ޚަބަރު

ގެދޮރުވެރިކަމުގެ ކޮމިޓީގެ މުޤައްރިރުކަމަށް މެމްބަރު ހުސައިން ޝަރީފް


  • ހުސައިން ޝަރީފް ހޮވިވަޑައިގަތީ 10 މެމްބަރުންގެ އަޢުލަބިއްޔަތުން

  • އެ ކޮމިޓީ އެކުލެވިގެން ވަނީ 11 މެމްބަރުންގެ މައްޗަށް

ގެދޮރުވެރިކަމުގެ ކޮމިޓީގެ މުޤައްރިރުކަމަށް، ހުޅުމާލެ އުތުރު ދާއިރާގެ މެމްބަރު ހުސައިން ޝަރީފް ހަމަޖައްސަވައިފިއެވެ. ގެދޮރުވެރިކަމުގެ ކޮމިޓީގެ 2026 ވަނަ އަހަރުގެ ފުރަތަމަ ބައްދަލުވުން ބާއްވާފައި ވަނީ ހޯމަ ދުވަހުއެވެ.

އެ ކޮމިޓީގައި ހިމެނިވަޑައިގަންނަވާ މެމްބަރުންނަކީ ހުޅުމާލެ އުތުރު ދާއިރާގެ މެމްބަރު ހުސައިން ޝަރީފް، ހެންވޭރު ދެކުނު ދާއިރާގެ މެމްބަރު ހުސެއިން އިމްރާން ލަތީފް، މައްޗަންގޮޅި މެދު ދާއިރާގެ މެމްބަރު އަހުމަދު ޒަމީރު، މާފަންނު މެދު ދާއިރާގެ މެމްބަރު އަސްމާ ރަޝީދު، ވިލިމާލެ ދާއިރާގެ މެމްބަރު މުހައްމަދު އިސްމާއިލް، ކުޅުދުއްފުށި އުތުރު ދާއިރާގެ މެމްބަރު މުހައްމަދު ދާއޫދު، މަނަދޫ ދާއިރާގެ މެމްބަރު ހުސްނީ މުބާރިކް، ފުވައްމުލަކު މެދު ދާއިރާގެ މެމްބަރު އަލީ ފަޒާދު، ދިއްދޫ ދާއިރާގެ މެމްބަރު އަބްދުއްލަތީފް މުހައްމަދު، ގަލޮޅު އުތުރު ދާއިރާގެ މެމްބަރު މުހައްމަދު އިބްރާހިމް އަދި ހިތަދޫ ދެކުނު ދާއިރާގެ މެމްބަރު އިބްރާހިމް ނާޒިލްއެވެ. ހޯމަ ދުވަހުގެ ކޮމިޓީ އަށް މެމްބަރު އިމްރާން ފިޔަވާ ހުރިހާ ބޭފުޅުން ހާޒިރުވެވަޑައިގަންނަވާފައިވެއެވެ.

އެ ކޮމިޓީ އަށް މަނަދޫ ދާއިރާގެ މެމްބަރު ހުސްނީ މުބާރިކް އައްޔަން ކުރައްވާފައި ވަނީ އެ ކޮމިޓީގައި ކުރިން ހިމެނިވަޑައިގެންނެވި އިނގުރައިދޫ ދާއިރާގެ މެމްބަރު އިބްރާހިމް ފަލާހުގެ ބަދަލުގައެވެ. ފަލާހު އަކީ ކުރިން އެ ކޮމިޓީގެ މުޤައްރިރުކަން އަދާކުރައްވަމުން ގެންދެވި މެމްބަރު ކަމަށް ވުމާއެކު ކޮމިޓީގެ މުޤައްރިރުގެ މަޤާމު ވަނީ ހުސްވެފައެވެ.

ކޮމިޓީގެ މުޤައްރިރުގެ މަޤާމަށް ނަން ހުށަހެޅުމަށް ލިބުނު ފުރުސަތުގައި ވިލިމާލެ ދާއިރާގެ މެމްބަރު މުހައްމަދު އިސްމާއިލް ވަނީ އެ މަޤާމަށް، ހުޅުމާލެ އުތުރު ދާއިރާގެ މެމްބަރު ހުސައިން ޝަރީފްގެ ނަން ހުށަހަޅުއްވާފައެވެ. އެ ނަމަށް ތާއީދު ކުރައްވާފައި ވަނީ، މާފަންނު މެދު ދާއިރާގެ މެމްބަރު އަސްމާއެވެ. ކޮމިޓީގެ މުޤައްރިރުކަމަށް އިތުރު ހުށަހެޅުމެއް ހުށަހަޅާފައި ނުވެއެވެ.

އެ ކޮމިޓީ އެކުލެވިގެން ވަނީ ޖުމްލަ 11 މެމްބަރުންގެ މައްޗަށެވެ. އެހެންކަމުން ކޮމިޓީ އަށް މުޤައްރިރަކު ހޮވުމަށް މަދުވެގެން 6 މެމްބަރުންގެ ވޯޓު ބޭނުންވެއެވެ. ކޮމިޓީގެ މުޤައްރިރުގެ މަޤާމަށް ހުޅުމާލެ އުތުރު ދާއިރާގެ މެމްބަރު ހުސައިން ޝަރީފް ހޮވިވަޑައިގަންނަވާފައި ވަނީ ކޮމިޓީގައި ބައިވެރިވެވަޑައިގެންނެވި 10 މެމްބަރުންގެ އަޢުލަބިއްޔަތުންނެވެ.

ގެދޮރުވެރިކަމުގެ ކޮމިޓީގެ މުޤައްރިރުކަމާއި ހަވާލުވެވަޑައިގަތުމަށް ފަހު ހުސައިން ޝަރީފް ވަނީ މުޅި ރާއްޖެ އަށް ބަލާ އިރު ސަރުކާރުން އެންމެ މުހިންމު ތަސައްވުރެއް ގެންގުޅޭ އެއް ކަމަކީ ބޯހިޔާވަހިކަން ކަމަށެވެ. ކޮމިޓީ އަށް ހުށަހެޅިފައިވާ މުހިންމު މަސައްކަތްތަކުގެ ތެރޭގައި ސަރުކާރުން ހުށަހަޅާފައިވާ ގެދޮރުވެރިކަމާއި ބެހޭ ޤާނޫނު ހިމެނޭކަން މެމްބަރުގެ ވާހަކައިގައި ފާހަގަކުރެއްވި އެވެ. އޭނާ ވިދާޅުވީ އޭނާގެ މުޤައްރިރުކަމުގައި ގެދޮރުވެރިކަމުގެ ކޮމިޓީ އަށް ހުށަހަޅާ މައްސަލަތައް އަވަސްކުރުމަށް ޚާއްސަ އިސްކަމެއް ދެއްވާނެ ކަމަށެވެ.

ގެދޮރުވެރިކަމާބެހޭ ކޮމިޓީއަކީ ގެދޮރުވެރިކަމާ ގުޅޭ ކަންކަން ދިރާސާކުރުމާއި ބޯހިޔާވަހިކަމާގުޅޭ ޤާނޫނީ ސިޔާސަތުތަކަށް ގެންނަންޖެހޭ ބަދަލުތައް ފާހަގަކޮށް، އެކަން މަޖިލީހަށް ހުށަހެޅުމަށް އުފައްދާފައިވާ ކޮމިޓީއެކެވެ. މި ކޮމިޓީގެ މަސްއޫލިއްޔަތުތަކުގެ ތެރޭގައި ސަރުކާރުން ހިންގާ އިޖުތިމާޢީ ބޯހިޔާވަހިކަމުގެ މަޝްރޫއުތައް ކުރިއަށްދާގޮތް ބަލައި ފާހަގަކުރެވޭ މައްސަލަތަކަށް ހައްލު ހޯދުމަށް ސަރުކާރަށް ލަފާ އެރުވުމާއި، ހިޔާވަހިކަމުގެ ޙައްގު ހުރިހާ ރައްޔިތުންނަށް ހަމަހަމަކަމާއެކު ލިބިދޭތޯ ބެލުން އަދި ގެދޮރުވެރިކަމާ ގުޅޭގޮތުން ރައްޔިތުންނަށް ކުރިމަތިވާ މައްސަލަތައް ދިރާސާކުރުން ހިމެނެއެވެ.