ދެ ޓީމު 2-2އިން ހަމަހަމަވެފައި ވަނިކޮށް ޑިފެންޑަރު ކްރިސްޓިއަން ރޮމޭރޯ އިތުރު ވަގުތުގައި ޖެހި ލަނޑުން އެންމެ ފަހުގެ ޗެމްޕިއަން އާޖެންޓީނާ ވޯލްޑް ކަޕް ފުޓްބޯޅަ މުބާރާތުގެ ގަދަ 16 އަށް ދަތުރު ކޮށްފި އެވެ.
މުބާރާތުގައި މުޅިން އަލަށް ވާދަކުރި ކާބޯވޭޑޭއިން މި މެޗުގައި ދެ ފަހަރު އާޖެންޓީނާގެ ލީޑް ކެންސަލްކޮށް މެޗު އިތުރު ވަގުތަށް ގެންދިޔައީ ދިފާއީ ގޮތުން މޮޅަށް ކުޅެ، ކައުންޓަ އެޓޭކްގައި ތޫނިފިލިކަން ދައްކައިގެންނެވެ.
މި މެޗުގެ ފުރަތަމަ ގޯލު ޖެހީ 26 ވަނަ މިނިޓްގައި އާޖެންޓީނާގެ ކެޕްޓަން ލަޔޮނަލް މެސީ އެވެ. ވޯލްޑް ކަޕުގެ ތާރީހުގައި އެންމެ ގިނަ ގޯލު ޖެހި ކުޅުންތެރިޔާ އޭނާގެ ޖުމުލަ 20 އަށް ބަދަލުކޮށްލި ނަމަވެސް ނަތީޖާ ހަމަހަމަވީ 56 ވަނަ މިނިޓްގައި ޑެރޯއީ ޑުރާޓޭ ޖެހި ލަނޑުންނެވެ. މެސީ އަށް ލަނޑު ޖަހަން ލިބުނު ހުސް ފުރުސަތު ކަނާތު ފައިން ޖެހުމުން ކީޕަރު ދިފާއު ކުރިއިރު އޭނާ ޖެހި ބާރު ދެ ފްރީ ކިކް ވެސް ކާބޯވޭޑޭގެ ކީޕަރު ވޮޒީނިއާ ވަނީ ދިފާއު ކޮށްފަ އެވެ. ނަތީޖާއެއްގެ ގޮތުން ވޯލްޑް ކަޕުގައި މުޅިން އަލަށް ވާދަކުރި ގައުމު އެންމެ ފަހުގެ ޗެމްޕިއަން އިތުރު ވަގުތަށް ގެންދިޔަ އެވެ.
އާޖެންޓީނާ އަށް ދެ ވަނަ ފަހަރަށް ލީޑް ހޯދައިދިނީ އިތުރު ވަގުތުގެ 15 މިނިޓްގެ ދެ ހާފުގެ ކުޅުން ފެށިތާ ތިން މިނިޓް ފަހުން ޑިފެންޑަރު ލިސަންދްރޯ މާޓިނޭޒެވެ. އެކަމަކު 93 ވަނަ މިނިޓްގައި އޭނާ ޖެހި ލަނޑުން ލިބުނު ލީޑް ކެންސަލްވީ 103 ވަނަ މިނިޓްގައި ސިންޑީ ލޮޕޭޒް ދުރުން ފޮނުވާލި ބޯޅަ ގޮސް ގޯލުގެ މަތީ ކަނަށް ވަނުމުންނެވެ.
މި ނަތީޖާއާއެކު މުބާރާތުގެ ގަދަ 16ގައި އާޖެންޓީނާ ބައްދަލު ކުރާނީ މިސްރާ އެވެ. އެ ގައުމު ގަދަ 16 އަށް ދަތުރު ކުރީ އޮސްޓްރޭލިޔާ ބަލިކޮށްފަ އެވެ.