ޚަބަރު

"ރެފްރީގެ ހަމައެކަނި ޒިންމާއަކީ ޤަވާއިދުތައް ތަންފީޒުކުރުމެއް ނޫން"


  • މެޗުގެ ހާލަތު ދެނެގަންނަން އެނގެންޖެހޭ

  • ރެފްރީންގެ ކަންކަން މޮނީޓަރ ކުރުމުގައި ބައިވެރިވުމުގެ ޝައުގުވެރިކަން ފާޅުކުރި

މެޗެއް ކުރިއަށްދާއިރު ރެފްރީގެ ހަމައެކަނި ޒިންމާއަކީ ފުޓުބޯޅައިގެ ގަވައިދުތައް ތަންފީޒުކުރުން ނޫންކަމަށާއި، މެޗު ބެލެހެއްޓުމަކީވެސް ރެފްރީގެ ޒިންމާއެއް ކަމަށް، ރާއްޖޭގެ ގައުމީ ޓީމުގެ ހެޑް ކޯޗު، އަދި އެފްއޭއެމްގެ ޓެކްނިކަލް ޑިރެކްޓަރ، އިސްޓަވާން އުރުބާނީ ބުނެފިއެވެ.

"ޕީއެސްއެމް ނިއުސް" އާ ވާހަކަދައްކަމުން އުރުބާނީ ވަނީ ރާއްޖޭގެ ރެފްރީންގެ މިވަގުތުގެ ފެންވަރާއި، މިކަން ރަނގަޅުކުރުމަށް ކުރުމަށް އޭނާއަށް ފެންނަ ކަންކަން ހިއްސާކޮށްފައެވެ.

އުރުބާނީގެ ވާހަކައިގައި މައިގަނޑު ގޮތެއްގައި ފާހަގަކޮށްފައިވަނީ، ރެފްރީންނަށް މެޗުގެ ހާލަތު އެނގުން މުހިންމުކަމެވެ. އެގޮތުން، އޭނާ ވަނީ ގަވައިދުގައި އޮންނަ ގޮތަށް ގޮއްވާ ރަނގަޅު ގޮއްވުމަކީ މެޗުގެ ހާލަތަށް ބަލާއިރު އެންމެ ރަނގަޅު ގޮއްވުމަކަށް ނުވެދާނެކަން ފާހަގަކޮށްފައެވެ.

މިކަން އިތުރަށް ތަފްސީލުކޮށްދެމުން އުރުބާނީ ވަނީ މިހާރު ކުރިއަށްދާ ފީފާ ވޯލްޑް ކަޕުން މިސާލެއް ނަގާފައެވެ. އެގޮތުން، އެންމެ ވާދަވެރި ޓީމުތަކާއި އެއަށްވުރެ ދަށް ރޭންކުތަކުގެ ޓީމެއް ކުޅޭ މެޗެއްގައި އެޓީމުން މޮޅުވާން ކުރަންޖެހޭ މަސައްކަތް ތަފާތުވާނެ ކަމަށާއި ރެފްރީއަށް އެކަން އެނގެންޖެހޭނެ ކަމަށް އުރުބާނީ ބުންޏެވެ.

"...ވޯލްޑް ކަޕާވެސް އެއްގޮތަށް. މިސާލަކަށް ބަލަމާ އެންމެ ވާދަވެރި ޓީމު، އެއަށްވުރެ ދަށް ރޭންކެއްގެ ޓީމަކާ ކުޅޭ މެޗެއް. ރެފްރީއަށް އެނގެން ޖެހޭނެ އެހާލަތުގަ ކުޅުންތެރިން މަސައްކަތްކުރަން ޖެހޭނެ މިންވަރު. އެހާ ހިސާބުން ބަހުސް މި ފެށެނީ. މިބުނަނީ ގަވައިދުތައް އެއްކޮށް އެއްފަރާތްކުރާށެކޭވެސް ނޫން. އެކަމަކު މިބުނަނީ 50/50 ހާލަތްތައް ބައިވަރޭ. ދެން އަނެއްކާ ރެފްރީން ތިބެނީ ހަމައެކަނި ގަވައިދުތައް ތަންފީޒުކުރާކަށް ނޫން. އެކަމަކު މެޗު ބެލެހެއްޓުންވެސް އެއީ އެމީހުންގެ ޒިންމާއެއް. މިކަމަށް ތަންކޮޅެއް ބޮޑަށް ވާހަކަދައްކަން އެބަޖެހޭ." އުރުބާނީ ބުންޏެވެ.

އުރުބާނީގެ ވާހަކަ އިތުރަށް ކުރިއަށްގެންދަމުން ވަނީ ޑައިމަންޑް ޖުބިލީ މުބާރާތް ތެރޭގައި ހިނގައިދިޔަ ބައެއް ކަންކަމަށްވެސް އަލިއަޅުވާލާފައެވެ. އެގޮތުން، މުބާރާތުގެ ގްރޫޕް ސްޓޭޖުގައި ރާއްޖެއާއި ޕާކިސްތާން ބައްދަލުކުރި މެޗުގައި ޕާކިސްތާންގެ ޕެނަލްޓީ އޭރިއާ ތެރެއިން ރާއްޖޭގެ ނާއިޒް ޙަސަންގެ ޖަރޒީގައި ހިފާ ވައްޓާލުމުންވެސް ޕެނަލްޓީ ނުދިން ޕްލޭގެ ވާހަކަ، އުރުބާނީ ފާހަގަކުރިއެވެ.

"ބައެއް ފަހަރު ގަވައިދުގަ އޮންނަ ގޮތަށް ރަނގަޅަށް ގޮއްވުމަކީ މެޗުގެ ހާލަތަށް ބަލާއިރު ގޯސް ގޮއްވުމަކަށްވެސް ވެދާނެ. އެހެންވީމަ މިސާލަކަށް، އަހަރުމެން މުބާރާތެއް ބާއްވަންޏާ، މިހާ ހިސާބުން ދާން މިޖެހެނީ އަސްލު ސުވާލަށް. އަހަރުމެން މުބާރާތެއް ބާއްވައިގެން އަދި އަހަރުމެން އޭގަ (ޕާކިސްތާނާ) ދެކޮޅަށް ކުޅުނުއިރު. ޑިފެންޑަރު މިހުންނަނީ އަހަރެންގެ ކުޅުންތެރިޔާގެ ޖަރޒީގައި ހިފަހައްޓައިގެން. ހިފަހައްޓާފަ ފަހަތަށް މި ދަމައިގަންނަނީ. ދަމައިގަތްއިރު ލައިންސްމަންވެސް އެބަހުރި. އެއީ ޕެނަލްޓީއަކަށް ނުވި އެންމެ ސަބަބެއް ބުނެދެވިދާނެތަ؟ އެއީ ފައުލެއްތަ؟ އެއީ ވަރަށް ސާފު ފައުލެއް. އެހެންވީމަ މިހެން ހުންނަ ކަންކަން އަލުން ބަލާލަން ލިބިއްޖިއްޔާ ވަރަށް ސާފުވާނެ އެތަނުގަ އޮތީ ވަރަށް ބޮޑަށް ދަމައިގެންފަކަން. އެހެންވީމަ ރެފްރީއަކަށް ނުބުނެވޭނެ ކަމެއް ނުވެއެކޭ." އުރުބާނީ ބުންޏެވެ.

އިސްޓަވާން އުރުބާނީ މިފަދަ ކަންކަން ފާހަގަކޮށްފައިވާއިރު، އޭނާގެ ވާހަކަތަކަށް ބާރުދޭ މިސާލެއް، ދިވެހި ޕްރެމިއަރ ލީގު ކޮލިފިކޭޝަންގައި އެންމެ ފަހުން ގދ.ގައްދޫ އާއި ޓީސީ ސްޕޯޓްސް ކްލަބް ބައްދަލުކުރި މެޗުގައިވެސް ފެނިފައި ވެއެވެ.

މެޗުގެ 94 ވަނަ މިނެޓުގައި ގައްދޫގެ ރިފްޝާން، ސެމީ ސަރކަލް ތެރެއިން ބޯޅަ ލިބިގަތުމަށްފަހު މުޅިން ހުސްކޮށް ހުރެ ކުރިއަށް ދަނިކޮށް އޭނާއަށް ޓީސީ ކުޅުންތެރިން ކުރި ފައުލަކަމަށް ރެފްރީ ވަނީ ނިންމާފައެވެ. ނަމަވެސް، އެހާލަތުގައި އޭނާ ކުރިއަށް ދާން ދޫކޮށްލިނަމަ ޓީސީގެ ގޯލަށް ވަރަށް ބޮޑަށް ނުރައްކާ ކުރެވުނީހެވެ. މިހާލަތުގައި ނިންމީ ރަނގަޅު ފައުލަކަށް ނަމަވެސް މެޗުގެ ހާލަތަށް ބަލާފައި އެންމެ ރަނގަޅުވީހީ ދޫކޮށްލިނަމައެވެ. ފައުލާ ގުޅިގެން ލިބުނު ހިލޭ ޖެހުމުން ފޮނުވާލި ބޯޅަ ދިޔައީ ހުރަސްދަނޑިމަތިން ބޭރަށެވެ.

ދިވެހި ޕްރެމިއަރ ލީގު ފެށުމުގެ ކުރިން މިފަދަ ކަންކަން އިސްލާހުކުރުމަށް ކުރަން ފެންނަނީ ކޮން ކަމެއްތޯ ސުވާލުކޮށްލުމުން އުރުބާނީ ބުނީ، ރެފްރީންގެ އިތުރުން ކޯޗުންނާއި ކްލަބްތަކުގެ ޓެކްނިކަލް އޮފިޝަލުން އެއް މޭޒަކަށް އަރާ، މަޝްވަރާތަކެއް ކުރުން މުހިންމު ކަމަށެވެ. މީގެ އިތުރުން، ރެފްރީންގެ ކަންކަން މޮނީޓަރ ކުރުމުގައި ބައިވެރިވުމުގެ ޝައުގުވެރިކަންވެސް އުރުބާނީ ފާޅުކޮށްފައިވެއެވެ.