ކޮންމެ އަހަރެއްގެވެސް އޮކްޓޫބަރުމަހުގެ 20 ވަނަ ދުވަސް ފާހަގަކުރަނީ ބައިނަލްއަޤްވާމީ އެއާ ޓްރެފިކް ކޮންޓްރޯލަރުންގެ ދުވަހުގެ ގޮތުގައެވެ. އެއަރޕޯޓެއްގެ އެންމެ މުޙިއްމު އެއް ރޯލް އަދާ ކުރާ ބަޔަކީ އެއަރ ޓްރެފިކް ކޮންޓްރޯލަރުންނެވެ. މަތިންދާ ބޯޓުތައް އެއަރޕޯޓުގައި ޖައްސާ، އެއަރޕޯޓުން މަތިންދާ ބޯޓުން ނައްޓާލުމާއި ވައިގެ ތެރޭގައި އުދުހޭ އިރު އެއް ބޯޓު އަނެއް ބޯޓާއި ނުޖެހި އުދުހުމުގެ ހުރިހާ ޒިންމާއެއް ނަގަނީ އެއަރ ޓްރެފިކް ކޮންޓްރޯލަރުންނެވެ.
އެއަރ ޓްރެފިކް ކޮންޓްރޯލު ގެ ޙިދުމަތް ރާއްޖޭގައި އެންމެ ފުރަތަމަ ފެށިގެން ދިޔައީ ނަވާރަ ސަތޭކަ ހަތްދިހައިގެ އަހަރުތަކުގެ ތެރޭގައެވެ. ފުރަތަމަ ހިދްމަތް ދޭން ފަަށާފައިވަނީ ޖާގައިގެ ގޮތުން ކުޑަ ތަންކޮޅެއްގައެވެ. އެ ހިދުމަތް ތަރައްގީވަމުން އައިސް ރާއްޖޭގައި ފުރަތަމަ އެއަރ ޓްރެފިކް ޓަވަރެއް ހުޅުވިގެން ދިޔައީ ނަވާރަސްތޭކަ އަށްޑިހަ ތިނެއްގައި، މާލޭ އިންޓަރނޭޝަނަލް އެއަރޕޯޓު ހުޅުވިގެން ދިޔުމާއި އެކުއެވެ.
ފަތުރުވެރިކަން ރާއްޖޭގެ ކުރިއަރައި، ރާއްޖެއަށް ދަތުރުކުރާ މަތިންދާ ބޯޓުތަކުގެ އަދަދު އިތުރުވެގެން ދިޔުމާއި އެކު ޒަމާނީ ޓަވަރެއްގެ ބޭނުން ޖެހިގެންދިޔައެވެ. އެއާ އެކު ދެހާސް ދެވަނަަ އަހަރު ޒަމާނީ ވަސީލަތްތަކާއި އެކު އާ ޓަވަރެއް ޤާއިމްކުރެވިގެން ދިޔައެވެ. ރާއްޖޭގެ އެއަރ ޓްރެފިކް ކޮންޓްރޯލް ސެންޓަރުގައި ސަތޭކަ ދިހަ މީހުން ވަޒީފާ އަދާކުރަމުންދާއިރު އެންމެނަކީވެސް ދިވެހިންކަން އުފަލާއެކު ފާހަގަކޮށްލަންޖެހެއެވެ.
އެއަރ ޓްރެފިކް ކޮންޓްރޯލަރުންނަކީ އެކަމަށް ޙާއްސަ ތަމްރީން ދެވިފައިވާ މީހުންނެވެ. މޯލްޑިވްސް އެއަރޕޯޓްސް ކޮންޕެނީން އެއާ ޓްރެފިކް ކޮންޓްރޯލަރުންނަށް ތަމްރީން ދިނުމަށް ބޮޑު ހޭދައެއްކުރެއެވެ. އެހެން ނަމަވެސް އޭގެތެރެއިން ގިނަބަޔަކު ތަމްރީންތަކަށްފަހު ރާއްޖެ ދޫކޮށް، ބޭރު ޤައުމުތަކަށް ވަޒީފާ އަދާ ކުރަންދާކަން މޯލްޑިވްސް އެއަރޕޯޓްސް ކޮމްޕެނީން ވިދާޅުވެއެވެ. އެ ކުންފުނީގެ މެނޭޖިންގ ޑިރެކްޓަރ އާދިލް މޫސާ ވިދާޅުވީ ދިވެހިއެއަރ ޓްރެފިކް ކޮންޓްރޯލަރުން ކިޔެވުމަށްފަހު ރާއްޖެ ދޫކޮށްދިޔުމަކީ ރާއްޖޭގެ ވައިގެ ދަތުރުފަތުރުގެ ސިނާއަތަށް ލިބިގެންދާ ހީނަރުކަމެއްކަމަށް ދެކެވަޑައިގަންނަވާކަމަށެވެ.
ރާއްޖޭގެ އެއަރ ޓްރެފިކް ކޮންޓްރޯލުގެ ހިދުމަތްދޭން ފެށިތާ ފަންސާހަށްވުރެ ގިނަ އަހަރުވެފައިވާއިރު، މިދިޔަ އަހަރު ސަތޭކަ ސާޅީސް ދެހާހަށް ވުރެ ގިނަ މަތިންދާ ބޯޓަށް ޙިދުމަތް ދީފައިވެއެވެ. މި އަދަދަކީ ދެހާސް ހަތް ވަނަ އަހަރާއި އަޅާބަލާއިރު ތިރީސް ފަހެއް އިންސައްތަ އިތުރު އަދަދެކެވެ.
އެއަރ ޓްރެފިކް ކޮންޓްރޯލް އޮޕަރޭޓަރުން މަތިންދާ ބޯޓުތައް ބެލެހެއްޓުމުގެ އިތުރަށް، ސީ ޕްލޭންގެ އުދުހުންތައްވެސް ބަލަހައްޓައެވެ. ދުނިޔޭގެ އެންމެ ބޮޑު ސީ ޕްލޭން ފްލީޓެއް އޮންނަނީ ރާއްޖޭގައި ކަމަށްވާއިރު، ދުވާލެއްގެ މައްޗަށް އެވްރެޖްކޮށް ދުއިސައްތަ ފަންސާސް ސީޕްލޭނެއްގެ އުދުހުން އެ ސެންޓަރުން ބަލަހައްޓާކަން ފާހަގަކޮށްލެވެއެވެ.
ބައިނަލް އަޤްވާމީ އެއާ ޓްރެފިކް ކޮންޓްރޯލަރުންގެ ދުވަސް ރާއްޖޭގައި ކުލަ ގަދަކޮށް ފާހަގަކުރުމަށްޓަކައި މޯލްޑިވްސް އެއަރ ޓްރެފިކް ކޮންޓްރޯލް އަދި މޯލްޑިވްސް އެއަރޕޯޓްސް ކޮމްޕެނީ ގުޅިގެން ވަނީ ހަރަކާތްތަކެއް ކުރިއަށް ގެންދިޔުމަށް ރާވާފައެވެ.