އަހަރުގެ މިހާތަނަށް ރިސޯޓުތަކުގައި 7 ލައްކައަށްވުރެ ގިނަ ފަތުރުވެރިން ޗުއްޓީ ހޭދަކޮށްފައިވާ ކަމަށް ފަތުރުވެރިކަމާ ބެހޭ ވުޒާރާގެ ތަފާސްހިސާބުތަކުން ދައްކައިފިއެވެ. މިއީ، ރާއްޖެ އައި ފަތުރުވެރިންގެ %71.8 އެވެ.
ފަތުރުވެރިކަމާ ބެހޭ ވުޒާރާގެ ތަފާސްހިސާބުތައް ދައްކާގޮތުން އަހަރުގެ މިހާތަނަށް ރާއްޖެއަށް މިލިޔަނަށްކަށްވުރެ ގިނަ ފަތުރުވެރިން ވަނީ ޒިޔާރަތްކޮށްފައެވެ. އެއީ 1،036،558 ފަތުރުވެރިންނެވެ.
ރާއްޖެއައި ފަތުރުވެރިންގެ ތެރެއިން އެންމެ ގިނަ އަދަދެއްގެ ފަތުރުވެރިން ޗުއްޓީ ހޭދަކޮށްފައިވަނީ، ރިސޯޓުތަކުގައެވެ. އެގޮތުން ރިސޯޓުތަކުގައި 727،709 ފަތުރުވެރިން ޗުއްޓީ ހޭދަކޮށްފައިއެވެ. ރާއްޖޭގައި މިވަގުތު 179 ރިސޯޓެއް އަންނަނީ، އޮޕަރޭޓް ކުރަމުންނެވެ. ރާއްޖޭގައި ފަތުރުވެރިންނަށް ޚިދުމަތްދޭ އެނދުގެ އަދަދުގެ %67 ހިއްސާކުރަނީ ރިސޯޓްތައްކަމަށް ފަތުރުވެރިކަމާ ބެހޭ ވުޒާރާގެ ތަފާސްހިސާބުތަކުން ދައްކައެވެ.
2ވަނައަށް އެންމެ ގިނަ ފަތުރުވެރިން ޗުއްޓީ ހޭދަކުރީ، ގެސްޓްހައުސްތަކުގައެވެ. އެއީ، 238،417 ފަތުރުވެރިންނެވެ. ރާއްޖޭގައި މިވަގުތު 923 ގެސްޓްހައުސް އަންނަނީ، އޮޕަރޭޓް ކުރަމުންނެވެ.
މި މުއްދަތުގައި ހޮޓެލްތަކުގައި 24،978 ފަތުރުވެރިން، ސަފާރީ އުޅަނދުތަކުގައި 21،008 ފަތުރުވެރިން ޗުއްޓީ ހޭދަކޮށްފައިވާ ކަމަށް ފަތުރުވެރިކަމާ ބެހޭ ވުޒާރާގެ ތަފާސްހިސާބުތަކުން ދައްކައެވެ.
* ޗައިނާ: 162،305 ފަތުރުވެރިން
* ރަޝިއާ: 144،552 ފަތުރުވެރިން
* އިނގިރޭސިވިލާތް: 84،787 ފަތުރުވެރިން
* އިޓަލީވިލާތް: 72،802 ފަތުރުވެރިން
* ޖަރުމަނުވިލާތް: 65،888 ފަތުރުވެރިން
ރާއްޖެއައި ފަތުރުވެރިންގެ ތެރެއިން އެންމެ ގިނަ ފަތުރުވެރިން އައިސްފައިވަނީ ވައިގެ މަގުންނެވެ. އެގޮތުން ވައިގެ މަގުން ރާއްޖެއަށް 1،021،711 ފަތުރުވެރިން ވަނީ އައިސްފައެވެ. މީގެތެރެއިން އެންމެ ގިނަ ފަތުރުވެރިން އައިސްފައިވަނީ، ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓަށެވެ. އެއީ، 1،009،074 ފަތުރުވެރިންނެވެ.