ޚަބަރު

ރަށްރަށުގެ އިޤްތިޞާދީ ކުރިއެރުން ގުޅިފައި ވަނީ ކުދި ވިޔަފާރިތަކާ


  • ކުދި ވިޔަފާރިތަކުގެ އުފެއްދުންތެރިކަމާއި ކުރިއެރުމަކީ ރަށް ކުރިއަރާ ކަމެއް

  • ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކަށް އެހީތެރިވުމަށް ސަރުކާރުން މަސައްކަތް ކުރޭ

ރާއްޖޭގެ ރަށްރަށުގެ އިޤްތިޞާދީ ކުރިއެރުމާއި ތަރައްޤީ ގުޅިފައި ވަނީ ކުދި، ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކާއި ކަމަށް ބިޒްނަސް ސެންޓަރ ކޯޕަރޭޝަނުގެ މެނޭޖިންގ ޑިރެކްޓަރ އިބްރާހިމް ޒިޔާއު މުޙައްމަދު ވިދާޅުވެއްޖެއެވެ.

އެންމެ ކުދި، ކުދި އަދި މެދުފަންތީގެ ވިޔަފާރީގެ ދުވަހާއި ގުޅިގެން ސޯޝަލް މީޑިއާގައި ހިއްސާކުރެއްވި ޕޯސްޓެއްގައި، ރަށްރަށުގެ އިގްތިސާދު ދެމެހެއްޓެނިވި ގޮތެއްގައި ކުރިއެރުވުމުގައި އެފަދަ ވިޔަފާރިތަކުން މުހިންމު ދައުރެއް އދަދާކުރާ ކަމަށް ޒިޔާއު ފާހަގަކުރެއްވިއެވެ.

ޒިޔާއު ވިދާޅުވީ، ކުދި ވިޔަފާރިތަކުގެ އުފެއްދުންތެރިކަމުގެ ސަބަބުން ރަށް ކުރިއެރުމުގެ އިތުރުން، ޤައުމުގެ އިޤްތިޞާދު ވަރުގަދަވެ، މުޖުތަމައުތަކަށް ދިރުން އަންނަ ކަމަށެވެ.

ކުދި ވިޔަފާރިތަކަކީ ރާއްޖޭގެ އިޤްތިޞާދުގެ މައި މޫކަން ޒިޔާއު ފާހަގަކުރެއްވިއެވެ. ޒިޔާއު ވަނީ ވަޒީފާގެ ފުރުޞަތުތައް ފަހިކުރުމާއި، އައު އީޖާދުތައް އުފެއްދުމަށް މަގުފަހި ކުރުމާއި، ރާއްޖޭގައި ދެމެހެއްޓެނިވި އިޤްތިޞާދީ ތަރައްޤީއެއް ޤާއިމްކުރުމުގައި ކުދި ވިޔަފާރިތަކުން ކުރަމުންދާ މުހިންމު މަސައްކަތަށް ތައުރީފުކުރައްވާފައެވެ.

މީގެއިތުރުން، އެންމެ ކުދި، ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކަށް އެހީތެރިވެދީ ބާރުވެރި ކުރުވައި އިތުރު ފުރުޞަޠުތައް ފަހިކޮށް ދިނުމަށް ބީސީސީން ދެމިއޮންނާނެ ކަމުގެ ޔަޤީންކަން ދެއްވާފައިވެއެވެ.

އެންމެ ކުދި، ކުދި އަދި މެދުފަންތީގެ ވިޔަފާރީގެ ދުވަސް ފާހަގަ ކުރުމުގެ ގޮތުން، އިޤްތިޞާދީ ތަރައްޤީއާއި ދަތުރުފަތުރާއި ވިޔަފާރިއާ ބެހޭ ވުޒާރާއާއެކު، ބިޒްނަސް ސެންޓަރ ކޯޕަރޭޝަން (ބީސީސީ) އާއި އެސްއެމްއީ ޑިޖިޓަލް އިން މުޅި ރާއްޖޭގައި ޙަރަކާތަކެއް ދަނީ ކުރަމުންނެވެ.

ކުދި އަދި މެދު ފަންތީގެ ވިޔަފާރިތައް ކުރިއެރުވުމަށް ސަރުކާރުން ދަނީ ގިނަ މަސައްކަތްތަކެއް ކުރައްވަމުންނެވެ. އެގޮތުން އެ ފަންތީގެ ވިޔަފާރިތަކަށް ކުރިއެރުން ހޯދައިދިނުމަށް ސަރުކާރުން ކުރައްވާފައިވާ އެންމެ ކާމިޔާބު އެއް މަސައްކަތަކީ ދިވެހިންގެ އުފެއްދުންތެރިކަމުގެ މައުރަޒު ބޭއްވުމެވެ. މި މައުރަޒުވީ އެތައް ވިޔަފާރިއަކަށް އިންވެސްޓަރުންގެ ލޯތައް ހުޅުވި، ވިޔަފާރިތަކަށް އިންވެސްޓްމެންޓް ލިބުމުގެ ފުރުޞަތުތައް ތަނަވަސްކޮށްދިން މައުރަކަށެވެ.