ކުޅިވަރު

ބެލްޖިއަމްގެ ޓީމުގެ ފަރިތަކުރުން "ވަގަށް" ނަގައިފި!


ވޯލްޑް ކަޕް ފުޓްބޯޅަ މުބާރާތުގައި މިރޭ މިސުރާ ދެކޮޅަށް ނުކުތުމުގެ ކުރިން ބެލްޖިއަމްގެ ޓީމުގެ ފަރިތަކުރުންތައް ވަގަށް ވީޑިއޯ ކޮށްފި އެވެ.

މިކަން ކުރީ އެ ގައުމުގެ މީޑިއާ އަކުންނެވެ. މި ކަމާހުރެ އެ މީހުން ކޭމްޕް ކޮށްފައިވާ ސީޓަލްގެ ޓްރޭނިން ބޭސްގައި ވަނީ އިތުރު ފެންސެއް ނަހައި ވީޑިއާ ނުކުރެވޭ ގޮތް ހަދައިފަ އެވެ.

މިކަމާ ގުޅިގެން ކެޕްޓަން ކެވިން ޑެބްރޭނާ ބުނީ އޭނާ އެދެނީ މީޑިއާއިން މި ވީޑިއޯ "އިދިކޮޅު ޓީމަކަށް ނުދޭން،" ކަމަށެވެ.

"އަހަރެންނަށް މިއީ މައްސަލައެއް ނޫން. އެކަމަކު އިރާނާއި މިސުރު ފަދަ ޓީމުތަކަށް މި ވީޑިއޯ ނުދިނުމުން އުއްމީދަކީ،" މެންޗެސްޓާ ސިޓީގެ ކުރީގެ ކެޕްޓަން ބުންޏެވެ.

ޕްރެމިއާ ލީގުގައި އޭނާ ވަނީ 10 އަހަރު ހޭދަކޮށްފަ އެވެ. މި މުއްދަތުގައި އެންމެ ބޮޑު ވާދަވެރި އެއް ކުޅުންތެރިއަކަށްވީ ލިވަޕޫލަށް ކުޅުނު މިސުރުގެ ކެޕްޓަން މުހައްމަދު ސަލާހެވެ. މިހެންވެ މި މެޗަކީ އަނެއްކާ ވެސް މި ދެ ކުޅުންތެރިންގެ ވާދަވެރިކަމަކަށްވާނެ އެވެ.

"އަހަރެން އޭނާ ދަންނަން ވަރަށް ގިނަ ދުވަހު. ލިވަޕޫލާއެކު އަހަރުމެން ވާދަކުރި ފަދަ މެޗަކަށް މި މެޗުވުމަށް އުއްމީދު ކުރަން. އަހަރެންނާއި ސަލާހްގެ ދަރިން ދިޔައީ ވެސް އެއް ސްކޫލަކަށް. އޭނާ އަކީ ވަރަށް ރަނގަޅު މީހެއް،" ޑެބްރޭނާ ބުންޏެވެ.

އުމުރުން 34 އަހަރުގެ ކުޅުންތެރިޔާ އަށް މިހާތަނަށް އަމާޒުވެފައިވާ އެންމެ ބޮޑު ފާޑުކިއުމަކީ ކުލަބު ލެވެލްގައި ދެއްކި މޮޅު ކުޅުން ގައުމީ ޓީމުގައި ނުދެއްކުމެވެ. ނަމަވެސް އޭނާ ބުނީ ޒުވާން އުމުރުގައި ގައުމީ ޓީމުގައު ކާމިޔާބު ނުހޯދުމަކީ މިފަހަރު އެކަން ނުވާންވީ ސަބަބެއް ނޫން ކަމަށެވެ.

މި މެޗަކީ ބެލްޖިއަމްގެ ކޯޗު ރުޑި ގާސިއާ އާއި ސަލާހް އަލުން ބައްދަލުވާ ފަހަރު ވެސްމެ އެވެ. ސަލާހަށް އޭނާ ކޯޗުކޮށްދިނީ އިޓަލީގެ ރޯމާގަ އެވެ.

"އޭނާ އަކީ ވަރަށް ނުރައްކާ ކުޅުންތެރިއެއް. އަހަރުމެން މި ގްރޫޕުގެ އަނެއް ތިން ޓީމަށް ވެސް ވަރަށް އިހްތިރާމް ކުރަން،" ކޯޗު ބުންޏެވެ.

މި ގްރޫޕުގައި ދެން ހިމެނޭނީ އިރާނާއި ނިއުޒީލޭންޑެވެ.