ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސްކަމަށް އޭދަފުށީގެ ދާއިރާގެ މެންބަރު އަހުމަދު ސަލީމާއި ވައިކަރަދޫ ދާއިރާގެ މެންބަރު ހުސައިން ޒިޔާދުގެ ނަން ހުށަހަޅައިފިއެވެ.
މަޖިލީހުގެ ނައިބު ރައީސަކު ހޮވުމަށް ކުރިއަށްދާ މަޖިލީހުގެ ޖަލްސާގައި ޕީއެންސީގެ ފަރާތުން ނައިބު ރައީސަކަށް ހުށަހަޅާފައިވަނީ އޭދަފުށީ ދާއިރާގެ މެންބަރު އަހުމަދު ސަލީމްގެ ނަމެވެ. އެމްޑީޕީގެ ފަރާތުން ހުށަހަޅާފައިވަނީ ވައިކަރަދޫ ދާއިރާގެ މެންބަރު ހުސައިން ޒިޔާދުގެނަމެވެ.
މަޖިލީހުގެ ނައިބު ރައީސް އިންތިޚާބު ކުރަނީ މަޖިލީހުގެ މެންބަރުންގެ މެދުގައި ނެގޭ ސިއްރު ވޯޓަކުންނެވެ.
ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސް ހޮވުމަށް ބާއްވާ ވޯޓުގެ ކަންކަން ކުރިއަށް ގެންދިއުމަށް ފަސް މެންބަރުންގެ ވަގުތީ ކޮމިޓީއެއް ވަނީ އެކުލަވާލާފައެވެ. މި ފަސް މެންބަރުންގެ ކޮމިޓީ އެކުލަވާލުމަށް ރައްޔިތުންގެ މަޖިލީހުގެ މެޖޯރިޓީ ލީޑަރު އިނގުރައިދޫ ދާއިރާގެ މެންބަރު އިބްރާހީމް ފަލާހް ހުށަހަޅުއްވައި ދިއްދޫ ދާއިރާގެ މެމްބަރު އަބްދުއްލަތީފް މުހައްމަދުވަނީ ތާއީދުކުރައްވާފައެވެ. މިކޮމިޓީއަށް މެންބަރުން ނަގާފައިވަނީ އެވަގުތު ޖަލްސާއަށް ހާޒިރު ވެވަޑައިގެން ތިއްބެވި މެންބަރުންނަށް ބަލާ މަޖިލީހުގެ ހިމެނޭ ސިޔާސީ ޕާޓީތަކަށް އިސްކަން ދޭ ގޮތަށެވެ.
* މަނަދޫ ދާއިރާގެ މެންބަރު ހުސްނީ މުބާރިކް
* ބާރަށު ދާއިރާގެ މެންބަރު އިބްރާހިމް ޝުޖާޢު
* ހުރާ ދާއިރާގެ މެންބަރު އަނާރާ ނައީމް
* ހިތަދޫ ދެކުނު ދާއިރާގެ މެންބަރު އިބްރާހީމް ނާޒިމް
* ތުޅާދޫ ދާއިރާގެ މެންބަރު އަބްދުލް ހައްނާން
މި ފަސް މެންބަރުންގެ ކޮމެޓީ ވަނީ މަޖިލީހުގެ ހާޒިރުވެ ތިބި މެންބަރުން އަޣުލަބިއްޔަތުން ފާސްވެފައެވެ.
މަޖިލީހުގެ ނައިބު ރައީސަކަށް މެންބަރަކު އައްޔަން ކުރަނީ މަޖިލީހުގެ ނައިބު ރައީސްކަމުގެ މަޤާމުގައި ހުންނެވި ދިއްގަރު ދާއިރާގެ މެންބަރު އަޙްމަދު ނާޡިމް މަޤާމުން ވަކިކުރުމުގެ މައްސަލަ މަޖިލީހުގައި ކުރިއަށް ގެންދިއުމަށް ނިންމާފައިވަނިކޮށް ނާޡިމް އެމަގާމުން އިސްތިއުފާ ދެއްވުމުންނެވެ.