ފަލަސްޠީނުގެ ޣައްޒާގައި ހަނގުރާމަ ފެށުނު ފަހުން، ޔަހޫދީން ރަސްމީކޮށް ދައްކަމުން އަންނަ އަސްކަރީ މެޕްތަކާއި، ޙަޤީޤީ ޙާލަތާ ބޮޑެތި ފަރަގުތަކެއް ހުރިކަން އަލްޖަޒީރާގެ ތަޙުޤީޤަކުން ހާމަވެއްޖެއެވެ.
އެ ނޫހުން ހިންގި މި ތަޙުޤީޤުން އެނގޭ ގޮތުގައި، ޣައްޒާ، ދެކުނު ލުބުނާނު، އަދި ދެކުނު ސޫރިޔާ ހުރަސްކޮށް ޔަހޫދީންގެ ނިރުބަވެރި އަސްކަރިއްޔާއިން ވަނީ ގާތްގަނޑަކަށް 1،000 ކިލޯމީޓަރުގެ (386 އަކަމީޓަރު)ގެ ސަރަޙައްދަކަށް އަތްގަދަކޮށްފައެވެ.
މިއީ އެމެރިކާގެ ނިއުޔޯކް ސިޓީއަށް ވުރެ ވެސް ބޮޑު ސަރަޙައްދެއް ކަމަށާއި، މިއީ 2023 ގެ އޮކްޓޯބަރު މަހުގެ ކުރިން ޔަހޫދީންގެ ޖުމްލަ ބިމުގެ ސަރަޙައްދުގެ ގާތްގަނޑަކަށް 5 އިންސައްތަކަމަށް އެ ނޫހުން ބުންޏެވެ.
މިގޮތުން، ޣައްޒާގެ އުތުރުގައި ޔަހޫދީން ވަނީ 67.3 ކިލޯމީޓަރު 73.9 ކިލޯމީޓަރަށް އިސްތިޢުމާރުފުޅާކޮށް، އެންމެ ފަހުން އުތުރުގެ 54.7 އިންސައްތައިގެ ސަރަޙައްދު އަތްދަށުކޮށްފައެވެ.
ސެޓެލައިޓް ފޮޓޯތަކާއި ޖީއައިއެސް ޑޭޓާ ބޭނުންކޮށްގެން ކުރި މި ދިރާސާއިން ފެންނަ ގޮތުގައި، ޣައްޒާގައި އިއުލާންކުރި "ޔެލޯ ލައިން" އާއި ލުބުނާނުގައި އިއުލާންކުރި ބަފަރ ޒޯންތަކުގެ ބޭރުން ވެސް ޔަހޫދީން ދަނީ އިމާރާތްތައް ތަޅާލައި، އިސްތިޢުމާރު ފުޅާކުރަމުންނެވެ.
މިދިޔަ އޭޕްރީލް މަހުގެ ޙަމަލާތައް މެދުކަނޑައިލުމާ ގުޅިގެން ލުބުނާނުގެ ދެކުނުގައި ހަމަ އެފަދަ މަންޒަރުތަކެއް ފެންނަމުންދާ ކަމަށް އަލްޖަޒީރާއިން ބުންޏެވެ. ރަސްމީ މެޕްތަކުން 570 ކިލޯމީޓަރުގެ ބަފަރ ޒޯނެއް އޮތް ކަމަށް ދައްކާއިރު، މިހާރު ނަގާފައިވާ ސެޓެލައިޓް ފޮޓޯތަކުން ފެންނަ ގޮތުގައި އިޢުލާންކޮށްފައިވާ ރޮނގުން ސާފުކޮށް ބޭރުގައި ހުރި އަވަށްތަކުގައި ހުރި ޢިމާރާތްތައް ވަނީ ތަޅާލައިފައެވެ.
އަދި ސޫރިޔާގައި ރަސްމީ އެއްވެސް ލިޔެކިޔުމަކުން ނުފެންނަ ގޮތަށް، 235 އަކަމީޓަރުގެ ސަރަޙައްދެއްގައި އަސްކަރީ އައުޓްޕޯސްޓްތަކުގެ ވިއުގައެއް ޔަހޫދީންގެ ނިރުބަވެރި ފައުޖުން ވަނީ ޤާއިމްކޮށްފަ އެވެ.
މަސްރަޙު ދިރާސާކުރާ ފަރާތްތަކުން ސިފަ ކުރާ ގޮތުގައި، މިއީ އޮޅުވައިލުމުގެ ތެރެއިން، ޔަހޫދީންގެ އަސްކަރީ ބާރު މުޅި ސަރަޙައްދަށް ފެތުރުމަށް ހިންގަމުންދާ ޖަރީމާއެކެވެ.
އެ ފަރާތްތަކުން ބުނާ ގޮތުގައި، ޔަހޫދީން މި ޖަރީމާ ހިންގަނީ، ހަނގުރާމައިގެ މަޤްޞަދުތައް ޙާޞިލުކުރުމުގައި ލިބުނު ނާކާމިޔާބީތައް ފޮރުވުމަށާއި، އެ ޤައުމުގެ ކަނާތު ފިޔައިގެ ސިޔާސީ ފިކުރުތައް ރުއްސުމުގެ އިތުރުން، ބައިނަލްއަޤުވާމީ މުޖުތަމަޢުއަށް ޖަވާބުދާރީވުމުން ރެކި، ޙަޤީޤަތް އޮޅުވައިލުމަށެވެ.
މިއީ ވަގުތީ ގޮތުން ސަލާމަތުގެ އިޙުސާސެއް ގެނެސްދިން ނަމަވެސް، މިއީ ދެމެހެއްޓެނިވި ގޮތެއްގައި ކުރިއަށް ގެންދެވޭނެ ކަމެއް ނޫން ކަމަށް ތަޖުރިބާކާރުން އިންޒާރުދެ އެވެ.