ޚަބަރު

ލެގޯ ވޯލްޑް ކަޕް ޓްރޮފީ: 900އަށްވުރެ ގިނަ ޑައިމަންޑް


  • މި ޓްރޮފީ ހެދުމަށް އިތުރަށް ބޭނުން ކޮށްފައިވަނީ 18 ކެރެޓް ރަނުން ހެދިފައިވާ އެތިކޮޅު ތަކެއް

  • މި ލެގޯ ޓްރޮފީ ހަދާފައިވަނީ ދުބާއީގައި

900 އަށްވުރެ ގިނަ ޑައިމަންޑް ހިމަނައިގެން ފީފާ ވޯލްޑް ކަޕްގެ ލެގޯ ޓްރޮފީއެއް ހަދައިފިއެވެ.

މި ލެގޯ ޓްރޮފީ ހަދާފައިވަނީ ދުބާއީގައި ގަހަނާ އުފެއްދުމުގައި ގިނަ އަހަރު ތަކެއް ހޭދަކޮށްފައިވާ އިންޑިޔާގެ ވިޔަފާރި ވެރިއެއް ކަމަށްވާ ހެމަންތު ކަރަމްޗަންދާނީއެވެ. ކަރަމްޗަންދާނީއަށް މިތަށި ހެދުމުގެ ޚިޔާލު އައިސްފައިވަނީ އޭނާގެ ދަރިފުޅު ފީފާ ވޯލްޑް ކަޕްގެ ލެގޯ ސެޓެއް ގަތް ހިސާބުންނެވެ.

ތަފާތު ވައްތަރުގެ ގަހަނާ ހެދުމުގައި 25 އަހަރު ހޭދަކޮށްފައިވާ ކަރަމްޗަންދާނީ ބުނީ އޭނާގެ ދަރިފުޅު މިސެޓް ގެނެސް ހެދުމުގެ މަސައްކަތް ފެށުމާއެކު އޭނާގެ 10 އަހަރުގެ މިދަރިފުޅަށް ސަރޕްރައިޒް އެއް ދިނުމުގެ ޚިޔާލު އައި ކަަމަށެވެ.

ކަރަމްޗަންދާނީގެ ދަރިފުޅު މިލެގޯ ސެޓު ހެދުމަށް ތިން ދުވަސް ނެގި ކަމަަށާއި އަދި އޭނާ މިއަށް އިތުރު ކުރި ބައިތައް ހެދުމަށް 35 ދުވަސް ނެގި ކަމަށް އޭނާ ބުނިއެވެ. ކަރަމްޗަންދާނީ ފުރަތަމަ ފެށީ ތަށީގައި އިންނަ ފީފާ ނަން ޕްލޭޓް ޑައިމަންޑުން ހެދުމުގެ މަސައްކަތެވެ. އޭނާ ބުނީ މިތަށި ފުރިހަމަ ކުރުމަށް ވަގުތު ނެގި ކަމަށާއި އެއީ އޭނާ ހެދި ކޮންމެ އެތިކޮޅެއްވެސް އެސެޓުން ނެގި އެތިކޮޅަކާއި ފުރިހަމައަށް ދިމާވަންޖެހޭތީ ކަމަށެވެ.

36 ސެންޓިމީޓަރު އުސް މިޓްރޮފީ ފުރިހަމަ ކުރެވިފައިވަނީ ޑައިމަންޑްގެ އިތުރުން 18 ކެރެޓް ރަން އެތިކޮޅުތައް ހިމަނައިގެންނެވެ. މިޓްރޮފީއަށް ހަދާނެ ގޮތެއް ނުވަތަ ބަހައްޓާނެ ތަނެއް އަދި ކަނޑައެޅިފައިނުވާކަމަށްވެސް ކަރަމްޗަންދާނީ ފާހަގަކުރިއެވެ.

މިޓްރޮފީގެ ވާހަކަ ފެތުރެން ފެށުމާއެކު ޓްރޮފީއަށް ގިނަ ބައެއްގެ ޝައުގުވެރިކަން ލިބެމުން އަންނަކަމަށް އޭނާ ބުންޏެވެ. މިޓްރޮފީގެ އަގު މިހާރު 82 ހާސް އެމެރިކާ ޑޮލަރަށް އަރާނެ ކަމަށާއި، މި ލެގޯ ޓްރޮފީ ޔޫއޭއީގެ އެކި ސިޓީ ތަކުގައި ދައްކާލަން ބެހެއްޓުމަށް ނިންމާފައިވާކަމަށް ކަރަމްޗަންދާނީ ބުންޏެވެ.

18 ކެރެޓް ރަނުން ހަދާފައިވާ ފީފާ ވޯލްޑް ކަޕްގެ އަސްލު ތަށީގެ އަގަކީ ބުނެވޭ ގޮތުގައި 250 ހާސް އެމެރިކާ ޑޮލަރެވެ. ނަމަވެސް މިތައްޓަކީ ފުޓްބޯޅައިގެ ދުނިޔޭގައި އެންމެ ފާހަގަ ކޮށްލެވޭ ތަރިން ކަމުގައިވާ ޕެލޭ، ޑިއެގޯ މެރަޑޯނާ، ޒިނެދީން ޒިދާން އަދި ލިއޮނެލް މެސީ ފަދަ ކުޅުންތެރިން އުފުލާލާފައިވާ ތައްޓެއް ކަމުން އެތަށިވަނީ 20 މިލިޔަން އެމެރިކާ ޑޮލަރަށް އިންޝުއަރ ކޮށްފައެވެ.

6.14 ކިލޯގެ ބަރުދަން ހުރި 75 ސެންޓިމީޓަރު އުސް ވޯލްޑް ކަޕްގެ ތަށި މިފަހަރުގެ މުބާރާތް ކާމިޔާބު ކުރާ ޓީމަކަށްވެސް މިއަންނަ މަހުގެ 19 ވަނަ ދުވަހު އެމެރިކާގެ ނިއުޔޯކް ނިއުޖަރޒީ ސްޓޭޑިއަމްގައި ހަވާލުކުރާނެއެވެ.

1974 ވަނަ އަހަރު ވޯލްޑް ކަޕްގެ މިތަށި ފަރުމާކޮށްފައިވަނީ އިޓަލީވިލާތުގެ ފަންނާނެއް ކަމަށްވާ ސިލްވިއޯ ގަޒަނީގާއެވެ. ވޯލްޑް ކަޕްގެ އަސްލު ތަށި ސްވިޓްޒަލަންޑްގެ ޒިއުރިކްގެ މިއުޒިއަމްގައި ބަހައްޓާފައި ހުންނައިރު ވޯލްޑް ކަޕް ކާމިޔާބު ކުރާ ޓީމުތަކަށް ދެނީ ރަންވަންލޯއިން ހަދާ ރަން ޕްލޭޓް ކޮށްފައި ހުންނަ ވޯލްޑް ކަޕްގެ ޓްރޮފީއެކެވެ.