ކުޅިވަރު

ކޮރެޔާގެ ޕްރެކްޓިސް ޑްރޯނުން ވަގަށް ނަގައިފި!


ވޯލްޑް ކަޕް ފުޓްބޯޅަ މުބާރާތުގައި ދެކުނު ކޮރެޔާއިން މުބާރާތް ބާއްވާ ގައުމު މެކްސިކޯއާ ދެކޮޅަށް ކުޅެން ތައްޔާރުވަނިކޮށް ފަރިތަކުރުންތައް އޮތް ދަނޑުގެމަތިން ޑްރޯން ދަތުރު ކުރުމުން ކޮރެޔާއިން ހިތްހަމަ ނުޖެހުން ފާޅުކޮށްފި އެވެ.

މެޗުގެ ކުރިން ވާހަކަ ދައްކަމުން ކޯޗު ހުންގް މިޔުން ބޯ ބުނީ ޑްރޯން ފެނުނީ ޕްރެކްޓިސް ފެށި ފަހުން ކަމަށެވެ.
"ނަސީބަކުން އެ ޑްރޯން ގެންގޮސްފި އަހަރުމެން ޓެކްޓިކްސް އަށް މަސައްކަތް ފެށުމުގެ ކުރިން. ފަރިތަކުރުންތަކުގެ އެންމެ މުހިންމު ބަޔަކީ އެއީ. އެކަމަކު މިފަދަ ކަންކަން ހިނގުމަކީ އެދެވިގެންވާ ކަމެއް ނޫން،" ކޯޗު ބުންޏެވެ.

ބައެއް ރިޕޯޓްތައް ބުޏާ ގޮތުން މި މައްސަލަ ކޮރެޔާއިން ޖެއްސުމުން އެންމެ ފުރަތަމަ މެކްސިކޯއިން ދިނީ ފިނި ޖަވާބެކެވެ. ނަމަވެސް އެ ގައުމުގެ މިލިޓަރީން ވަނީ މި ޑްރޯން އަތުލައިގެންފަ އެވެ. ވޯލްޑް ކަޕް ފުޓްބޯޅަ މުބާރާތުގައި ގައުމުތަކުން ފަރިތަކުރާ ދަނޑުތަކާއި މެޗުތައް ކުޅޭ ސްޓޭޑިއަމްތަކުގެ މަތިން ޑްރޯން ދަތުރު ކުރުން ވަނީ މަނާކޮށްފަ އެވެ.

މި މެޗުގެ ކުރިން ވާހަކަ ދައްކަމުން މެކްސިކޯގެ ކޯޗު ހާވިއާ އަގުއިރޭ ބުނީ އޭނާގެ ޓީމު މުބާރާތުގެ ފުރަތަމަ މެޗުގައި ދެކުނު އެފްރިކާއިން އަތުން މޮޅުވި މެޗުގައި ގިނަ ގޯލުތަކެއް ނުޖެހުނަސް ސަޕޯޓަރުންގެ ފަރާތުން ފެނުނީ ކެތްތެރިކަން ކަމަށެވެ.

"އަހަރުމެންނަށް ހަތަރު ގޯލު ވެސް ޖެހުނީސް. އެކަމަކު އެކަން ނުވެގެން ދަނޑުތެރެއިން ޓީމަށް މަލާމާތް ކޮށް ހެދިތަނެއް ނުފެނުނު. އެއީ ވަރަށް ބޮޑު ހިތްހަމަ ޖެހުމެއް. ސަޕޯޓަރުންނަކީ އަމިއްލަ ގައުމުގައި މުބާރާތް ކުޅޭއިރު މޮޅުވުމުގެ ސިއްރެއް،" ކޯޗު ބުންޏެވެ.