ޚަބަރު

ދިއްދޫ ދިވެހި ޕްރެމިއަރ ލީގަށް، ގްރީންއަށް ފުރުސަތެއް


  • މެޗު އެއްވަރުވީ 2-2 ގެ ނަތީޖާއިން

  • ދިއްދޫ މިވަނީ ޑީޕީއެލްއިން ޖާގަ ކަށަވަރުކޮށްފައި

ވާދަވެރި ކުޅުމަކަށްފަހު ހއ.ދިއްދޫ އާ އެއްވަރުކޮށް، ދިވެހި ޕްރެމިއަރ ލީގުގައި ދެމިއޮތުމަށް ކްލަބް ގްރީން ސްޓްރީޓްސަށް އިތުރު ފުރުސަތެއް ލިބިއްޖެއެވެ.

ގަލޮޅު ރަސްމީ ދަނޑުގައި ކުޅުނު މި މެޗު އެއްވަރުވެފައިވަނީ 2-2 ގެ ނަތީޖާއިންނެވެ.

މިމެޗުގައި ދިއްދޫއިން ކާމިޔާބުކުރި ދެ ގޯލުވެސް ކާމިޔާބުކުރީ ކޯނަރުންނެވެ. އެގޮތުން، މެޗުގެ ފުރަތަމަ ގޯލު 15 ވަނަ މިނެޓުގައި ކާމިޔާބުކޮށްދިނީ ސެއިންޓް ޑަންޖޫމާ ގުމްބަރީއެވެ. ނަމަވެސް، ގްރީނުން ވަނީ އޭގެ ކުޑައިރުކޮޅެއް ފަހުން މެޗުގެ ނަތީޖާ އެއްވަރުކޮށްފައެވެ.

ގްރީންގެ ކޯނަރެއް ދިފާއުކުރަން އުޅުމުގެ ތެރޭގައި ދިއްދޫ ކުޅުންތެރިންނަށް ހެދުނު ގޯހެއްގެ ފައިދާ ނަގައިގެން މުޅިން ހުސްކޮށް ހުރެ މި ގޯލު ކާމިޔާބުކޮށްދިނީ ޢުބައިދާ ކާމިދް އަޙްމަދެވެ. ގްރީންގެ ގޯލާއެކު، ދެޓީމުގެ ފަރާތުންވެސް ނުރައްކާތެރި ހަމަލާތަކެއް ފެނިގެންގޮސްފައި ވެއެވެ.

ދިއްދޫއިން މެޗުގައި ދެވަނަ ފަހަރަށް ލީޑު ނެގީ މެޗުގެ 34 ވަނަ މިނެޓުގައި ލިބުނު ކޯނަރަކުންނެވެ. ގްރީން ކުޅުންތެރިންތަކެއް ބޮނޑިވެފައި އޮތް ދިމާލެއްގައި ހުރެފައި މި ގޯލު ދިއްދޫއަށް ކާމިޔާބުކޮށްދިނީ ޙުސައިން ރަޝީދެވެ.

މިއާއެކު މެޗުގެ ފުރަތަމަ ހާފު ނިމިފައިވަނީ 1-2 ގެ ނަތީޖާއިން ދިއްދޫ ކުރީގައި އޮވެގެންނެވެ.

މެޗުގެ ދެވަނަ ހާފުގައިވެސް ދެޓީމަށްވެސް ގޯލު ޖަހާނެ ރަނގަޅު ފުރުސަތުތަކެއް ލިބި، ގްރީނުން އިތުރު ގޯލެއްވެސް ކާމިޔާބުކުރިއެވެ. ނަމަވެސް ރެފްރީ ނިންމަވާފައިވަނީ އެއީ އޮފްސައިޑް ގޯލެއް ކަމަށެވެ.

ގްރީންގެ ދެވަނަ ގޯލުވެސް ކާމިޔާބުކޮށްދިނީ ޢުބައިދާއެވެ. މިއީ، ދިއްދޫގެ ޑިފެންސް ފޫއަޅުވާލުމަށްފަހު ގްރީން ކުޅުންތެރިން ޕެނަލްޓީ އޭރިއާ ތެރެއަށް ވަނުމަށްފަހު ނަގައިދިން ހުރަހަކުން އޭނާ ކާމިޔާބުކުރި ގޯލެކެވެ.

މި ނަތީޖާއާއެކު، ކުޅުނު 4 މެޗުން ލިބުނު 7 ޕޮއިންޓާއެކު ދިއްދޫ މިވަނީ ދިވެހި ޕްރެމިއަރ ލީގުގެ އަންނަ ސީޒަނުން ޖާގަ ހޯދާފައެވެ. އަދި، ތާވަލުގެ ފުލުގައި އޮވެގެން މެޗު ފެށި ގްރީނަށް މިވަނީ އެޓީމުގެ ކުރިއަށްހުރި މެޗުތަކުން ރަނގަޅު ނަތީޖާއެއް ނެރެވިއްޖެ ނަމަ ޕްރެމިއަރ ލީގުގައި ދެމިއޮތުމަށް އިތުރު ފުރުސަތެއް ލިބިފައެވެ.