ޚަބަރު

ދެ އަހަރާ ބައިގެ ތެރޭގައި ސާބިތުކޮށްދެއްވީ ދަރަނީގެ ދަންތުރައިން ރާއްޖެ ސަލާމަތްކުރެވޭނެކަން!


  • 10 އަހަރު ދުވަހުން ދެއްކި ދަރަނީގެ އަދަދު ވަނީ ދައްކާފައި

  • ވާރުތަވި 2.34 ބިލިޔަން ޑޮލަރު އިތުރަށް ދައްކަން އެބަހުރި

ކުރީ ސަރުކާރުތަކުން ނަގާފައިވާ ލޯނުތަކުގެ ސަބަބުން ރާއްޖެއަށް ދިމާވެފައި އޮތް އެންމެ ބޮޑު ކަންބޮޑުވުމަކީ އެ ލޯނުތައް ނުވަތަ އެ ދަރަނިތައް ދައްކާނެގޮތެކެވެ. އަދުގެ ސަރުކާރަށް އެތައް ބިލިޔަން ރުފިޔާއެއްގެ ދަރަނި ވާރުތަވެފައިވާއިރު ޤައުމު ބަނގުރޫޓުވާނެ ކަމަށްވެސް އެކި ފަރާތްތަކުން ދިޔައީ ބުނަމުންނެވެ. ނަމަވެސް ހިކުމަތްތެރިކަމާއެކު ކުރައްވާ މަސައްކަތްތަކުން އަދުގެ ސަރުކާރުން ދަނީ ޤައުމު ބަނގުރޫޓުވިޔަ ނުދީ ރައްޔިތުންގެ ބޮލުގައި އަޅުވާފައިވާ ދަރަނީގެ ދަންތުރައިން ޤައުމު ސަލާމަތްކުރެވޭނެކަން ސާބިތުކޮށްދެއްވަމުންނެވެ.

އެކި ވެރިކަމުގައި ނަގާފައިވާ ދަރަނި އަދުގެ ސަރުކާރުން ދައްކަމުންދަނީ ޤައުމުގެ ތަރައްގީއަށް ހުރަސް ނާޅައި، ރައްޔިތުންނަށް އޭގެ އަސަރު ފޯރުނަނުދީއެވެ. ބައިނަލްއަޤުވާމީ މާލީ އިދާރާތަކާއި، އެކި ފަރާތްތަކުން ނެރެމުންއައި ބަޔާންތަކުގައި ރާއްޖޭގެ ނާޒުކު އިޤްތިޞާދީ ހާލަތު ރަނގަޅު ކުރުމަށް މިއަހަރު ގިނަ މަސައްކަތްތަކެއް ސަރުކާރުން ކުރަންޖެހޭނެ ކަމަށް ވަނީ ބަޔާންކޮށްފައެވެ. އެކަންކަން ސަރުކާރުން ކުރިއަށްގެންދަނީ ވަރަށް ރޭވުންތެރިކަމާއެކުގައެވެ.

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ހިއްސާ ކުރައްވާފައިވާ މައުލޫމާތުތަކުން ހާމަވާގޮތުގައި އެމަނިކުފާނުގެ ކުރިން ވެރިކަން ކުރެއްވި އިބްރާހިމް މުޙައްމަދު ޞާލިހުގެ ސަރުކާރާއި ޢަބްދުﷲ ޔާމީންގެ ސަރުކާރުގެ 10 އަހަރު ދުވަހުގެ ތެރޭގައި ދެއްކި ދަރަނީގެ އަދަދު މި ސަރުކާރުން ވަނީ އެންމެ ދެ އަހަރާއި ބައިގެ ތެރޭގައި ދައްކާފައެވެ. އެއީ 1.29 ބިލިޔަން ޑޮލަރެވެ. ކުރީގެ ދެ ވެރިކަމުގައި ދެއްކިފައިވަނީ އެންމެ 1.3 ބިލިޔަން ޑޮލަރުގެ ދަރަންޏެވެ.

ދަރަނި ދެއްކި ތަފްސީލުތަކަށް ބަލާއިރު ކުރީ ސަރުކާރުގެ 5 އަހަރުގެ ތެރޭގައި ދައްކާފައިވަނީ 953 މިލިޔަން ޑޮލަރެވެ. އަދި އޭގެ ކުރީ ސަރުކާރުގެ 5 އަހަރު ދުވަހުގެ ތެރޭގައި ދައްކާފައިވަނީ 418.18 މިލިޔަން ޑޮލަރުގެ ދަރަންޏެވެ.

މި ސަރުކާރުން ފާއިތުވެދިޔަ 2 އަހަރާއި ބައިގެ ތެރޭގައި 1.29 ބިލިޔަން ޑޮލަރުގެ ދަރަނި ދައްކާފައިވާއިރު މީގެ ތެރޭގައި ހިމެނެނީ އަދުގެ ސަރުކާރުން ނެގި ދަރަނީގެ ތެރެއިން ދައްކަންޖެހުނު 4.9 މިލިޔަން ޑޮލަރާއި ކުރީ ސަރުކާރުން ނަގާފައިވާ 819 މިލިޔަން ޑޮލަރެވެ. އަދި ރައީސް ޔާމީންގެ ސަރުކާރުން ވާރުތަވި ދަރަނީގެ ތެރެއިން 195 މިލިޔަން ޑޮލަރާއި ރައީސް ނަޝީދާއި ރައީސް ވަހީދުގެ ސަރުކާރުން ވާރުތަވެފައިވާ ދަރަނީގެ ތެރެއިން 62.5 މިލިޔަން ޑޮލަރުވެސް އަދުގެ ސަރުކާރުން ވަނީ ދައްކާފައެވެ.

ރައީސުލްޖުމްހޫރިއްޔާ ވިދާޅުވެފައިވާ ގޮތުގައި އަދިވެސް 2.34 ބިލިޔަން ޑޮލަރަށްވުރެ ބޮޑު ދަރަންޏެއް ދައްކަންޖެހެއެވެ. މީގެ ތެރޭގައި ހިމެނެނީ މިސަރުކާރުން ނެގި ދަރަނީގެ ތެރެއިން 239 މިލިޔަން ޑޮލަރާއި ރައީސް ޞާލިހުގު ސަރުކާރުން ނަގާފައިވާ ދަރަނީގެ ތެރެއިން 1.14 ބިލިޔަން ޑޮލަރު އަދި ރައީސް ޔާމީންގެ ސަރުކާރުން ނަގާފައިވާ ދަރަނީގެ ތެރެއިން 710 މިލިޔަން ޑޮލަރެވެ.

މީގެ އިތުރުން ރައީސް ނަޝީދާ އަދި ރައީސް ވަހީދުގެ ވެރިކަމުގައި ނަގާފައިވާ ދަރަނީގެ ތެރެއިން 150.4 މިލިޔަން ޑޮލަރު ދައްކަން ޖެހޭއިރު ރައީސް މައުމޫނުގެ ސަރުކާރުން ނަގާފައިވާ ދަރަނީގެ ތެރެއިން 106.3 މިލިޔަން ޑޮލަރު ދައްކަންޖެހޭ ކަމަށްވެސް އެމަނިކުފާނު ވިދާޅުވިއެވެ.

"މިއީ ރައްޔިތުންގެ ބޮލުގައި އެޅުވިފައިހުރި މީގެ ކުރީގެ ރައީސުން ނަންގަވާފައިވާ ދަރަނިތައް. އަޅުގަނޑުމެން އިހައް ދުވަހު 1.29 ބިލިޔަން ޑޮލަރު ދެއްކީމަވެސް އަދިވެސް ދައްކަން ހުރިވަރު. އަދަނވަޅުފެ ފުންމިން. މި އަނދަވަޅުން ނަގަން މަސައްކަތް މިކުރަނީ. ޤައުމު އިސްކޮށްގެން ޤައުމުދެކެ ލޯބިވެ ޤައުމައްޓަކައި ރައްޔިތުންނައްޓަކައި" ރައީސް ވިދާޅުވިއެވެ.

އަދުގެ ސަރުކާރުތަކުން ދަރަނި ދައްކަމުންދަނީ އެކި ޤައުމުތަކާއެކު ކުރެވޭ މަޝްވަރާތަކާވެސް އެކުގައެވެ. ޤައުމުތަކާ އޮންނަ ގުޅުން ބަދަހިކޮށް، ދަރަނި ދައްކަން އިތުރު ދަރަނި ނެގުމުގެ އާދަވެސް މިހާރު ނައްތާލައިފިއެވެ. އެގޮތަށް ނަގާ ދަރަންޏަކީވެސް ރައްޔިތުންގެ ބޮލުގައި އެޅުވޭ ދަރަންޏަށްވާތީ އެ މާލީ ބުރަ ރައްޔިތުންނަށް ނުޖައްސައި ޤައުމު ދަރަނީގެ ދަންތުރައިން ސަލާމަތް ކުރުމަށް މަސައްކަތް ކުރައްވާނެކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއެވެ.

އެމަނިކުފާނުގެ މި ހިކުމަތްތެރި މަސައްކަތުން މިއަދު ރާއްޖޭގެ ޒަމާންވީ ދަރަނީގެ މައްސަލައަށް، ގައުމު ބަނގުރޫޓުނުވެ ހައްލެއް ލިބޭނެ ކަމުގެ އުއްމީދު މިވަނީ ލިބިފައެވެ.