ޚަބަރު

ބެލޮގުންއަށް ރަތް ކާޑު ހައްގެއް ނޫން: ޕޮޗެޓީނޯ


  • އެމެރިކާއިން މިމެޗު ކާމިޔާބު ކުރީ 2 ލަނޑު ސުން ލަނޑުން

  • ޕޮޗެޓީނޯ ބުނީ ބެލޮގުން ހުރީ ވަރަށް މާޔޫސްވެފައި ކަމަށް

ފީފާ ވޯލްޑް ކަޕް ފުޓްބޯޅަ މުބާރާތުގެ 32 ޓީމުގެ ބުރުގައި އެމެރިކާ އާއި ބޮސްނިއާ އެންޑް ހާޒެގޮވީނާ ބައްދަލުކުރި މެޗުގައި އެމެރިކާގެ ފޯވަޑް ފްލަރިން ބެލޮގުންއަށް ދެއްކި ރަތް ކާޑު އޭނާއަށް ހައްގު ނޫން ކަމަށް އެޓީމުގެ ކޯޗު މައުރީސިއޯ ޕޮޗެޓީނޯ ބުނެފިއެވެ.

އޭނާ މިހެން ބުނެފައިވަނީ މެޗަށްފަހު ނޫސްވެރިންނާއި ވާހަކަ ދައްކަމުންނެވެ. ޕޮޗެޓީނޯ ބުނީ އޭނާއަށް އެއީ ރަތް ކާޑެއް ނޫން ކަމަށެވެ.

އެހާދިސާ އޭނާ ބެލިމުން ބެލޮގުން ގަސްދުގައި އިދިކޮޅު ކުޅުންތެރިއަށް ފައުލް ކުރަން މަސައްކަތް ކުރިތަން ނުފެންނަ ކަމަށެވެ. އަދި އެއީ ފުޓްބޯޅައިގާ އާންމުކޮށް ފެންނަ އެކްސިޑެންޓް ހާދިސާއެއް ކަމަށެވެ. އަދި މިމެޗުގައި ފިފްޓީ ފިފްޓީ އެއްވެސް ފުރުސަތެއްގައި އެޓީމާއި އެެއްކޮޅަށް އެއްވެސް ނިންމުމެއް ނުދާކަމަށްވެސް އޭނާ ފާހަގަ ކުރިއެވެ. އަދި ރަތް ކާޑަށްފަހު އޭނާގެ ކުޅުންތެރިން މެޗު ކޮންޓްރޯލް ކުރިގޮތް ވަރަށް ރަނގަޅު ކަމަށް ޕޮޗެޓީނޯ ބުންޏެވެ.

ޕޮޗެޓީނޯ ބުނީ ބެލޮގުން ހުރީ ވަރަށް މާޔޫސްވެފައި ކަމަށާއި އަދި ކަންވީ ގޮތުންނާއި ރަތް ކާޑެއް ލިބުމުން ދެރަވެފަކަމަށެވެ. ނަމަވެސް މިމެޗުން މޮޅުވެ ފަހު 16 ޓީމުގެ ބުރުން ޖާގަ ލިބިގެން ދިއުމުން އޭނާ އުފާވެސް ކުރާކަމަށް އެމެރިކާގެ ކޯޗު ބުންޏެވެ.

ކުރިއަށް އޮތް މެޗު ކާމިޔާބު ކޮށް ކްއާޓަރ ފައިނަލުން ޖާގަ ހޯދުން ކަމަށާއި އަދި އެމެޗުގައި ބެލޮގުންގެ ބޭނުން ހިފޭނެ ފުރުސަތު ލިބިގެންދިއުމަށް އުންމީދު ކުރާ ކަމަށް ޕޮޗެޓީނޯ ބުންނެވެ.

މެޗަށްފަހު ވާހަކަ ދައްކަމުން ބޮސްނިއާގެ ކޯޗު ސަރުގެއި ބާބަރޭޒް ބުނީ ތާރިކް މުހަރެމޯވިޗްއަށް ބެލޮގުން ކުރި ފައުލާއި ގުޅިގެން ރަތް ކާޑު ދެއްކުން އެއީ އެންމެ ރަނގަޅު ނިންމުން ކަމަށެވެ. އަދި އެކަން ކަށަވަރު ކޮށްފައިވަނީ ވީއޭއާރުން ބެލުމަށްފަހުގައި ކަން އޭނާ ފާހަގަ ކުރިއެވެ.

އޭނާ ބުނީ މިމެޗުގައި އޭނާގެ ކުޅުންތެރިންނަށް ނަތީޖާ ނެރުމުގައި ކާމިޔާބީ ނުލިބުނު ކަމަށެވެ. ނަމަވެސް އެކުޅުންތެރިން ދެއްކި ކުޅުމަށް އޭނާ ތައުރީފް ކުރިއެވެ. އަދި އެކުޅުންތެރިންނާއި މެދު އޭނާ ފަހުރުވެރިވާކަމުގައިވެސް ބާބަރޭޒް ބުންޏެވެ.

ބާބަރޭޒް ބުނީ އޭނާ ކުޅުންތެރިން ގާތު ބުނެފައިވާނީ މިމުބާރާތުގެ މިހާ ހިސާބަށް ފުރަތަމަ ފަހަރަށް ދަތުރު ކުރެވުމުން އެކަން ފާހަގަ ކޮށް އުފާކުރަންޖެހޭ ކަމަށެވެ. އަދި ކުޅުންތެރިން އިސްދަށަށް ޖަހަންޖެހޭ އެއްވެސް ސަބަބެއް ނެތް ކަމަށްވެސް ބާބަރޭޒް ބުންޏެވެ. އަދި މިއީ މިހިސާބަށް ދަތުރު ކުރެވުނު ފުރަތަމަ ފަހަރަށް ވީ ނަމަވެސް މިއީ ފަހު ފަހަރަށް ވެގެން ނުދާނެކަމަށާއި މިހާ ހިސާބުން ޓީމުގެ ކުޅުން އިތުރަށް ރަނގަޅު ކުރުމަށް މަސައްކަތް ކުރަންވީ ކަމަށް އޭނާ ބުންޏެވެ.