ޚަބަރު

ޑައިވިންގ އޮޕަރޭޝަންގައި ބައިވެރިވި ފުލުހުންނާއި ސިފައިންގެ އަގުވަޒަންކުރައްވައިފި


  • ރަސްމިއްޔާތު އޮތީ ބަންޑާރަކޮށީގައި

  • އޮޕަރޭޝަންގައި ބައިވެރިވި ފުލުހުންނާއި ސިފައިންނަށް ވަނީ ހިތްވަރުދެއްވާފައި

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު، ވ. އަތޮޅުގައި ކުރިއަށްގެންދިޔަ ޚާއްސަ ޑައިވިންގ އޮޕަރޭޝަންގައި ބައިވެރިވި ފުލުހުންނާއި ސިފައިންގެ އަގު ވަޒަންކުރައްވައިފިއެވެ.

ބަންޑާރަކޮށީގައި ބޭއްވި މި ރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާގެ ފަރާތްޕުޅުން ބައިވެރިވެވަޑައިގަތީ ދާޚިލީ ސަލާމަތާއި މަސައްކަތްތެރިކަމާއި ފަންނިއްޔާތާ ބެހޭ ވަޒީރު ޢަލީ އިޙްސާންގެ އިތުރުން، ދިފާޢީ އަދި ވަޠަނީ ޚިދުމަތާ ބެހޭ ވަޒީރު ހަސަން ރަޝީދެވެ.

މި ރަސްމިއްޔާތުގައި އޮޕަރޭޝަންގެ ބައިވެރިންގެ އަގު ވަޒަންކޮށް ރަައީސުލްޖުމްހޫރިއްޔާގެ ފަރާތްޕުޅުން ހަނދާނީލިޔުން ހަވާލުކުރުމާއި، އޮޕަރޭޝަންގެ ބައިވެރިންނަށް ހިތްވަރުދެއްވުން ކުރިއަށް ދިޔައެވެ.

މި ރަސްމިއްޔާތުގައި ކޮމިޝަނަރ އޮފް ޕޮލިސް އަހުމަދު މުޙައްމަދާއި، ޗީފް އޮފް ޑިފެންސް ފޯސް މޭޖަރ ޖެނެރަލް އިބްރާހީމް ޙިލްމީގެ އިތުރުން ފުލުހުންނާއި، ސިފައިންގެ އިސް އޮފިސަރުން ބައިވެރިވެވަޑައިގެންނެވިއެވެ.

އެކި ދާއިރާތަކުން ސަލާމަތީ ޚިދުމަތްތަކުގެ ޤާބިލްކަން އިތުރުކުރުމަށް އިދާރަތަކުން ދަނީ ކެނޑިނޭޅި މަސައްކަތްކުރަމުންނެވެ. ޚާއްސަކޮށް އިންސާނީ ވަސީލަތްތައް މަދު ދާއިރާތަކުން މީހުން ތަމްރީންކުރުމަކީ އިދާރާތަކުން ޚާއްސަ އިސްކަމެއް ދެއްވާކަމެކެވެ.

ވ. އަތޮޅުގައި ޑައިވިންއަށްގޮސް އުޅެނިކޮށް މިދިޔަ މޭމަހު ގެއްލުނު އިޓަލީވިލާތުގެ ޑައިވަރުން ހޯދުމަށްޓަކާ ހައި ރިސްކް އޮޕަރޭޝަނެއް ވަނީ ކުރިއަށްގެންގޮސްފައެވެ.