ފީފާ ވޯލްޑް ކަޕް 2026ގެ ރައުންޑް އޮފް 32 އިން، ޖަރުމަނުން ޖާގަ ހޯދައިފިއެވެ.
މުބާރާތުގެ ގަދަ 32ގެ ޖާގައެއް ޖަރުމަނުން ކަށަވަރުވީ ކުރީ ގްރޫޕް ސްޓޭޖުގެ ދެވަނަ މެޗުގައި އައިވަރީ ކޯސްޓުގެ މައްޗަށް ކުރިހޯދައިގެންނެވެ. މި މެޗުން ޖަރުމަނު މޮޅުވީ 1-2ގެ ނަތީޖާއަކުންނެވެ.
ޓޮރޮންޓޯ ސްޓޭޑިއަމުގައި 43,036 ސަޕޯޓަރުންގެ ކުރިމަތީގައި ކުޅުނު ގްރޫޕް އީގެ މި މެޗުގައި ފުރަތަމަ ލަނޑުޖަހައި ލީޑުނެގީ އައިވަރީ ކޯސްޓުންނެވެ.
އެ ޓީމުން މި ލަނޑު ކާމިޔާބުކުރީ ފުރަތަމަ ހާފުގައި، މެޗުގެ 30 ވަނަ މިނެޓުގައެވެ. މިއީ ޖަރުމަނު ހާފުގެ ތެރެއިން ޕެނަލްޓީ އޭރިއާ ބޭރުން އަރިމަތިން ޔެން ޑިއޮމާންޑޭ ނެގި ހުރަހަކުން، އޭރިއާ ތެރެއިން އަމަދު ޑިއާލޯ ފޮނުވާލަން މަސައްކަތްކުރި ބޯޅަ، ކެޕްޓަން ފްރޭންކް ކެސިއޭއަށް ލިބުމުން އެ ބޯޅަ ގޯލުގެ ތެރެއަށް ވައްދާލައިގެން ކާމިޔާބުކުރި ލަނޑެކެވެ.
މި ނަތީޖާއާއިއެކު މެޗުގެ ފުރަތަމަ ހާފު ނިމުނުއިރު ޖަރުމަނުން ދެވަނަ ހާފު ފަށައިގެން، މެޗުގެ 59ވަނަ މިނެޓުގައި ގެނައި ބަދަލު ވެގެންދިޔައީ އެ ޓީމު މި މެޗުން މޮޅުކޮށްދިން ބަދަލަށެވެ. އެގޮތުން ޖަމާލް މުސިއާލާގެ ބަދަލުގައި ކުޅެން އެރި ޑެނިސް އުންޑާވް ވަނީ ކުޅެން އެރިތާ 10 މިނެޓުވެސް ނުވަނިސް ލަނޑުޖަހައި ޖަރުމަނަށް ނަތީޖާ ހަމަހަމަކޮށްދީފައެވެ.
މިއީ ނަޑިއެމް އަމީރީ އާއި ޑެނިސް އުންޑާވް ގުޅިގެން ކާމިޔާބުކުރި ގޯލެކެވެ. އުންޑާވް މި ލަނޑު ކާމިޔާބުކުރީ އަމީރީ އޭރިއާ ތެރެއަށް ނަގައިދިން ހުރަހަކުންނެވެ.
މެޗުން ޖަރުމަނު މޮޅުކޮށްދިން ލަނޑުވެސް ޖަހައިދިނީ އުންޑާވްއެވެ. މިއީ މެޗުގެ 90 މިނެޓުގެ ކުޅުން ހަމަވެ ދެއްކި އިތުރުވަގުތުގެ ތެރޭގައި އޭނާ ކާމިޔާބުކޮށްދިން ލަނޑެކެވެ. އިތުރު ވަގުތުގެ ތިންވަނަ މިނެޓުގައި މި ލަނޑު އުންޑާވް ކާމިޔާބުކޮށްދިނީ ފެލިކްސް ނެމެޗާ ތަނަަވަސްކޮށްދިން ފުރުސަތެއްގައެވެ.
އައިވަރީ ކޯސްޓު އަތުން ޖަރުމަނު މޮޅުވިއިރު އެ ޓީމުން މުބާރާތުގައި ކުޅުނު ފުރަތަމަ މެޗުގައި ވަނީ ކުރަސާއޯ އަތުން 1-7 އިންމޮޅުވެފައެވެ. މިއާއެކު ޖަރުމަނު ގްރޫޕް އީގެ އެއްވަނައިގައި އޮތީ ދެ މެޗުން 6 ޕޮއިންޓާއި ފައިދާ 7 ގޯލާ އެކުއެވެ. ދެވަނައިގައި އޮތް އައިވަރީ ކޯސްޓަށް ލިބެނީ ތިން ޕޮއިންޓެވެ.