ޖަމްރާތަކަށް ހިލައުކުމުގައި ބައިބޯވެ ފިތި، މީހުން މަރުވާ ޙާދިސާއަކީ ޙައްޖުގެ އެންމެ ހިތާމަވެރި ޙާދިސާތަކެވެ. އެކި އަހަރުތަކުގެ މިފަދަ ހާދިސާތަކުގައި ދިވެހި ޙައްޖުވެރިންވެސް ނިޔާވެފައިވެއެވެ.
މިކަމަށް ޙައްލެއް ހޯދުމަށް ސައުދީން އެޅި ހަރުދަނާ ފިޔަވަޅުތަކާއެކު، މިއަދު މިކަން އިންތިޒާމުކުރެވިފައި މިވަނީ ރައްކާތެރި ބޮޑެތި ބަދަލުތަކާއެކުއެވެ.
ޖަމަރާތު ބުރިޖަކީ ސަޢުދީ ޢަރަބިއްޔާގެ މިނާގައި ހުންނަ ފައިމަގުގައި ހިނގާ ބުރިޖެކެވެ. މި ބުރިޖު ބޭނުންކުރަނީ ޙައްޖުގެ ޖަމްރާތަކަށް ހިލަ އުކުމުގެ މަނާސިކު އަދާކުރުމަށެވެ. މިއީ އިބްރާހީމްގެފާނު ޝައިޠާނާއަށް ހިލަ އުއްކެވި ހާދިސާގެ ރަމްޒީ ޢަމަލެކެވެ.
މި ބުރިޖު އެންމެ ފުރަތަމަ ބިނާކުރީ 1963 ވަނަ އަހަރުއެވެ. އޭރު ގާތްގަނޑަކަށް 300،000 މީހުން ޙައްޖުގެ އަޅުކަން އަދާކުރި ނަމަވެސް 2005 ވަނަ އަހަރާ ހަމައަށް އައިއިރު އެ ޢަދަދު ހަތް ގުނައަށް އިތުރުވެ 2 މިލިޔަނަށް ވުރެ މައްޗަށް އެރިއެވެ. ކުޑަ ޖާގައެއްގައި މިލިޔަނެއްހާ މީހުން ތޮއްޖެހުމުން ނުހަނު ހިތާމަވެރި ހާދިސާތައް ހިނގިއެވެ.
1990 ވަނަ އަހަރު ސަޢުދީ ޢަރަބިއްޔާގެ އަލް-މުޢައިސިމް ޓަނަލްގައި 1،426 ޙައްޖުވެރިން ފިތިގެން ނިޔާވިއެވެ. 1994 ވަނަ އަހަރު ޖަމަރާތު ބުރިޖު ކައިރީގައި ހިނގި ފިތުމެއްގައި 270 މީހުން ނިޔާވިއެވެ. 2006 ވަނަ އަހަރުގެ ޖެނުއަރީ 12 ގައި ފިތިގެން 346 ޙައްޖުވެރިން ނިޔާވެ 289 މީހުންނަށް އަނިޔާވިއެވެ. 1994 އާއި 2006 އާ ދެމެދު ޖަމްރާތަކަށް ހިލަ އުކުމުގެ ތެރޭގައި ފިތިގެން 1،030 އަށް ވުރެ ގިނަ ޙައްޖުވެރިން ނިޔާވެފައިވެއެވެ.
މި ހިތާމަވެރި ހާދިސާތަކާ ގުޅިގެން ސަޢުދީ ސަރުކާރުން ހާޖީންގެ ފުރާނަ ސަލާމަތްކުރެވޭނެ ހައްލެއް ހޯދުމަށް މަސައްކަތް ފެށިއެވެ. 2006 ވަނަ އަހަރުގެ ޙައްޖަށް ފަހު ކުރީގެ ބުރިޖު ތަޅާލައި އައު މަލްޓި-ލެވެލް ބުރިޖެއް ބިނާކުރަން ފެށިއެވެ. ގާތްގަނޑަކަށް 4.2 ބިލިއަން ސަޢުދީ ރިޔާލު (1.12 ބިލިއަން ޑޮލަރު) ޚަރަދުކޮށްގެން ބިނާކުރި މި ބުރިޖުގައި ގަޑިއަކު 500،000 އާއި 600،000 އާ ދެމެދު ޙައްޖުވެރިންނަށް ޚިދުމަތް ދެވެއެވެ.
މިހާރު ޖަމަރާތު ބުރިޖަކީ ފަސް ފަންގިފިލާގެ އިންޖިނިއަރިންގ ކޮމްޕްލެކްސްއެކެވެ. ދިގުމިނުގައި 950 މީޓަރު، ފުޅާމިނުގައި 80 މީޓަރު ހުރެއެވެ. 12 ދިމާލަކުން ބްރިޖަށް ވަދެ ނިކުމެވާގޮތަށް ވަނީ ހަދާފައެވެ. ދެ ޓަނަލް، 19 ރޭމްޕް، 386 އެސްކަލޭޓަރު، ހެލިޕޭޑް، އަދި ފިނިކުރާ ނިޒާމެއް ހިމެނެއެވެ.
ޖަމްރާތަކުގެ ކުރީގެ ވަށް ބައްޓަމުގެ ބަދަލުގައި އަލުން ތަރައްޤީކުރި ކުކުޅުބިސް ބުރު (އޯވަލް ޑިޒައިން)ގެ ސަބަބުން ޙައްޖުވެރިންގެ ދަތުރުފަތުރު ފަސޭހަވިއެވެ.
އަދި އެ ސަރަޙައްދުގެ ރައްކާތެރިކަން ބެލުމަށް އެތައް ހާސް ސިފައިންނާއި ކެމެރާ ސިސްޓަމްތަކާއި އަދި އިމަޖެންސީ މެޑިކަލް ޓީމްތައްވެސް ހަރަކާތްތެރިވަމުންދެއެވެ.
ޖަމަރާތު ބުރިޖުގެ ކްރައުޑް ކޮންޓްރޯލް ސިސްޓަމަށް 2015 ވަނަ އަހަރު ހާންޒް އެޑެލްމަން އެވޯޑް ލިބިފައިވެއެވެ. މިއީ އެންމެ ރަނގަޅު އެޕްލައިޑް އެންޑް އޮޕަރޭޝަނަލް ރިސާޗް ޕްރޮޖެކްޓަށް ދޭ ޝަރަފުވެރި އެވޯޑެވެ.
ސަޢުދީ ޢަރަބިއްޔާގެ މިނިސްޓްރީ އޮފް މުނިސިޕަލް އެންޑް ރޫރަލް އެފެއާޒް ފްރޭންޒް އެޑެލްމަން އެވޯޑުގެ ފައިނަލިސްޓަކަށް ހޮވުނީ "ޙައްޖު ކްރައުޑް މެނޭޖްމަންޓަށް ޑިސިޝަން ސަޕޯޓް ސިސްޓަމް" އެ ސުރުޚީގެ ދަށުންނެވެ. މި ނިޒާމުގެ މައިގަނޑަކީ ތޮއްޖެހުން ކުޑަވާނެގޮތަށް ހިލައުކަން ދާނެ ވަކި ގަޑިތަކެއް ކަނޑައެޅުމެވެ.
ޙައްޖުވެރިންނަށް ހިލަ އުކާ ވަގުތު ކަނޑައަޅައިދީ، އެމީހަކު ހުރި ތަނުން ޖަމަރާތު ކޮމްޕްލެކްސަށް، އެ ދިމާލަށް ދާ މަގު ކަނޑައަޅައެވެ. މީގެ ސަބަބުން އެންމެ ކައިރި އަދި ފަސޭހަ މަގު ބުނެދެއެވެ.
މި ފިޔަވަޅުތަކުގެ ސަބަބުން ޖަމަރާތު ސަރަޙައްދު ޙައްޖުގެ އެންމެ ނުރައްކާތެރި ތަނުން އެންމެ ރައްކާތެރި ތަންތަނުގެ ތެރެއަށް ބަދަލުވެފައިވެއެވެ. ބައިބޯވެ ފިތިގެން އެއްވެސް ހިތާމަވެރި ޙާދިސާއެއް މިއަހަރުގެ ޙައްޖުގައިވެސް ރިޕޯޓްކޮށްފައެއް ނުވެއެވެ.
މިއަދު ޖަމަރާތު ބުރިޖަކީ ދީނީ ސަގާފަތާއި ޒަމާނީ އިންޖިނިއަރިންގ އެކުވެގެން ދައްކައިދޭ ފުރިހަމަ ނަމޫނާއެކެވެ.