ޚަބަރު

އުމުރުން ދުވަސްވީ މީހުންނަށް ކުރާ އަނިޔާ ހުއްޓުވުމަށް ހޭލުންތެރިކަން އިތުރުކުރަންޖެހޭ


  • އިސްރަށްވެހިންގެ ރައްކާތެރިކަމަށް 34 މައްސަލައެއް ހުށަހަޅާފައިވޭ

  • އަނިޔާގެ 58 މައްސަލައެއް މިދިޔަ އަހަރު ރިޕޯޓްކޮށްފައިވޭ

އުމުރުން ދުވަސްވީ މީހުންނަށް ކުރާ އަނިޔާތައް ހުއްޓުވަން މިހާރު ފިޔަވަޅު ނޭޅިއްޖެ ނަމަ ކުރިއަށް އޮތްތަނުގައި އެކަމުގެ ސަބަބުން އިތުރު މައްސަލަތައް ކުރިމަތިވާނޭކަމަށް ސިއްޙަތާއި އާޢިލާއާއި އިޖުތިމާއީ އެހީއާބެހޭ ވުޒާރާއިން ވިދާޅުވެއްޖެއެވެ.

ކޮންމެ އަހަރެއްގެ ޖޫން 15 ވަނަ ދުވަހަކީ އުމުރުން ދުވަސްވީ މީހުންނަށް ކުރާ އަނިޔާއާ ދެކޮޅަށް ހޭލުންތެރިކަން އިތުރުކުރުމުގެ ދުވަހުގެ ގޮތުގައި ފާހަގަކުރާ ދުވަހެވެ.

ޕީއެސްއެމް ނިއުސްއަށް މައުލޫމާތު ދެއްވަމުން ސިއްޙަތާއި އާޢިލާއާއި އިޖުތިމާއީ އެހީއާބެހޭ ވުޒާރާގެ ސޯޝަލް ސަރވިސް ކޯޑިނޭޓަރ އާސިފް ހަނީފް ވިދާޅުވީ ކުރިއަށް އޮތްތަނުގައި އުމުރުން ދުވަސްވީ މީހުން ގިނަ އާބާދީއަކާއި ދިމާއަށް ރާއްޖެ ދަތުރު ކުރާ އިރު އެފަދަ މައްސަލަތަކާއި މެދު ހަރުދަނާ ފިޔަވަޅުތަކެއް އެޅުމަށް ސަމާލުކަން ދޭން ޖެހޭ ކަމަށެވެ. އެގޮތުން، ހަމައެކަނި ހޭލުންތެރިކަން އިތުރުކުރުމުގެ ބަދަލުގައި އަމަލީ ގޮތުން އެފަދަ ކަންކަން ހުއްޓުވުމަށް ފިޔަވަޅު އަޅަން ޖެހޭ ކަމަށް އޭނާ ވިދާޅުވިއެވެ. އަދި އުމުރުން ދުވަސްވީ މީހުންނަށް ކުރާ އަނިޔާ އާއި، އެފަދަ ފަރާތްތަކާއި މެދު ވާ އިހުމާލުތައް ހުއްޓުވުމަށް ފަރުދީ ގޮތުންނާއި މުޖުތަމައުއެއްގެ ހައިސިއްޔަތުން އިތުރަށް މަސައްކަތް ކުރަން ޖެހޭ ކަމަށް އޭނާ ވިދާޅުވިއެވެ.

ރާއްޖޭގެ ތަފާސްހިސާބުތަކުން އެނގޭ ގޮތުން، އުމުރުން ދުވަސްވީ މީޙުންނަށް ކުރާ އަނިޔާގެ މައްސަލަތައް ރިޕޯޓްކުރާ މިންވަރު ހުރީ ކަންބޮޑުވާންޖެހޭ ފަދަ ހާލަތެއްގައެވެ. އެކަމުގެ ތަފްސީލްތައް ހިއްސާކުރައްވަމުން އާސިފް ވިދާޅުވީ 2025 ވަނަ އަހަރު އެހީތެރިކަމާއި ރައްކާތެރިކަމަށް އެދި އެ ވުޒާރާއަށް ޖުމުލަ 34 މައްސަލައެއް ހުށަހަޅާފައިވާ ކަމަށެވެ.

"އުމުރުން ދުވަސްވީ މީހުންގެ ޕެންޝަން ލިބޭ ތިބީ 20،000 ވަރަކަށް މީހުން. އުޅޭ އިރު މިއީ ބޮޑު އަދަދެއް. އަނިޔާގެ ޖުމުލަ 58 މައްސަލައެއް އެ އަހަރުގެ ތެރޭގައި ވަނީ ރިޕޯޓްކޮށްފަ. މިފަދަ ކަމެއް ދިމާވާ ނަމަ ވަރަށް މުހިންމު ރިޕޯޓް ކުރުން. އަދި މުޖުތަމައުއެއްގެ ހައިސިއްޔަތުން އަޅުގަނޑުމެން އުމުރުން ދުވަސްވީ މީހުންނަށް އިޚްތިރާމްކޮށް، އެ މީހުންނަށް ރައްކާތެރި މާހައުލެއް ހޯދާދިނުން މުހިންމު" އާސިފް ވިދާޅުވިއެވެ.

މިފަދަ މައްސަލަތައް ހުށަހެޅުމަށް އަދިވެސް ބައެއް އާއްމުން ޖެހިލުންވާކަން ފާހަގަކުރައްވަމުން އާސިފް ވިދާޅުވީ މައްސަލަތައް ރިޕޯޓް ނުކުރުމާއި، މައްސަލަތައް ރިޕޯޓްކުރުން ލަސްވުމަކީ މިފަދަ މައްސަލަތަކަށް އިންސާފު ހޯދާދިނުމުގައި ކަމާއި ގުޅުން ހުރި އިދާރާތަކަށް ދިމާވާ ބޮޑު ގޮންޖެހުމެއް ކަމަށެވެ. އާސިފް ވަނީ އުމުރުން ދުވަސްވީ މީހުންނާއި މެދު އިހުމާލުވުމާއި، އެފަދަ ފަރާތްތައް އަނިޔާގެ ޝިކާރައަކަށް ވާކަން ދެނެގަންނާނެ ގޮތް ތަފްސީލްކޮށްދެއްވާފައެވެ.

"މުޖުތަމައު އިން ބާކީވެ އެކަހެރިިވުން، މީހާގެ ސާފުތާހިރުކަން ކުޑަވުން ފަދަ އަލާމާތްތައް ފެންނާނެ. މައްސަލަތައް ރިޕޯޓް ނުކުރެވެނީ ހޭލުންތެރިކަން ނެތުމުން. ރަނގަޅު މައުލޫމާތު ނެތުމުން އެއީ ކުށެއްކަން ނުވަތަ އެއީ ހިނގާ ކަމެއް ކަމަށް ނުބެލެވުމުން ރިޕޯޓް ނުކުރެވިދޭ. މީހުން ދެކޭ ގޮތަށް ވިސްނާފަ ވެސް ރިޕޯޓް ނުކުރެވިދޭ." އާސިފް ވިދާޅުވި އެވެ.

އުމުރުން ދުވަސްވީ މީހުންނަށް ކުރާ އަނިޔާއަށް ހޭލުންތެރިކުރުމަށް، ދުވަހެއް ފާހަގަކުރުމުގެ މައިގަނޑު މަޤްޞަދަކީ އުމުރުން ދުވަސްވީ މީހުންނަށް ކުރާ އަނިޔާ އާއި އެފަރާތްތަކަށް އިހުމާލުވުމާއި، އަދި އެކި ގޮތްގޮތުން އެފަރާތްތަކުގެ ބޭނުން ނަހަމަ ގޮތުގައި ހިފުން ހުއްޓުވުމަށް މުޖުތަމަޢު ހޭލުންތެރިކުރުވުމެވެ. .