެ. އެއީ 1000 ގަހެވެ.
ބަންގްލަދޭޝްއިން ރާއްޖެއަށް ހަދިޔާކޮށްފައިވާ ގަސްތަކުގެ ތެރޭގައި ހިމެނެނީ 3 ވައްތަރެއްގެ ގަހެވެ. އެއީ ހިޔާދޭ ގަސްގަހާއި، މައު އަޅާ ގަސްތަކުގެ އިތުރުން މޭވާ ގަސްތަކެވެ.