ޚަބަރު

ޔަހޫދީން ކޮންމެ ދުވަހަކު ޣައްޒާގެ ކުޑަކުއްޖަކު ޝަހީދުކޮށްލާ


ފަލަސްޠީނުގެ ޣައްޒާގެ ރައްޔިތުންގެ ނަސްލުހޭދުކުރުމަށް ހިންގި ޤަތުލުޢާންމު މެދުކަނޑައިލި ފަހުން ވޭތުވެދިޔަ އަށް މަހަށްވުރެ ދިގު މުއްދަތުގައި، އެވުރެޖުކޮށް ކޮންމެ ދުވަހަކު ކުޑަކުއްޖަކު ޝަހީދުކޮށްލާފައިވާ ކަން އެކުވެރި ދައުލަތްތަކުގެ (އދ) ކުޑަކުދިންނާ ބެހޭ ފަންޑުން (ޔުނިސެފް) ހާމަކޮށްފިއެވެ. ޔަހޫދީން ހިޞާރުކޮށްފައިވާ ޣައްޒާއަށް ދެމުންދާ ޙަމަލާތައް ހުއްޓައިނުލާތީ، ޔުނިސެފްގެ ތަރުޖަމާނު ޖޭމްސް އެލްޑަރ ވަނީ މި އެއްބަސްވުމަކީ ރަޙުމެއްނެތް، ނުރައްކާތެރި ކުޅިވަރެއްގެ ގޮތުގައި ސިފަކުރައްވާފައެވެ. 2025 ވަނަ އަހަރުގެ އޮކްޓޫބަރު މަހު ޙަމަލާތައް ހުއްޓައިލުމަށް ނިންމި ފަހުން، ޔަހޫދީ ފައުޖުތަކުން މަދުވެގެން 265 ކުޑަކުދިން ޝަހީދުކޮށްލައި، 400 އަށްވުރެ ގިނަ ކުދިން ޒަޚަމު ކޮށްލާފައިވާ ކަން އޭނާ ހާމަކުރެއްވިއެވެ.

އެލްޑަރ ވިދާޅުވީ، ޣައްޒާގެ ކުޑަކުދިން ޝަހީދު ކުރަމުން ދަނީ ގެދޮރާއި، މަދަރުސާތަކުގެ އިތުރުން ފޭލިގެތަކާއި ކުޅިވަރު ކުޅޭ ޢާންމު މައިދާންތަކަށް ދެމުންދާ ނިރުބަވެރި ޙަމަލާތަކުގައި ކަމުގައެވެ. ޔަހޫދީން ވެރިވެގަނެ، ކޮންޓުރޯލު ނަގާފައިވާ ސަރަޙައްދުގައި ކަނޑައަޅާފައިވާ "ޔެލޯ ލައިން" އާއި "އޮރެންޖް ލައިން" ފުޅާކުރަމުންދާ ދިއުމަށް އިޝާރާތްކުރައްވައި އޭނާ ވިދާޅުވީ، އެ ސަރަޙައްދާ ކައިރިވާ ކޮންމެ މީހަކަށް އިސްތިޢުމާރީ ސިފައިން ޙަމަލާތައް އަމާޒުކުރަމުންދާ ކަމުގައެވެ. މި ގޮތުން، ފޭލިގެއެއްގައި ހުރި 12 އަހަރުގެ އަންހެން ކުއްޖެއްގެ މެޔަށް ބަޑިޖަހައި ޝަހީދުކޮށްލާފައިވާ ކަމަށާއި، ގެއެއްގެ ތެރޭގައި ހުރި ތިން އަހަރުގެ ކުއްޖެއްގެ މޫނަށް ޑްރޯނެއް ބޭނުން ކޮށްގެން ޙަމަލާދީ، ޝަހީދުކޮށްލާފައިވާ ކަން އޭނާ ހާމަކުރެއްވިއެވެ.

ޔަހޫދީ ސިފައިންގެ ޙިޞާރާއި އަސްކަރީ ހުރަސްތަކުގައި ޣައްޒާގެ ޞިއްޙީ ނިޒާމު ވަނީ ފުނޑުފުނޑު ކޮށްލާފައެވެ. ޒަރޫރީ ބޭސްތައް އެތެރެކުރުން މަނާކުރުމުގެ ސަބަބުން ބަލިތަކާއި އިންފެކްޝަންތައް އިތުރުވެ، ގުނަވަންތައް ބުރިކުރަންޖެހޭ މިންވަރު އިތުރުވެފައިވާއިރު، ޣައްޒާގެ ހަސްފަތާލުތައް ވަނީ ބޭހާއި ތެލަށް ޖެހިފައެވެ. ޣައްޒާގެ ކުދިންނަށް ނަފްސާނީ ގޮތުން ލިބެމުންދާ އަނިޔާ ބަރުދާސްތު ނުކުރެވޭ މިންވަރަށް ގޮސްފައިވާއިރު، ބިރުވެރިކަމާއި އަނިޔާވެރިކަން އެ ކުދިންގެ ދިރިއުޅުމާ ގުޅިފައިވާ ކަމުގައި ވިދާޅުވެ، އެލްޑަރ ވަނީ ކަންބޮޑުވުން ފާޅުކުރައްވާފައެވެ. މީގެ އިތުރުން، ލުބްނާންގައި ވެސް މާރިޗު 2 ވަނަ ދުވަހުން ފެށިގެން ޢުދުވާންތައް ފުޅާކޮށް، 247 ކުޑަކުދިން ޝަހީދުކޮށްލައި، އިތުރު 992 ކުދިން ޒަޚަމު ކޮށްލާފައިވާ ކަން ޔުނިސެފުން ހާމަކުރިއެވެ.

ފަލަސްޠީނުގެ ޞިއްޙީ އިދާރާތަކުން ބުނީ، 2023 އޮކްޓޫބަރު 7 އިން ފެށިގެން ޔަހޫދީން ހިންގި ޤަތުލުޢާންމުގައި ޝަހީދު ކޮށްލާފައިވާ މީހުންގެ އަދަދު 73،018 އަށް އުފުލިފައިވާ ކަމަށާއި، ޒަޚަމު ކޮށްލާފައިވާ މީހުންގެ އަދަދު 173،273 މަތިވެފައިވާ ކަމުގައެވެ. އަދި، އޮކްޓޫބަރު 11 ގައި ޙަމަލާތައް މެދުކަނޑައިލި ކަން އިޢުލާންކުރި ފަހުން ވެސް ޚާން ޔޫނިސްގެ ހުޅަނގުގައިވާ އަލް-މަވާސީގައި ރެފިއުޖީން ތިބި ފޭލިގެއަކަށް ދިން ޙަމަލާއާއެކު، އެއްބަސްވުމަށް އަމަލުކުރަން ފެށި ފަހުން ޝަހީދުކޮށްލި މީހުންގެ އަދަދު 1,007 އަށް އުފުލިފައިވާ ކަމުގައެވެ. އަދި އިތުރު 3,165 މީހުން ޒަޚަމްކޮށްލާފައިވާ ކަމުގައެވެ.