މާލޭގައި ހަދާ ދެވަނަ އާރބަން ޕްރައިމަރީ ހެލްތު ކެއަރ ސެންޓަރު ތަރައްޤީ ކުރުމަށް ދަމަނަވެށި ވަގުތީގޮތުން ބަންދުކޮށް، އެތަނުން ދެމުން އައި ޚިދުމަތްތައް މާފަންނު އާރބަން ޕްރައިމަރީ ހެލްތު ކެއަރ ސެންޓަރަށް ބަދަލުކޮށްފިއެވެ. މާލޭގެ އިތުރުން ހުޅުމާލެއިންވެސް މި ޚިދުމަތް ލިބޭނެ ކަމަށް ސިއްޙީ ވުޒާރާއިން ވަނީ ވިދާޅުވެފައެވެ.
ދިވެހިންގެ ޢާއްމު ޞިއްޙަތު ރައްކާތެރި ކުރުމަށް ސަރުކާރުން ގެންގުޅުއްވާ ސިޔާސަތުގެ ދަށުން، މާލޭ ސަރަހައްދުގައި ޖީޕީ އަދި އާރބަން ޕްރައިމަރީ ހެލްތު ކެއަރ ސެންޓަރުތައް ޤާއިމް ކުރުމަށް ވަނީ ނިންމާފައެވެ. މާލެ ސަރަހައްދުގައި ޤާއިމްކުރާ ދެވަނަ އަރބަން ޕްރައިމަރީ ހެލްތު ކެއަރ ސެންޓަރު ޤާއިމް ކުރުމުގެ މަސައްކަތް ކުރުމަށް ދަމަނަވެށި އަދި ކުރީގެ ތެލެސީމިއާ ސެންޓަރު ހިންގަމުން އައި އިމާރާތް ވަގުތީގޮތުން ހުއްޓާލުމަށް ވަނީ ނިންމާފައެވެ. އެހެން ކަމުން މިއަދުން ފެށިގެން އެތަނުން ދެމުން އައި ޚިދުމަތްތައް މިހާރު މާފަންނު އާރބަން ޕްރައިމަރީ ހެލްތު ކެއަރ ސެންޓަރަށް ވަނީ ބަދަލުކޮށްފައެވެ.
ދަމަނަވެށިން ފޯރުކޮށްދެމުންދާ ޚިދުމަތްތައް ވަގުތީ ގޮތުން އަރބަން ޕްރައިމަރީ ހެލްތުކެއަރ ސެންޓަރ (މާފަންނު) އަށް ބަދަލުކުރުމާ ގުޅޭ
— IGMH (@igmhmv) June 1, 2026
Temporary relocation of services provided by Dhamanaveshi to Urban Primary Healthcare Center (Maafannu) pic.twitter.com/dGYCoLp8bO
މާލޭގެ އިތުރުން ދަމަނަވެށިން ދެމުން އައި ޚިދުމަތްތައް ހުޅުމާލެއިންވެސް ލިބޭނެ އިންތިޒާމު ވަނީ ހަމަޖައްސާފައެވެ. އެގޮތުން ހުޅުމާލެ ހޮސްޕިޓަލުގައި ޤާއިމް ކޮށްފައިވާ ޕަބްލިކް ހެލްތު ޔުނިޓުންނާއި، ފޭސް 2ގެ 16 ވަނަ ޓަވަރުގައި ޤާޢިމްކޮށްފައިވާ ޖީޕީ ކްލިނިކް މެދުވެރިކޮށް ޚިދުމަތް ލިބޭނެ ކަމަށް ސިއްޙީ ވުޒާރާއިން ވިދާޅުވިއެވެ.
އާންމު ސިއްޙަތުގެ ނިޒާމުގެ ދަށުން ޤާއިމްކޮށްފާއިވާ ދަމަނަވެށިތަކުން ގިނަ ޚިދުމަތްތަކެއް ދެއެވެ. އޭގެ ތެރޭގައި ކުޑަކުދިންނަށް ވެކްސިން ޖަހައި ދިނުމާއި، ކުޑަކުދިންގެ ހެދިބޮޑުވުން މޮނިޓަރ ކުރުމާއި، ޢާއްމު ބަލިތަކަށް ޑޮކްޓަރަށް ދެއްކުމާއި، މުޖުތަމައަށް އަމާޒުކޮށްގެން ޚާއްޞަ ޞިއްޙީ ޕްރޮގްރާމްތައް ހިންގުމާއި، ބަލިތައް ދެނެގަތުމަށް ކުރާ ސްކްރީނިންގތައް ހެދުން ހިމެނެއެވެ. މީގެ އިތުރުން ދުންފަތުގެ އިސްތިއުމާލުކުރުން ހުއްޓުވުމަށް އެހީތެރިވެދޭ ސެޝަންތައް ބޭއްވުމާއި، ކައުންސެލިން ޚިދުމަތްވެސް މިތަނުން ދެއެވެ.
މާލެ ސަރަހައްދުގައި ދެވަނަ އަރބަން ޕްރައިމަރީ ހެލްތު ކެއަރ ސެންޓަރު ޤާއިމް ކުރުމުގެ މަސައްކަތް ކުރިއަށްދާއިރު، މި ސެންޓަރުތަކުން ދަމަނަވެށިން ޚިދުމަތްދޭ މިންވަރަށްވުރެ ފުޅާކޮށް ޚިދުމަތް ދިނުމަށް ވަނީ އަމާޒު ހިފާފައެވެ. އެގޮތުން އާންމު ބަލިތަކުގެ ޑޮކްޓަރުންނަށް ދެއްކުމާއި، އިތުރުފަރުވާ ބޭނުންވާ ހާލަތްތަކުގައި ޚާއްޞަ ޑޮކްޓަރުންގެ ލަފާ ހޯދުމާއި، ފަސޭހައިން ދެއްކޭ ޚާއްޞަ ޑޮކްޓަރުންނަށް ދެއްކުމުގެ އިންތިޒާމް މި ސެންޓަރުތަކުން ހަމަޖައްސައިދޭނެއެވެ.
މީގެ އިތުރުން ޢާންމު ޞިއްޙަތު ކުރިއެރުވުމަށް ޤައުމީ ފެންވަރުގައި ހިންގަވާ ޕްރޮގްރާމްތައްވެސް މި މަރުކަޒުގައި ކުރިއަށްގެންދާނެއެވެ.
ޗައިލްޑް ހެލްތު ކްލިނިކް މެދުވެރިކޮށް، އެކުދިންގެ ހެދިބޮޑުވުން މޮނިޓަރކޮށް، ވެކްސިން ދިނުން ފަދަ ޚިދުމަތްތައްވެސް މި ސެންޓަރުތަކުން ދޭނެއެވެ. އަދި ޞިއްޙީ ރަނގަޅު އާދަތަކަށް ހޭލުންތެރިކަން އިތުރު ކުރުމާއި، ނަފްސާނީ ދުޅަހެޔޮކަމާއި، ދުންފަތާ ދުރުވުމަށް އެހީވެދޭ ކުލިނިކް ފަދަ ކުލިނިކްތަކުގެ ޚިދުމަތްވެސް މި ސެންޓަރުތަކުން ދިނުމަށް ވަނީ ހަމަޖެހިފައެވެ.