ޚަބަރު

އެމެރިކާ-އީރާންގެ ޞުލްޙައިގެ އެއްބަސްވުމަށް ރާއްޖެއިން މަރުޚަބާ ކިޔައިފި


  • ހަނގުރާމަ ނިމުމަކަށް ގެނައުމުގެ އެއްބަސްވުމުގައި ރަސްމީކޮށް ސޮއިކުރާނީ އަންނަ ހުކުރު ދުވަހު

  • ގައުމުތަކުން މި މަޝްވަރާއަށް މަގުފަހިކޮށްދިނުމުގައި އަދާކުރި ހައްސާސް ދައުރު ރާއްޖެއިން ވަނީ ފާހަގަކޮށްފައި

އެމެރިކާ އާއި އީރާނާ ދެމެދު ހަނގުރާމަ ނިމުމަކަށް ގެނައުމަށްޓަކައި ދެ ޤައުމުން އެއްބަސްވުމަކަށް އައިސްފައިވާތީ އެ ނިންމުމަށް ދިވެހި ސަރުކާރުން މަރުޚަބާ ވިދާޅުވެއްޖެއެވެ.

ޚާރިޖީ ވުޒާރާއިން އާއްމުކުރައްވާފައިވާ ބަޔާނެއްގައި ވިދާޅުވީ، މި އެއްބަސްވުމާއި އެކު ހޮރްމޫޒް ކަނޑުއޮޅި އަލުން ހުޅުވާލުމަށް ނިންމުމަކީ ރާއްޖެއިން އުފާ ކުރާ ކަމެއް ކަމަށެވެ. ހަމައެހެންމެ، މި އެއްބަސްވުމުގެ ޒަރީއާއިން, އެ ދެ ޤައުމުގެ ދެމެދުގައި އުފެދިފައިވާ ނުތަނަވަސްކަން ކުޑަކޮށް، އެ ސަރަޙައްދާއި އަދި އެހެނިހެން ހިސާބުތަކަށްވެސް ސުލްހަ އާއި އަމާންކަމާއި، ހަމަޖެހުން ލިބިގެންދާނެ ކަމަށް ރާއްޖެ އިން ޤަބޫލުކުރާ ކަމަށް އެ ބަޔާނުގައި ވިދާޅުވެފައިވެއެވެ. އެމެރިކާ އާޢި އީރާނާއި ދެމެދު އުފެދިފައިވާ ޚިޔާލުތަފާތުވުންތައް ހައްލުކުރުމުގައި މަޝްވަރާ އާއި ޑިޕްލޮމަސީގެ މަގު ޚިޔާރުކުރުމުގައި އެ ދެ ޤައުމުން އަދާކުރި ދައުރު އެ ބަޔާނުގައި ވަނީ ފާހަގަކުރައްވާފައެވެ.

މީގެއިތުރުން، ޕާކިސްތާނާއި ގަތަރާއި، ގަލްފްގެ އެހެން ގައުމުތަކާއި، ސަރަހައްދީ ގައުމުތަކުން މި މަޝްވަރާ އަށް މަގުފަހިކޮށްދިނުމުގައި އަދާކުރި ހައްސާސް ދައުރަށް އެ ބަޔާނުގައި ވަނީ އަލިއަޅުވާލައްވާފައެވެ. އެ ވުޒާރާއިން ވަނީ ޑިޕްލޮމަސީ އާއި ބައިނަލްއަޤުވާމީ ޤާނޫނުތަކާއި އެއްގޮތަށް ކުރިއަށް ގެންދާ މި މަޝްވަރާތައް އިތުރަށް ވަރުގަދަކޮށް، އިގްތިސާދީ ކުރިއެރުމާއި، ދެމިގެވާ ސުލްހަ މަސަލަސްކަމަށް ރާއްޖެ އިން އަބަދުވެސް ވާގިވެރިވާނެ ކަމުގެ ޔަޤީންކަން ދެއްވާފައެވެ.

އެމެރިކާ އާއި އީރާނާ ދެމެދު ހިނގަމުންދާ ހަނގުރާމަ ނިމުމަކަށް ގެނައުމުގެ އެއްބަސްވުމުގައި ރަސްމީކޮށް ސޮއިކުރާނީ އަންނަ ހުކުރު ދުވަހުއެވެ. މި އެއްބަސްވުމުގެ ދަށުން ލުބުނާނު ހިމެނޭހެން ހުރިހާ ސަރަޙައްދެއްގައި ކުރިއަށްދާ އަސްކަރީ ހަރަކާތްތައް ވަގުތުން އަދި ދާއިމީކޮށް ހުއްޓާލަން ޖެހެއެވެ.