އީރާނާ ދެކޮޅަށް އެމެރިކާއިން އިސްވެ ފެށި ޣައިރުޤާނޫނީ ހަނގުރާމައިގެ ސަބަބުން އިޤުތިޞާދީ ބޮޑެތި ގެއްލުންތަކެއް ލިބުނު ޤައުމުތަކުން ކުރިމަގުގެ ލޮޅުންތަކުން ސަލާމަތްވުމަށް ޓަކައި ތެލާއި ގޭސް ރައްކާކުރާނެ އަމިއްލަ ނިޒާމުތައް ބިނާކުރަން ފަށައިފިއެވެ. ހުރްމުޒް ކަނޑުއޮޅި ތިން މަހަށް ވުރެ ދިގު މުއްދަތަކަށް ބަންދުވުމުގެ ސަބަބުން ދުނިޔޭގެ ތެލާއި ގޭހުގެ ސަޕްލައިގެ ފަސްބައިކުޅަ އެއްބައި މެދުކެނޑި، ތެޔޮ ފީފާއެއްގެ އަގު 120 އެމެރިކާ ޑޮލަރަށް އުފުލުނެވެ. ނަމަވެސް، ހަކަތައާ ބެހޭ ބައިނަލްއަޤުވާމީ ޖަމުޢިއްޔާގެ (އައިއީއޭ) 32 މެންބަރުން 400 މިލިޔަން ފީފާގެ ކުއްލި ރިޒާވް ބާޒާރަށް ނެރުމުން ޙާލަތު އިތުރަށް ގޯސްވިޔަނުދީ ހިފެހެއްޓުނު ކަމުގައި މާހިރުން ޤަބޫލުކުރެއެވެ. އައިއީއޭގެ މެންބަރުން ބާޒާރަށް ނެރެފައި ވަނީ، 1973 ވަނަ އަހަރުގެ ތެލުގެ ކާރިސާއާ ގުޅިގެން އަޅާފައިވާ ފިޔަވަޅެއްގެ ދަށުން ރައްކާކޮށްފައިހުރި 90 ދުވަހުގެ ރިޒާވުން ބަޔެކެވެ.
ހުޅަނގު އޭޝިޔާގައި އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް އިސްވެ ފެށްޓެވި ހަނގުރާމައިގެ ތެރެއިން ހާމަވެގެން ދިޔައީ ޗައިނާއިން ހަރުދަނާ ފިޔަވަޅުތަކެއް އަޅަމުން ދިޔަ މަންޒަރެވެ. މި ގޮތުން، އެ ޤައުމުގައި ރައްކާކޮށްފައި ހުރި އެއް ބިލިޔަން ފީފާގެ ރިޒާވްގެ ބޭނުންހިފައި، ބޭރުން ތެޔޮ ގަންނަ މިންވަރު ތިންބައިކުޅަ އެއްބައި ދަށްކުރިއެވެ. އެއާއެކު، އެ ޤައުމަށް އެތައް ބިލިޔަން ޑޮލަރެއްގެ ފައިސާ ސަލާމަތްކުރެވުނެވެ. އެއާޚިލާފަށް، އަމިއްލަ ރިޒާވް ކުޑަ އިންޑިޔާ، ޕާކިސްތާން އަދި ތައިލެންޑަށް ހަނގުރާމައިގެ އަސަރު ވަރަށް ބޮޑަށް ކުރިއެވެ. ރިޒާވް ނެތުމުން އެ ޤައުމުތަކަށް ޖެހުނީ ބޮޑެތި ސަބްސިޑީތައް ދިނުމާއި ޚަރަދު ކުޑަކުރުމަށް ހަރުކަށި ފިޔަވަޅުތައް އެޅުމަށެވެ.
އާބާދީ ބޮޑު އިންޑިޔާގެ ރިޒާވްގައި ހުރީ އެންމެ އަށް ދުވަހަށް ބޭނުންކުރެވޭނެ ތެޔޮ ކަމުގައިވުމުން، އެ ޤައުމުން މިހާރު ދަނީ އޮއިލް އެންޑް ނެޗަރަލް ގޭސް ކޯޕަރޭޝަން މެދުވެރިކޮށް 13 މިލިޔަން ފީފާގެ ރިޒާވެއް ބިނާކުރުމަށް މަސައްކަތް ކުރަމުންނެވެ. ބޭރުގެ ބާޒާރަށް ބަރޯސާ ބޮޑު އެހެން ޤައުމުތައް ކަމުގައިވާ ޕާކިސްތާން، އޮސްޓްރޭލިޔާ، ސިންގަޕޫރު އަދި ވިލާތުގެ ބައެއް ޤައުމުތަކުން ވެސް ދަނީ ރިޒާވް ބޮޑުކުރުމަށް މަސައްކަތް ކުރަމުންނެވެ. މީގެތެރެއިން އޮސްޓްރޭލިޔާއިން ވަނީ 50 ދުވަހުގެ ތެޔޮ ރައްކާކުރުމަށް 7 ބިލިޔަން ޑޮލަރު ޚަރަދުކުރުމަށް ނިންމާފައެވެ. އަދި، ސަޢޫދީ ޢަރަބިއްޔާގެ އަރަމްކޯ ފަދަ ކުންފުނިތަކުން ވެސް ޤައުމުން ބޭރުގައި ތެޔޮ ރައްކާކުރާ މިންވަރު އިތުރުކުރުމަށް ދަނީ ވިސްނަމުންނެވެ.
މި މަޝްރޫޢުތަކުގެ އިތުރުން ހަނގުރާމައިގެ ތެރޭގައި ބޭނުންކުރުމުގެ ސަބަބުން މަދުވެފައިވާ ރިޒާވްތައް އަލުން ފުރުމަށް އެއް ބިލިޔަން ފީފާގެ އިތުރު ޑިމާންޑެއް ބާޒާރުގައި އުފެދޭނެ ކަމުގައި މާހިރުން ޤަބޫލުކުރެއެވެ. ނަމަވެސް، އަންނަ އަހަރުގެ ތެރޭގައި މެދުއިރުމަތީގެ ޤައުމުތަކުން އެކްސްޕޯޓު ކުރާ ތެލުގެ މިންވަރު އިތުރުވާނެ ކަމަށް ބެލެވޭތީ އަގުތައް މާބޮޑަށް އުފުލިގެން ނުގޮސް، ފަސޭހަކަމާއެކު އެ ލަނޑުދަނޑިތައް ހާސިލުކުރެވޭނެ ކަމުގައި މާހިރުން ދެކެއެވެ. އެމެރިކާގެ ޣައިރުޤާނޫނީ ހަނގުރާމައިން ސާފުވި ފިލާވަޅަކީ ކުއްލިއަކަށް ދިމާވާ މި ފަދަ ބޮޑެތި ކާރިސާތަކުން ސަލާމަތްވުމަށް ރައްކާތެރިކަމުގެ ރިޒާވެއް އޮތުން ކޮންމެހެން މުހިންމު ކަމެވެ.