ޚަބަރު

އަހަރުގެ ފަހުކޮޅު ފަތުރުވެރިންގެ ޢަދަދު އިތުރުވާނެ: ވަޒީރު އަމީން


  • އަހަރު ފެށީ ރާއްޖެއަށް 2.5 މިލިޔަން ފަތުރުވެރިން ގެނައުމުގެ އަމާޒާއެކު

  • މެދުއިރުމަތީގެ ހަނގުރާމައާއެކު ރާއްޖެ އަންނަ ފަތުރުވެރިންގެ އަދަދު ދަށް

  • ސަރުކާރުން އެޅި މުހިއްމު ފިޔަވަޅުތަކާއެކު މިހާރު މިސްރާބު ރަނގަޅު

މިއަހަރުގެ 3 ވަނަ އަދި 4 ވަނަ ކުއާޓާގައި ރާއްޖެއަށް އަންނަ ފަތުރުވެރިންގެ އަދަދު މިހާރަށްވުރެ ރަނގަޅުވާނެކަމަށް ފަތުރުވެރިކަމާއި މަދަނީ އުދުހުންތަކާ ބެހޭ ވަޒީރު މުޙައްމަދު އަމީން ވިދާޅުވެއްޖެއެވެ.

މިއަހަރު ރާއްޖެއަށް އައި 1 މިލިޔަން ވަނަ ފަތުރުވެރިޔާއަށް މަރުޙަބާ ކިޔުމަށް ބޭއްވި ހަރަކާތައްފަހު ނޫސްވެރިންނަށް މަޢުލޫމާތު ދެއްވަމުން ފަތުރުވެރިކަމާއި މަދަނީ އުދުހުންތަކާ ބެހޭ ވަޒީރު މުޙައްމަދު އަމީން ވިދާޅުވީ ސަރުކާރުން ކަނޑައަޅާފައިވާ ޓާގެޓަށް ފަތުރުވެރިން ގެނައުމަށް މަސައްކަތް ކުރަމުންދާކަމަށެވެ.

ފަތުރުވެރިކަމާއި މަދަނީ އުދުހުންތަކާ ބެހޭ ވަޒީރު މުޙައްމަދު އަމީން ވިދާޅުވީ ސަރުކާރުން މިއަހަރު ފެށީ ރާއްޖެއަށް 2.5 މިލިޔަން ފަތުރުވެރިން ގެނައުމުގެ އަމާޒާއެކުގައިކަމަށެވެ. ނަމަވެސް މެދުއިރުމަތީގެ ހަމަނުޖެހުންތަކާއި ދަތުރުފަތުރަށް އައި ބަދަލާއެކު ފަތުރުވެރިން ރާއްޖެއަށް އައުން މަދުވިކަން ވަޒީރު ފާހަގަކުރެއްވިއެވެ. މި ދަނޑިވަޅުގައި ސަރުކާރުން އެޅުއްވި މުހިއްމު ފިޔަވަޅުތަކާއެކު ފަތުރުވެރިކަމުގެ މިސްރާބު މިހާރު ރަނގަޅުވެފައިވާކަމަށް ވަޒީރު ވިދާޅުވިއެވެ. 

މިދިޔަ އަހަރަކީ ރައްޖެއަށް އެންމެ ގިނައިން ފަތުރުވެރިން އައި އަހަރުކަން ފާހަގަކުރައްވާ ވަޒީރު ވިދާޅުވީ މިދިޔަ އަހަރެކޭ އެއްގޮތަށް މިއަހަރުވެސް މިމަހުގެ ތެރޭގައި އެއް މިލިޔަން ފަތުރިވެރިން ހަމަވުމަކީ ރަނގަޅު ފާލެއްކަމަށެވެ.

މިއަހަރުގެ 4 ވަނަ ކުއާޓާއާހަމައަށް ދާއިރު އަމާޒަށް ކައިރިވުމަކީ އެކަށީގެންވާ ކަމެއްކަމަށް ވަޒީރު ވިދާޅުވިއެވެ. ވަޒީރު ވިދާޅުވީ މިއަހަރުގެ 3 ވަނަ އަދި 4 ވަނަ ކުއާޓާގައި ރާއްޖެއަށް އަންނަ ފަތުރުވެރިންގެ އަދަދު މިހާރަށްވުރެ ރަނގަޅުވާނެކަމަށް އަންދާޒާތަކުން ދައްކާކަަމަށެވެ.

ރާއްޖެ އަންނަ ފަތުރުވެރިންގެ އަދަދު އިތުރުކުރުމަށްޓަކައި އަންނަ މަހުގެ ތެރޭގައި ޗައިނާއާއި ރަޝިޔާގައިވެސް އެކަމަށް ޚާއްސަ މަސައްކަތްތަކެއް ކުރުމަށް ރާވާފައިވާކަން ވަޒީރު ފާހަގަކުރެއްވިއެވެ.

"2.5 މިލިޔަނާ ހަމައަށް ނުދެވުނުނަމަވެސް މިދިޔަ އަހަރުގެ ޓާގެޓް 2.24އާ ހަމައަށް ދެވުމަކީވެސް ބޮޑު ކާމިޔާބީއަކަށް ވާނެ. މިއަހަރުގެ ޖެނުއަރީ ފެބްރުއަރީގައި ސަރުކާރާއި މިދާއިރާގައި މަސައްކަތް ކުރާ އެހެނިހެން ފަރާތްތަކާ ގުޅިގެން އެއަލައިންތައް އިތުރުކުރުމަށް ގިނަ މަސައްކަތްތަކެއް ކުރެވުނު. ރާއްޖެއަށް އަންނަ ރޫޓްތަކަށް އިތުރު ރޫޓްތައް ހަމަޖައްސާ އިތުރު އެއަލައިންތައް ގެނައުމަށް މަސައްކަތް ކުރުމުން މިއަދު މިހިސާބަށް އާދެވުނީ." ފަތުރުވެރިކަމާ ބެހޭ ވަޒީރު މުޙައްމަދު އަމީން ވިދާޅުވިއެވެ.

ވަޒީރު ވިދާޅުވީ ރާއްޖެއަށް އަންނަ ފަތުރުވެރިންގެ އަދަދު އިތުރުކުރުމަށް ކުރާ މަސައްކަތްކުގެ ތެރެއިން މިއަދުވެސް އައު އެއަލައިންއެއް ރާއްޖެއަށް ދަތުރުތައް ފަށާފައިވާކަމަށާއި އިތުރު ފްރެންޗް އެއަލައިންއެއްވެސް ރާއްޖެއަށް ދަތުރުތައް ފެށުމަށް ހަމަޖެހިފައިވާކަމަށެވެ. އެއަރ ސަރވިސް އެގްރީމަންޓްތަކާއެކު މަސައްކަތްތައް ކޮށްގެން އިތުރު އެއަލައިންތައް ރާއްޖެއަށް ގެނައުމަށް ގިނަ މަސައްކަތްތަކެއް ކުރައްވާކަން ވަޒީރު ފާހަގަކުރެއްވިއެވެ.

ރާއްޖެއަށް އައިސްފައިވާ ފަތުރުވެރިންގެ އަދަދު 1 މިލިޔަނަށް އަރާފައިވާއިރު މިހާރު ދުވާލަކަށް އެވްރެޖްކޮށް ރާއްޖެއަށް އަންނަ ފަތުރުވެރިންގެ އަދަދު އުޅެނީ 5000 އިން މަތީގައެވެ.