ޚަބަރު

ލޭ ހަދިޔާކުރުން ފަދަ ކުޑަކަމަކުން ދިރިއުޅުމަށް ހެޔޮ ބަދަލެއް ގެނެވޭނެ: ފަސްޓް ލޭޑީ


  • އެދުން ކުޑަ އެ އަމަލުގެ ސަބަބުން ލޭއަޅަންޖެހޭ މީހުންނާއި އެ މީހުންގެ އާއިލާތަކަށް އުއްމީދު ލިބޭ

  • މީހެއްގެ ފުރާނަމަ ސަލާމަތްކުރުމަށް ބޮޑު ކަމެއް ކުރަންނުޖެހޭ

ލޭ ހަދިޔާކުރުން ފަދަ ކުޑަ އަމަލަކުންވެސް މީހެއްގެ ދިރިއުޅުމަށް ހެޔޮ ބަދަލެއް ގެނެވޭނެ ކަމަށް ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ސާޖިދާ މުޙައްމަދު ވިދާޅުވެއްޖެއެވެ.

އެކަމަނާ މިހެން ވިދާޅުވީ ދުނިޔޭގެ ލޭ ހަދިޔާ ކުރާ މީހުންގެ ދުވަހާ ގުޅުވައިގެން ސޯޝަލް މީޑިއާގައި ހިއްސާކުރެއްވި ޕޯސްޓެއްގައެވެ.

ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ވިދާޅުވީ ލޭ ހަދިޔާ ކުރާ މީހުންގެ ދުވަސް ދުނިޔޭގެ ފެންވަރުގައި ފާހަގަކުރާއިރު އެ ފަރާތްތަކުގެ ހިތްހެޔޮކަމާއި ދީލަތިކަން ފާހަގަކުރަންޖެހޭ ކަމަށެވެ. އަދި އެދުން ކުޑަ އެ އަމަލުގެ ސަބަބުން ލޭއަޅަންޖެހޭ މީހުންނާއި އެ މީހުންގެ އާއިލާތަކަށް ދަތި ވަގުތުތަކުގައި އުއްމީދު ލިބިގެންދާ ކަމަށްވެސް ވިދާޅުވިއެވެ.

އެކަމަނާ ވިދާޅުވީ ލޭހަދިޔާ ކުރުމުގެ ކޮންމެ ހަރަކާތެއްގެ ފަހަތުގައިވެސް އިންސާނިއްޔަތު ކަމާއި އޯގާތެރިކަމުގެ ވާހަކައެއް ވާ ކަމަށެވެ. އަދި ކްރިޓިކަލް ފަރުވާ ބޭނުންވާ ބަލިމީހުންނާއި އެ މީހުންގެ އާއިލާތަކަށް ލޭ ހަދިޔާކުރާ މީހުންގެ އެ އަމަލު ވެގެންދަނީ ބިރުވެރިކަމާއި އުންމީދާ ދެމެދުގެ ތަފާތަށްކަމަށް ވިދާޅުވިއެވެ.

މިފަދަ ދުވަހެއްގައި ހަނދާންކޮށްދެނީ މީހެއްގެ ފުރާނަމަ ސަލާމަތްކުރުމަށް ބޮޑު ކަމެއް ކުރަންނުޖެހޭކަން ކަމަށް ފާހަގަކުރައްވައި ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ވިދާޅުވީ ލޭ ހަދިޔާ ކުރުންފަދަ ކުޑަ ކަމެއްގެ ސަބަބުންވެސް އެހެން މީހެއްގެ ދިރިއުޅުމަށް ހެޔޮ ބޮޑު ބަދަލެއް ގެނެވިދާނެ ކަމަށެވެ. އެހެންވެ ގަވާއިދުން ލޭ ހަދިޔާ ކުރުމަށާއި އަމިއްލައަށް އެދިގެން ލޭ ހަދިޔާކުރުމަށް ބާރުއަޅައި އާންމުން ހޭލުންތެރިކުރުމަށް ގުޅިގެން މަސައްކަތް ކުރުމަށް އެކަމަނާ ގޮވާލެއްވިއެވެ.

ދުނިޔޭގެ ލޭ ހަދިޔާކުރާ މީހުންގެ ދުވަސް ކޮންމެ އަހަރެއްގަވެސް ފާހަގަކުރަނީ ޖޫން މަހުގެ 14 ވަނަ ދުވަހުއެވެ. މިއީ ބައިނަލްއަޤްވާމީ ފެންވަރެއްގައި ލޭ ހަދިޔާ ކުރުމަށް ހޭލުންތެރިކަން އިތުރު ކުރުމަށް ފާހަގަކުރާ ދުވަހެކެވެ.