ޚަބަރު

ބޮޑުތަކުރުފާނު މަގު: އަލަށް ހަދާ ސަރަޙައްދުގައި ތާރުއަޅަން ތައްޔާރުވަނީ


  • މަގު އެއްވަރުކުރުމުގެ %50 މަސައްކަތް މިހާރުވަނީ ނިމިފައި

  • ކުރިން ތާރުއަޅަން ނިންމާފައި އޮތީ ޖޫން މަހުގެ ފަހު ހަފްތާގައި

ބޮޑުތަކުރުފާނު މަގު ތަރައްޤީކުރުމުގެ މަޝްރޫއުގެދަށުން މިހާރު ހަދާ ސަރަހައްދުގައި ތާރުއެޅުމުގެ ކުރިން ވާންޖެހޭ ފަހުގެ މަސައްކަތްތައް ފަށައިފިއެވެ. ހެންވޭރު ފެރީ ޓަރމިނަލް ސަރަޙައްދުން މަގު އެއްވަރުކުރުމުގެ މަސައްކަތް މިހާރުވަނީ ފަށާފައެވެ.

މާލޭގެ އުތުރުން ބޮޑުތަކުރުފާނު މަގު ތަރައްޤީކުރުމުގެ މަސައްކަތް ބާރު ސްޕީޑުގައި އެމްޓީސީސީންދަނީ ކުރަމުންނެވެ. މިމަސައްކަތް މިމަހުގެ ނިޔަލަށް ނިންމުމަށް މަސައްކަތްކުރަމުންދާކަމަށް އެކުންފުނިން ވަނީ ކުރިން ވިދާޅުވެފައެވެ. ޕީއެސްއެމް ނިއުސްއަށް މަޢުލޫމާތު ދެއްވަމުން އެމްޓީސީސީން ވިދާޅުވީ، ހުޅުމާލޭ ޓަރމިނަލުން ފެށިގެން ފޮރިން މިނިސްޓްރީ ހުރި ހިސާބަށް މިހާރު ސަބް ގްރޭޑިންގގެ މަސައްކަތް ނިމިފައިވާކަމަށެވެ. މިއީ މިހާރު ހަދަމުންގެންދާ ސަރަހައްދުގެ ގާތްގަނޑަކަށް 50 އިންސައްތަ އެއްވަރުކޮށް ނިމުމެވެ. އެމްޓީސީސީން މަސައްކަތް ކުރަމުންދަނީ މިހަފްތާގެ ނިޔަލަށް އިއްޒުއްދީން ފާލަމާއި ހަމައަށް މަސައްކަތް ނިންމުމަށެވެ.

މަގު އެއްވަރުކުރުމުގެ މަސައްކަތަށްފަހު ދެން ކުރިއަށްދާނީ ތާރުއެޅުމުގެ މަސައްކަތެވެ. އެމްޓީސީސީން މަސައްކަތް ކުރަމުންދާ ތާވަލަށް ބަލާއިރު މިމަހުގެ ފަހު ހަފްތާގައި ތާރުއެޅުމުގެ މަސައްކަތް ކުރުމަށް ކުރިން އޮތީ ނިންމާފައެވެ. އެކުންފުނިންދަނީ ތާވަލާ އެއްގޮތަށް މިމަޝްރޫޢު އަވަހަށް ނިންމުމަށް މަސައްކަތްކުރަމުންނެވެ. މިދިޔަ ހަފްތާގެތެރޭގައި ބޮޑުތަކުރުފަނު މަގުގައި މައި ފެންހޮޅި ވަޅުލުމުގެ މަސައްކަތްވެސްވަނީ ނިންމާފައެވެ.

ބޮޑުތަކުރުފާނު މަގު ތަރައްޤީކުރަނީ 5 ސެގްމަންޓަކަށް ބަހާލައިގެންނެވެ. 580 ޖާގައިގެ ޕާކިންއަކާއެކު މަގުގެ މަސައްކަތް ކުރަނީ އެންމެ ޒަމާނީ ފެންވަރަށެވެ. ސަރުކާރުގެ މުހިއްމު އޮފީސްތަކާއި، އާންމުންގެ އޮފީސްތައް ޤާއިމުކޮށްފައިވާ މިސަރަޙައްދަކީ ކޮންމެ ދުވަހަކުވެސް އެތައް ބަޔަކު ބޭނުންކުރަމުންދާ ސަރަޙައްދެކެވެ. ބޮޑުތަކުރުފާނު މަގު ތަރައްޤީކުރުމުގެ މަސައްކަތް ކުރަމުންދާއިރު މަގު ފުޅާކުރުމަށް ފަޅުތެރެއަށް މަގުގެ ބައެއްވަނީ ޖައްސާފައެވެ. ދެކޮޅަށް ދުއްވޭނެހެން ތަރައްޤީކުރާ މިމަގުގެ ފުރަތަމަ މަރުޙަލާގައިވަނީ މާރުކޭޓު ސަރަޙާއްދުން ފެށިގެން އިއްޒުއްދީން ފާލަމާއި ހަމައަށް ތަރައްޤީކޮށްފައެވެ.

މާލެއަށް ދަތުރުކުރާ އެތައް ސަތޭކަ ބަޔަކު ކޮންމެ ދުވަހަކުވެސް ލަފާފުރުމަށް ބޭނުންކުރާ މިސަރަޙައްދު ޒަމާނީ ފެންވަރަށް ތަރައްޤީކުރުމުން އޭގެ ފައިދާ ލިބިގެންދާކަން އެމަގު ބޭނުންކުރާ އެތައް ބަޔަކުވަނީ ފާހަގަކޮށްފައެވެ.