ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަން، އެޗްޑީސީގެ އެޕްރެންޓިސްޝިޕް ޕްރޮގްރާމުގައި ބައިވެރިވާން ހުޅުވާލައިފިއެވެ.
މިއީ، ޒުވާނުން ބާރުވެރިކުރުވުމާއި ކުޅިވަރާއި ހަށިހެޔޮކަމާބެހޭ ވުޒާރާއާ ގުޅިގެން އެ ކުންފުނިން ކޮންމެ އަހަރަކު ހުޅުލާ ފުރުސަތެކެވެ.
އެޗްޑީސީގެ އެޕްރެންޓިސްޝިޕް ޕްރޮގްރާމަކީ، ޒުވާނުންނަށް ވަޒީފާގެ މާހައުލުގެ ހުނަރު ދަސްކޮށްދިނުމަށް ކުރިއަށްގެންދާ ޕްރޮގްރާމެކެވެ. މިއަހަރުގެ ޕްރޮގްރާމުގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލާފައިވާއިރު، މި ޕްރޮގްރާމުގައި 18 އަހަރާއި 35 އަހަރާ ދެމެދުގެ ދިވެހި ޒުވާނުންނަށް ބައިވެރިވެވޭނެ ކަމަށް އެޗްޑީސީން ވިދާޅުވެއެވެ.
އެޗްޑީސީން ސިލްސިލާކޮށް ކޮންމެ އަހަރަކުވެސް ކުރިއަށްގެންދާ މި ޕްރޮގްރާމުގެ މައިގަނޑު މަޤްސަދަކީ ޤާބިލު ޒުވާނުން އުފެއްދުމާއި، ޒުވާނުން ވަޒީފާއަށް އަހުލުވެރި ކުރުވުމެވެ. އެގޮތުން މިއަހަރުގެ އެޕްރެންޓިސްޝިޕް ޕްރޮގުރާމުގައި ބައިވެރިވުމަށް މިހާރު އޮންލައިންކޮށް ފޯމު ހުށަހެޅޭނެއެވެ. މި ފުރުސަތު ހުޅުވާލީ، މި މަހުގެ ނިޔަލަށެވެ.
މި އަހަރުގެ ތަމްރީނު ޕްރޮގްރާމުގައި ހިމެނެނީ، ތިން ދާއިރާއެއް ކަމަށް އެޗްޑީސީން ވިދާޅުވިއެވެ. އެއީ، ހެލްތު އެންޑް ސޭފްޓީ އިން ކޮންސްޓްރަކްޝަނާއި، ކޮމްޕިއުޓާ ހާޑްވެއާ އެންޑް ނެޓްވޯކިން އަދި ސާވޭއިން ޓެކްނީޝަން ދާއިރާއެވެ.
ހަ މަސްދުވަހުގެ މުއްދަތަށް ކުރިއަށްދާ މި ޕްރޮގްރާމުގައި ބައިވެރިވާ ފަރާތްތަކަށް އެކި ދާއިރާތަކުން ލެވެލް 3ގެ ސަނަދެއް ހާސިލުކުރެވޭނެއެވެ. އަދި މި ޕްރޮގްރާމުގައި ބައިވެރިވާ ކޮންމެ ބައިވެރިއަކަށް މަހަކު 6,000 ރުފިޔާގެ އެލަވަންސެއް ލިބޭނެއެވެ.
މި ޕްރޮގްރާމު ފެށުމަށް ހަމަޖެހިފައިވަނީ، އަންނަ އޮގަސްޓު މަހު ކަމަށް އެޗްޑީސީން މައުލޫމާތު ދެއްވައެވެ.