ޚަބަރު

ފުވައްމުލަކުގެ ޤުރުއާނާ ބެހޭ މަރުކަޒުގެ މަސައްކަތް ނިމުމަކާ ގާތަށް


  • މުޅި މަޝްރޫޢުގެ %90 މަސައްކަތް ނިމިއްޖެ

  • މިހާރު ކުރިއަށްދަނީ ފިނިޝިން މަސައްކަތް

ފުވައްމުލައް ސިޓީގައި އިމާރާތްކުރާ ޤުރުއާނާ ބެހޭ މަރުކަޒުގެ ޢަމަލީ މަސައްކަތް ނިމުމަކާ ގާތްވެފައިވާކަމަށް އިސްލާމީ ކަންތައްތަކާ އައުޤާފާ ބެހޭ ވުޒާރާއިން ވިދާޅުވެއްޖެއެވެ.

ފުވައްމުލައް ސިޓީގައި ޤުރުއާނާބެހޭ މަރުކަޒެއް ޢިމާރާތްކުރުމަށް ކުންފުންޏަކާއި ހަވާލުކޮށްފައިވަނީ 2022ވަނަ އަހަރުގެ މާރޗްމަހުގެ ތެރޭގައެވެ.

އިސްލާމީ ކަންތައްތަކާއި އައުޤާފާބެހޭ ވުޒާރާއިން ވިދާޅުވީ، ފުވައްމުލައް ސިޓީގައި އިމާރާތްކުރާ ޤުރުއާނާބެހޭ މަރުކަޒުގެ 90 އިންސައްތަ މަސައްކަތް މިހާރު ނިމިފައިވާކަމަށެވެ. އަދި މިހާރު ކުރިއަށްދަނީ ފިނިޝިން މަސައްކަތްކަމަށް އެވުޒާރާއިން ވިދާޅުވެއެވެ.

ފުވައްމުލަކުގައި އިމާރާތްކުރާ ޤުރުއާނާބެހޭ މަރުކަޒަކީ ދައުލަތުން 12 މިލިޔަން ރުފިޔާ ޚަރަދުކޮށްގެން ހަދާ އިމާރާތެކެވެ. މި އިމާރާތުގެ ގްރައުންޑް ފްލޯގައި އޮޑިޓޯރިއަމަކާއި، ލައިބްރަރީއެއްގެ އިތުރުން މީޓިން ރޫމެއް ހުންނާނެއެވެ.

އަދި ފުރަތަމަ ފަންގިފިލާގައި ހަތަރު ކްލާސް ރޫމާއި ނަމާދު ކުރާނެ ތަނެއް ހެދުމަށް ހަމަޖެހިފައިވާކަމަށާއި، ނަމާދުކުރާ ތަނުގައި އެއްފަހަރާ 30 މީހުންނަށް ނަމާދުކުރެވޭނެ ޖާގަ ހުންނާނެކަމަށް އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާއިން މީގެކުރިން ވަނީ ވިދާޅުވެފައެވެ.

ރާއްޖޭގައި އިސްލާމީ ޝިޢާރުތައް ކުރިއަރުވައި، އަންނަން އޮތް ޖީލުތަކަށް ރައްކާތެރިކަމާ އެކު ދީނުގެ ކަންކަން ފޯރުކޮށްދިނުމަށް ސަރުކާރުން ކުރައްވާ މަސައްކަތްތަކުގެ ތެރެއިން، މި ދައުރުގެ ތެރޭގައި މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި ކީރިތި ޤުރުއާނާ ބެހޭ މަރުކަޒުގެ ގޮތްޕެއް ޤާއިމުކޮށްދެއްވާނެކަމަށް ރައީސުލްޖުމްހޫރިއްޔާ ވަނީ ވިދާޅުވެފައެވެ.