މޫސުމީ ބަދަލުތަކުގެ ސަބަބުން ކުރިމަތިވާ ގެއްލުންތަކުން އަރައިގަތުމަށް ދޭ އެހީ އިތުރުކުރުމަށް ރާއްޖެއިން ގޮވާލައިފިއެވެ.
ރާއްޖެއިން މިކަމަށް ގޮވާލީ އދ.ގެ އިންސާނީ ހައްގުތަކާ ބެހޭ މަޖިލީހުގެ 62 ވަނަ ދައުރުގައި މޫސުމީ ބަދަލުތަކުން އިންސާނީ ހައްގުތަކަށް ކުރާ އަސަރު ދެނެގަތުމާއި ގުޅޭގޮތުން ބޭއްވި ބައްދަލުވުމުގައި ވާހަކަދައްކަވަމުން އދ.ގެ އޮފީހަށް ދިވެހިރާއްޖެއިން ކަނޑައަޅުއްވާފައިވާ ދާއިމީ މަންދޫބު ޑރ. ސަލްމާ ރަޝީދެވެ.
ޑރ. ސަލްމާ ރަޝީދުގެ ވާހަކައިގައިވަނީ ހުރިހާ ގައުމުތަކުން "މަލްޓިޑައިމެންޝަނަލް ވަލްނަރަބިލިޓީ އިންޑެކްސް" (MVI) ބަލައިގަތުމަށް ގޮވާލައްވާފައެވެ.
މަލްޓިޑައިމެންޝަނަލް ވަލްނަރަބިލިޓީ އިންޑެކްސް (އެމްވީއައި) އަކީ އިޤްތިޞާދީ، ތިމާވެށި، އަދި އިޖުތިމާޢީ ގޮތުން ކުރިމަތިވާ ނުރައްކާތަކުން އަރައިގަތުމަށް ގައުމެއްގެ ނާޒުކުކަމާއި ގާބިލުކަން ހުރި މިންވަރު ދެނެގަތުމަށް އދ.ން އެކުލަވާލާފައިވާ ބައިނަލްއަގުވާމީ މިންގަނޑެވެ. މިއީ ޖީޑީޕީ ނުވަތަ ބޮލަކަށްޖެހޭ އާމްދަނީ ފަދަ އާންމުކޮށް ގައުމުތަކުގެ މުއްސަނދިކަން މިންކުރާ އުސޫލުތަކަށްވުރެ ފުޅާ ދާއިރާއެއްގައި، ގައުމަކަށް ބޭނުންވާ އެހީތެރިކަން ދެނެގަތުމަށް މަގުފަހިކޮށްދޭ މިންގަނޑެކެވެ.
މޫސުމީ ބަދަލުތަކާ ގުޅިގެން އުފައްދާފައިވާ ބައިނަލްއަގުވާމީ ފަންޑުތަކަށް، ޚާއްސަކޮށް "ފަންޑް ފޯ ރެސްޕޮންޑިންގ" ފަދަ ވަސީލަތްތަކަށް ބޭނުންވާ ފައިސާ ފުރިހަމައަށް ހަމަޖެއްސުމަށް ރާއްޖެއިން ބާރުއެޅިއެވެ.
At #HRC62, Ambassador Dr. Salma Rasheed delivered a statement during the Annual Panel Discussion on the Adverse Impacts of Climate Change on Human Rights, highlighting the disproportionate challenges faced by vulnerable countries including the Maldives.
— Maldives Mission GVA (@MDVinGeneva) June 19, 2026
She called on all States… pic.twitter.com/duRKZvScZp
މީގެއިތުރުން، ތިމާވެށީގެ ސަބަބުން އިންސާނީ ޙައްގުތަކަށް ކުރާ އަސަރާއި ގުޅޭގޮތުން ވާހަކަދައްކަވަމުން، ސަލްމާ ވަނީ ތިމާވެއްޓަށް އަންނަ ބަދަލުތަކާއި ގުޅިގެން، ރާއްޖެ ފަދަ މޫސުމީ ހިރާސް ބޮޑު ޤައުމުތަކަށް ވަރަށް ބޮޑަށް އަސަރުކުރާކަން ފާހަގަކުރައްވާފައެވެ.
ހަމައެހެންމެ، މޫސުމީ ބަދަލުތަކާއި އިންސާނީ ޙައްގުތަކާ ބެހޭ ޚާއްސަ ރެޕަޓުއާއާއެކު ބޭއްވި މުހިންމު މަޝްވަރާގައި، ދިވެހިރާއްޖޭގެ ފަރާތުންވަނީ ބަޔާނެއް އިއްވާފައެވެ. މިބަޔާނުގައި ކާބޯތަކެތީގެ ރައްކާތެރިކަމާއި، މޫސުމީ ވިލުންތެރިކަމާއި ދެމެދު އޮތް ގުޅުމުގެ މައްޗަށް ވަނީ އަލިއަޅުއްވާލާފައެވެ.
އަދި ދޮށީގެ މަސްވެރިކަމަކީ ދެމެހެއްޓެނިވި ގޮތެއްގައި މަސްވެރިކަން ބެލެހެއްޓުމުގެ ނަމޫނާ މިސާލެއްގެ ގޮތުގައި ރާއްޖެއިން ވަނީ ފާހަގަކޮށްފައެވެ. ރަށު ފެންވަރުގައި ކުރެވޭ މިފަދަ މަސައްކަތްތަކުގެ ސަބަބުން، އާންމު ދިރިއުޅުމުގެ ފުރުސަތުތައް ފަހިވެ، މޫސުމީ ބަދަލުތަކުން ކުރިމަތިވާ ގޮންޖެހުންތަކަށް ކުރިމަތިލުމުގެ ގާބިލުކަން އިތުރުވާކަމަށް ރާއްޖެއިން ޤަބޫލުކުރާކަމަށް ވިދާޅުވިއެވެ.
އަދި މުޖުތަމަޢުތައް އިސްވެ ކުރާ މަސައްކަތްތަކާއި އެކުއެކީ، ހަރުދަނާ ކާނާގެ ނިޒާމެއް ގާއިމުކުރުން މުހިންމުކަން ރާއްޖެއިން ފާހަގަކޮށްފައިވެއެވެ. މީގެއިތުރުން ބައިނަލްއަގުވާމީ އެއްބާރުލުން އިތުރުކުރުމާއި، މޫސުމީ ކަންކަމާއި ގުޅިގެން ހިލޭ އެހީގެ ގޮތުގައި ލިބޭ ފައިސާގެ ނިޒާމާއި، ކަންކަމުގައި ހައްލު ހޯދުމުގައި އެ ޤައުމެއްގެ ރައްޔިތުން މެދުވެރިވެގެން ހޯދާ ހައްލުތަކަށް ބާރުވެރިކަން ހޯދާދިނުމަށްވެސް ރާއްޖެއިން ވަނީ ގޮވާލާފައެވެ.
އިންސާނީ ހައްގުތަކާ ބެހޭ މަޖިލީހުގެ ހަވާސާގައި ބޭއްވި ތަފާތު ސަގާފަތްތައް ދައްކާލުމުގެ ހަރަކާތެއްގައި ޖެނީވާގައި ހުންނަ ރާއްޖޭގެ ދާއިމީ މިޝަނުން ވަނީ ބައިވެރިވެފައެވެ. މިހަރަކާތުގައި ގާއިމުކުރި ދިވެހިރާއްޖޭގެ ސްޓޯލުން ރާއްޖޭގެ މުއްސަނދި ސަގާފީ ތަރިކައާއި، އަތްތެރި މަސައްކަތްތެރިކަމާއި، ދިވެހި ކާނާގެ ރަހަތަކާއި، އަދަބިއްޔާތު ދައްކާލާފައިވެއެވެ. މި ހަރަކާތަށް ޒިޔާރަތްކުރި ފަރާތްތަކަށް ރާއްޖޭގެ ޚާއްސަ އާދަކާދަތަކާއި، ދިވެހިވަންތަކަން ބިނާވެފައިވާ ގޮތުގެ މައުލޫމާތު ވަނީ ފޯރުކޮށްދީފައެވެ.