ޔަހޫދީންގެ ޖަލުތަކުގައި ފަލަސްޠީނުގެ 4,769 ޒުވާން އަންހެނުންނާއި ފިރިހެނުން ހައްޔަރުކޮށްފައިވާ ކަމަށް ފަލަސްޠީނުގެ ގައިދީންގެ ކަންކަމާ ބެހޭ އިދާރާގެ ރައީސް، ރާއިދް އަބޫ އަލް ޙުމުސް ވިދާޅުވެއްޖެއެވެ.
އަބޫ އަލް ޙުމުސް މިކަން ހާމަކުރެއްވީ، މުޖުތަމަޢުތައް ބިނާކުރުމުގައި ޒުވާނުންގެ ދައުރާއި ޒުވާނުންނަށް ކުރިމަތިވެފައިވާ ގޮންޖެހުންތަކަށް އަލިއަޅުވާލުމުގެ ގޮތުން ކޮންމެ އަހަރަކުވެސް އޮގަސްޓު 12 ވަނަ ދުވަހު ފާހަގަކުރާ ބައިނަލްއަޤްވާމީ ޒުވާނުންގެ ދުވަހާ ގުޅުވައިގެންނެވެ.
ޔަހޫދީންގެ ޖަލުތަކުގައި، ފަލަސްތީނުގެ އުމުރުން 18 އަހަރާއި 40 އަހަރާ ދެމެދުގެ 4,713 ޒުވާން ފިރިހެނުން ބަންދުކޮށްފައިވާއިރު، ޒުވާން އަންހެނުންގެ އަދަދަކީ 56ކެވެ. އަދި އޮކްޓޫބަރު 2023 އިން ފެށިގެން ޔަހޫދީންގެ ޖަލުތަކުގައި ޝަހީދުވި ފަލަސްޠީނުގެ 91 ރައްޔިތުންގެ ތެރެއިން 41 މީހުންނަކީ ޒުވާނުން ކަމަށްވެސް އޭނާ ވިދާޅުވިއެވެ.
އަދި އެކި އުމުރުފުރާގެ އެތައް ސަތޭކަ ބައެއްގެ ހަށިގަނޑާއެކު، ޝަހީދުވި ޒުވާނުންގެ ތެރެއިން 40 މީހެއްގެ ހަށިގަނޑު އަދިވެސް ވަނީ އިސްތިޢުމާރީ ޔަހޫދީ ބާރުތަކުގެ ބެލުމުގެ ދަށުގައި ހިފަހައްޓާފައި ކަމަށްވެސް އޭނާ އިތުރަށް ވިދާޅުވިއެވެ.
އަބޫ އަލް ޙުމުސް ވިދާޅުވީ ދުނިޔޭގެ އެހެން ޒުވާނުންނެކޭ އެއްފަދައިން، އިސްތިޢުމާރީ ބާރުތަކުން ފަލަސްޠީނުގެ މުޅި އާބާދީއަށް ކުރިމަތިކުރުވާފައިވާ ނުރައްކާތަކާއި ބިރުވެރިކަމުން ނެއްޓި، އުޖާލާ މުސްތަޤުބަލަކަށް އުންމީދުކޮށް ރޭވުމުގެ ޙައްޤުފަދަ، ބައިނަލްއަޤްވާމީ ޤާނޫނުތަކާއި މުޢާހަދާތަކުން ކަށަވަރުކޮށްދީފައިވާ ޙައްޤުތައް ފަލަސްޠީނުގެ ޒުވާނުންނަށްވެސް ލިބެންޖެހޭ ކަމަށެވެ. ހަމައޭއެކު ފަލަސްޠީނުގެ ޒުވާނުންނަކީ އިސްތިޢުމާރާއި، އަނިޔާވެރިކަމާއި، ނިކަމެތިކަމުން މިނިވަންވުމަށް ކުރާ ޖިހާދުގެ މައިބަދަ ކަމަށް އޭނާ ސިފަކުރިއެވެ.
މީގެއިތުރުން، ބައިނަލްއަޤްވާމީ މުއައްސަސާތަކަށާއި، ޚާއްޞަކޮށް ޒުވާނުންގެ ކަންކަމަށް ވަކާލާތުކުރާ ޖަމްޢިއްޔާތަކަށް އިލްތިމާސްކުރައްވަމުން، ފަލަސްޠީނުގެ ޒުވާނުންނަށް އަމާޒުކޮށް އިސްތިޢުމާރީ ޔަހޫދީން ދެމުންދާ ހަމަލާތައް ކުށްވެރިކޮށް، ޔަހޫދީންގެ ފިއްތުންތަކުން މިނިވަންވެގެން އުޅުމުގެ ޙައްޤު ހޯދައިދިނުމަށް އަޑުއުފުލުމަށް އޭނާ ވަނީ ގޮވާލައްވާފައެވެ.
އޮކްޓޫބަރު 2023 ގައި ޣައްޒާއާ ދެކޮޅަށް ޔަހޫދީން ޤަތުލުޢާއްމު ފެށިފަހުން، ޖަލުތަކުގައި ތިބި ފަލަސްޠީނުގެ ބަންދީންނާ ދެކޮޅަށް ހިންގާ އިންސާނިއްޔަތާ ޚިލާފު ޢަމަލުތައް ޔަހޫދީން ވަނީ އިންތިހާއަށް އިތުރުކޮށްފައެވެ.
ޔަހޫދީންގެ ޖަލުތަކުގައި ފަލަސްޠީނުގެ 9,400 އަށްވުރެ ގިނަ ބަންދީން އެބައެއްތިއްބެވެ. މީގެ ތެރޭގައި 92 އަންހެނުންނާއި 370 އަށްވުރެ ގިނަ ކުޑަކުދިން ހިމެނެއެވެ. މި މީހުންނަށް އަނިޔާކުރުމާއި، ބަނޑަށް ބެހެއްޓުމާއި، އަދި ސިއްޙީ އެހީތެރިކަން ފޯރުކޮށްނުދީ އިހުމާލުވުމުގެ ސަބަބުން އެތައް ބަޔަކު ވަނީ ޖަލުތަކުގައި ޝަހީދުވެފައެވެ.
1948 ވަނަ އަހަރު ޔަހޫދީން އުފެއްދި ހަތިޔާރުއެޅި ނިރުބަވެރިން، ފަލަސްޠީނުގެ ބިންތަކަށް ވަދެގަނެ، ގާތްގަނޑަކަށް 750,000 އަށްވުރެ ގިނަ ފަލަސްޠީނު ރައްޔިތުން ވަނީ އެމީހުންގެ ގެދޮރުން ނެރެލާފައެވެ. އޭގެފަހުން، ޔަހޫދީން ވަނީ ފަލަސްޠީނުގެ ބާކީ ހުރި ބިންތައްވެސް އިސްތިޢުމާރުކޮށް، އދ. ގެ އެތަކެއް ޤަރާރުތަކާ ޚިލާފުވެ، އެ ބިންތަކުގައި ފަލަސްޠީނުގެ ދައުލަތެއް އުފެއްދުމަށް ދެކޮޅުހަދާފައެވެ.