އިޤްތިޞާދީ ކުރިއެރުމުގެ ދުވެލި ގުޅިފައިވަނީ އިތުބާރުގެ މައްޗަށްކަމަށް އިޤްތިޞާދީ ތަރައްޤީއާއި ދަތުރުފަތުރާއި ވިޔަފާރިއާ ބެހޭ ވަޒީރު މުޙައްމަދު ސައީދު ވިިދާޅުވެއްޖެއެވެ.
ސައީދު މިފަދައިން ވިދާޅުވީ ދިވެހި އިންވެސްޓްމަންޓް ނަފާ ފަންޑުން އެކުލަވާލާފައިވާ ދިނަފް-48 ތަޢާރަފްކުރުމަށް ބޭއްވި ރަސްމިއްޔާގަ ވާހަކަދައްކަވަމުންނެވެ.
ވަޒީރު ވަނީ ރާއްޖެ ފަދަ ކުޑަ މުޖުތަމައުއެއްގައި ސްޓޭކް ހޯލްޑަރުންގެ މެދުގައި އޮންނަ އިތުބާރަކީ އެންމެ މުހިންމުކަންތައްތަކުގެ ގޮތުގައި ސިފަކުރައްވާފައެވެ. އެއިތުބާރު ދެމިނޯންނަ ހާލަތުގައި މަސައްކަތުގެ ސްޕީޑް ދަށްވާކަމަށް އެމަނިކުފާނު ވިދާޅުވިއެވެ. ވިޔަފާރިކުރުމުގައި އިތުބާރު އޮވެއްޖެ ނަމަ ވިޔަފާރި ކުރިއަރައިދާ ނިސްބަތް ދޭހަކޮށްދޭ މިސާލެއްގެ ގޮތުގައި ވަޒީރު ދެއްކެވީ ފަތުރުވެރިކަމުގެ ސިނާއަތެވެ. މީގެ އިތުރުން ފަތުރުވެރިކަމުގެ ތެރޭގައި ހުރި ހަރުމުދަލަށް ފަންޑުކުރުމުގެ ޑިމާންޑް އޮތް ނަމަވެސް ޓްރޭޑްކުރުމުގެ ސިނާއަތް ރާއްޖޭގައި ކުރިއަރަމުން ނުދާތީ އެކަމާއި މެދު ސައީދު ވަނީ ކަންބޮޑުވުންފާޅުކުރައްވާފައެވެ.
"ޓްރޭޑް ސެކްޓަރ އޭގެ ޒާތުގައި ކުރިއަރައިގެނެއް ނުދޭ. އެއަށް ވުރެ ބޮޑަށް ފަތުރުވެރިކަމަށް ވާގިވެރިވާ ސިނާއަތެއްގެ ގޮތުގައި އޮތީ" ސައީދު ވިދާޅުވިއެވެ.
ވަޒީރު ސައީދު ވިދާޅުވީ ޓްރޭޑް ފެސިލިޓޭޓްކުރުމަށް ސަރުކާރުން މަސައްކަތްތަކެއް ކުރަމުންދާ ކަމަށާއި، ސިނާއަތްތައް ކުރިއަރުވާ ވިޔަފާރިވެރިންނަށް ޚާއްސަ ސަމާލުކަމެއް ދިނުމަކީ ސަރުކާރުން އިސްކަންދެއްވާކަމަށެވެ.
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ސިޔާސަތަކީ އަމިއްލަ ވިޔަފާރިތަކުގެ އިންވެސްޓްމަންޓްތަކާއި ރަނގަޅު އާމްދަނީ ލިބޭ ވަޒީފާތައް އުފައްދައިގެން، މެދު ރާސްތާގައި ދައުލަތުގެ މާލީ ހަމަޖެހުމާއި ދަރަނީގެ ދެމެހެއްޓެނިވިކަން ވަރުގަދަކުރުމެވެ. މީގެ އިތުރުން، ފިޗްއިން ރާއްޖޭގެ ކްރެޑިޓް ރޭޓިންގް މަތިކުރުމުން ސަރުކާރުން ރާވާފައިވާ މާލީ އިޞްލާހުތަކާއި އިޤްތިޞާދީ ފިޔަވަޅުތަކަށް ބައިނަލްއަޤްވާމީ މައިދާނުގައި އިތުބާރު ލިބެމުންދާކަން ހާމަވާކަން ސަރުކާރުން ވަނީ ފާހަގަކުރައްވާފައެވެ.
މިއަދު ތައާރަފްކުރި ދިނަފްއަކީ، ކެޕިޓަލް މާކެޓް ޑިވެލޮޕްމެންޓް އޮތޯރިޓީ، ސީއެމްޑީއޭގައި ރަޖިސްޓަރކޮށްގެން ހިންގާ ފަންޑެކެވެ. އެފަދަ ފަންޑުތަކަކީ ރާއްޖެއަށް މުހިންމު ކަމެއްގެ ގޮތުގައި ވަޒީރު ފާހަގަކުރެއްވިއެވެ.