ޚަބަރު

2028ގައި މަސްވެރިންނަށް އެން ފޯރުކޮށްދޭން ފަށަނީ


  • މިކަން ކުރަނީ މެރިކަލްޗަރ ސިނާއަތް ފުޅާކުރުމުގެ މަސައްކަތުގެ ދަށުން

  • މިހާރުވެސް ސީވީޑް ދަނީ ހާވެސްޓްކުރަމުން

2028 ވަނަ އަހަރުގެ ތެރޭގައި މަސްވެރިންނަށް އެން ފޯރުކޮށްދެވޭވަރަށް އެ މަސައްކަތް ކުރައްވަމުން ގެންދަވާކަމަށް މަސްވެރިކަމާއި ކަނޑުގެ ވަސީލަތްތަކާ ބެހޭ ވުޒާރާގެ ސްޓޭޓް މިނިސްޓަރ މުޙައްމަދު މުއްޠަލިބް ވިދާޅުވެއްޖެއެވެ. އެމަކީ މަސްވެރިކަމުގެ ވަރަށް މުހިންމު އެއްޗެކެވެ.

ރާއްޖޭގައި ވަކި ސިނާއަތެއްގެ ގޮތުގައި މެރިކަލްޗަރ ތަރައްޤީކުރުމަށް ސަރުކާރުން ދަނީ މަސައްކަތް ކުރައްވަމުންނެވެ. މެރިކަލްޗަރ ސިނާއަތުގެ ދަށުން ތަފާތު އެކި ބާވަތްތައް ރާއްޖޭގައި ދަނީ ހާވެސްޓްކުރަމުންނެވެ. އޭގެތެރޭގައި ޑިނގާ، ހުއިފިލަނޑާ، ފާނަ، އަދި ސީވީޑް ފަދަ ބާވަތްތައް ފާހަގަކޮށްލެވެއެވެ.

ޕީއެސްއެމް ނިއުސްގެ ރާއްޖެ މިއަދު ޕްރޮގްރާމްގައި ވާހަކަދައްކަވަމުން މަސްވެރިކަމާއި ކަނޑުގެ ވަސީލަތްތަކާ ބެހޭ ވުޒާރާގެ ސްޓޭޓް މިނިސްޓަރ މުޙައްމަދު މުއްޠަލިބް ވިދާޅުވީ، ކުރިންވެސް ރާއްޖޭގައި މެރިކަލްޗަރގެ މަސައްކަތް ކުޑަގޮތަކަށް ކުރެވިފައިވާކަމަށެވެ. އެއިރު މި މަސައްކަތް ކުރަމުން ދިޔައީ ވަރަށް ކުޑަކޮށް ކޮޓޭޖް ލެވެލްގައިކަމަށާއި ނަމަވެސް މިހާރު ސަރުކާރުގެ ވިސްނުން ހުރީ މިއީ ވަކި ސިނާއަތެއްގެ ގޮތުގައި ކުރިއެރުވުމަށްކަމަށެވެ.

މާލެ ސަރަހައްދުން ކ. މަނިޔަފުއްޓާއި އެރަށް ކައިރީގައި އޮތް ފަޅެއް ވަނީ މެރިކަލްޗަރ ސިނާއަތް ކުރިއެރުވުމަށް އަމިއްލަ ކުންފުންޏަކާއި ދޫކޮށްފައެވެ. އޭގެ އިތުރުން މިވަގުތު ބޭރުގެ އިންވެސްޓަރަކާއި ގުޅިގެން ދިވެހި ކުންފުންޏަކުން ގދ ގައިވެސް މެރިކަލްޗަރ އިންވެސްޓްމަންޓެއް ދަނީ ކުރިއަށްގެންދަމުންނެވެ.

މުއްތަލިބު ވިދާޅުވީ، މި އިންވެސްޓްމަންޓްގައި ފާނަ އާލާކުރަމުން އަންނައިރު ސަރުކާރުގެ އެދުމަކަށް އެން އާލާކުރުމުގެ މަސައްކަތްވެސް އެފަރާތުން ކުރަމުން އަންނަކަމަށެވެ. އުންމީދަކީ 2028 ވަނަ އަހަރު ތެރޭގައި މަސްވެރިންނަށް އެން ލިބޭވަރަށް އެ މަސައްކަތް ކުރިއަށްގެންދިއުންކަމަށް އޭނާ ވިދާޅުވިއެވެ.

"އެމަކީ މަސްވެރިކަމުގައި ވަރަށް މުހިންމު ކޮންޕޯނަންޓަކަށް ވެފައި މޫސުން ގޯސްވާ ދުވަސްވަރު އެން ލިބުމުގެ ދަތިކަން މަސްވެރިން ވަރަށް ބޮޑަށް އިހްސާސްކުރަންޖެހޭ. އެހެންވީމަ އަޅުގަނޑުމެން މިވަނީ ބެއިޓް ފިޝަރީއެއްގެ ގޮތުގައި މި ފިޝަރީ ގާއިމްކުރުމަށްޓަކައި ކުރަންޖެހޭ މަސައްކަތްތައް ކުރުމަށްޓަކައި މި ބޭފުޅުންނާ އެކީގައި އެއްބަސްވުމަކަށް އާދެވިފައި. އެހެންވީމަ މި ބޭފުޅުން ރާއްޖޭގައި އާލާކުރަންޖެހޭ އެން އާލާކުރުމުގެ މަސައްކަތް އެ ރަށުގައި ފަށައި އަދި އިރާދަކުރެއްވިއްޔާ 2028 ވަނަ އަހަރުގެ ތެރޭގައި މި ބަލަނީ މަސްވެރިންނާއި ހަމައަށް އެން ފޯރުކޮށްދިނުމުގެ މަސައްކަތް އެ ކުންފުނި މެދުވެރިކޮށް ފޯރުކޮށްދެވޭނެކަމަށް." މުއްތަލިބު ވިދާޅުވިއެވެ.

ރާއްޖޭގައި ސީވީޑް ކަލްޗަރކުރަން އިންވެސްޓްކުރި ފަރާތުން މިހާރު އަންނަނީ ސީވީޑް ރާއްޖެއިން ބޭރަށް އެކްސްޕޯޓްވެސް ކުރަމުންނެވެ. މަސްވެރިކަމާ ބެހޭ ވުޒާރާއިން މިހާރު މަސައްކަތްކުރަމުންދަނީ ސީވީޑް އާލާކުރުމުގެ މަސައްކަތް މުޅި ރާއްޖެއަށް ފުޅާކުރުމަށެވެ.

މެރިކަލްޗަރގެ މަސައްކަތް ރަނގަޅަށް އެކަށީގެންވާ ގޮތެއްގައި ފުޅާވަމުންގޮސް ކަޅުބިލަ މަހުގެ މަސްވެރިކަމާއި އެއްވަރުގެ އާމްދަނީއެއް ނުވަތަ އެއަށްވުރެ ބޮޑު އާމްދަނީއެއް ކައިރި މުސްތަޤްބަލުގައި ލިބިގެންދާނެކަމަށް މަސްވެރިކަމާ ބެހޭ ވުޒާރާއިން އުންމީދުކުރައްވައެވެ.