މިޢީދުގެ ފަހުން މ. އަތޮޅުގައި ފިއުލް ސްޓޭޝަން ޤާއިމުކުރެވޭނެ ކަމަށާއި އެއާއެކު ރާއްޖޭގެ މަސްވެރި ހުރިހާ ސަރަހައްދަކުން ފަސޭހަކަމާއެކު ތެޔޮ ލިބޭނެ އިންތިޒާމު ހަމަޖެހޭނެ ކަމަށް މަސްވެރިކަމާއި ކަނޑުގެ ވަސީލަތްތަކާ ބެހޭ ވަޒީރު އަޙްމަދު ޝިޔާމް ވިދާޅުވެއްޖެއެވެ.
ސަރުކާރުގެ އަމާޒަކީ ރާއްޖޭގެ ހުރިހާ ހިސާބަކުންވެސް މަސްވެރި އުޅަނދުފަހަރަށް ހެޔޮ އަގުގައި ތެޔޮ ފޯރުކޮށްދިނުމެވެ. މިކަމާ ގުޅޭގޮތުން ވަޒީރު ވިދާޅުވީ، މެދުއިރުމަތީގެ ހަނގުރާމައިގެ ސަބަބުން ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު އިންތިހާއަށް އުފުލިފައިވީ ނަމަވެސް، ރާއްޖޭގެ މަސްވެރިންނަށް އެކަމުގެ ތަކުލީފު ކުޑަކޮށްދިނުމަށް ސަރުކާރުން ޚާއްސަ އިސްކަމެއް ދީފައިވާ ކަމަށެވެ. މަސްވެރިކަމަކީ އާއިލާތަކާއި މުޅި މުޖުތަމައާ ގުޅިފައިވާ މަސައްކަތަކަށް ވާތީ، ތެލުގެ އަގަށް ލުޔެއް ދިނުމަށް ސަރުކާރުން ނިންމެވި ނިންމެވުމަކީ މަސްވެރިންނަށް ލިބުނު ބޮޑު އުންމީދެއް ކަމަށްވެސް ވަޒީރު ވިދާޅުވިއެވެ.
މީގެކުރިން މަސްވެރިންނަށް ތެޔޮ ފޯރުކޮށްދިނުމުގައި މިފްކޯއިން މުހިންމު ދައުރެއް އަދާކުރި ނަމަވެސް، އެސްޓީއޯ ނުވަތަ ފިއުލް ސަޕްލައި މެދުވެރިކޮށް ތެޔޮ ހޯދުމަށް މަސްވެރިން އެދެމުންދެއެވެ. އެއީ އެސްޓީއޯއަކީ ސީދާ ތެޔޮ އެތެރެކުރާ ކުންފުންޏަށް ވެފައި، އެ ކުންފުނިން ތެޔޮ ހޯދުމުގައި ލުއިފަސޭހަތަކެއް ހުރުމުންނެވެ. އެހެންކަމުން، އެސްޓީއޯއާ ގުޅިގެން ކޮންމެ އަތޮޅެއްގައި ފިއުލް ސްޓޭޝަންތައް ބިނާކުރުމުގެ މަސައްކަތް މިހާރު އަންނަނީ ކުރަމުންނެވެ.
ވަޒީރު އިތުރަށް ވިދާޅުވީ، މަސްވެރި އަތޮޅުތަކުގެ ތެރެއިން މިވަގުތު ތެޔޮ ލިބުމުގެ ދަތިކަން ކޮންމެވެސް މިންވަރަކަށް އޮތީ މ. އަތޮޅުގައި ކަމަށެވެ. މ. އަތޮޅަކީ މަސްވެރި އަތޮޅަކަށް ވެފައި، އެއަތޮޅުގައި ޚިދުމަތް ލިބެން ނެތްނަމަވެސް މ.އަތޮޅާއި ޖެހިގެން ހުރި އަތޮޅުތަކުން ތެޔޮ ލިބޭތީ އެކަމުގެ ޝަކުވާ އެހާ ބޮޑުނޫންކަމަށް ވިދާޅުވިއެވެ. އެހެންނަމަވެސް މަދުންނަމަވެސް މި ޝަކުވާ އަންނާތީއާ އެކީގައި މި އީދަށްފަހު އެ އަތޮޅުގައިވެސް ފިއުލް ސްޓޭޝަނެއް ޤާއިމުކުރެވުމާއެކު ރާއްޖޭގެ މަސްވެރި ހުރިހާ ސަރަހައްދަކަށް ތެލުގެ މައްސަލައަށް ޖުމުލަ ހައްލެއް އަންނާނެ ކަމަށެވެ.
"އަޅުގަނޑުމެން މަސައްކަތް މިކުރަނީ ބައެއް ފަހަރު ބޯޓު ފަހަރުގައި އެނގިވަޑައިގަންނަވާނެ މިތާ ޖެހިގެން ހުރި އަތޮޅުތަކުން ތެޔޮ ލިބޭތީއާ އެކީގައި، އެކަމުގެ ޝަކުވާ އަޅުގަނޑުމެންނަށް އެހާ ބޮޑެއްނޫން. އެހެންނަމަވެސް މަދުންނަމަވެސް މި ޝަކުވާ އަންނާތީއާ އެކީގައި އަޅުގަނޑުމެން އިރާދަކުރެއްވިއްޔާ މި އީދަށް ފަހު ދާއިމީ ހައްލަކަށް އަޅުގަނޑުމެން މިވިސްނަނީ މީމު އަތޮޅަށްވެސް. އެހެންވެއްޖެ ކަމުގައިވާނަމަ އަޅުގަނޑުމެންނަށް ގާތްގަޑަކަށް މަސްވެރި ހުރިހާ އަތޮޅެއް ކަވަރު ކުރެވުނީ. އިނގޭތޯ." ވަޒީރު ވިދާޅުވިއެވެ.
މަސްވެރިންނަށް އެސްޓީއޯގެ އަގުގައި ތެޔޮ ފޯރުކޮށްދިނުމަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ މުހިންމު ވަޢުދުފުޅެކެވެ. ކުރިން ހަތަރު ސަރަހައްދަކުން މަސްވެރިންނަށް ތެޔޮ ލިބުނު ނަމަވެސް، މިހާރު ވަނީ އިތުރު ނުވަ ސަރަހައްދެއްގައި އެ ޚިދުމަތް ފަށާފައެވެ. މި ސިޔާސަތުގެ ދަށުން މިހާތަނަށް މަސްވެރިންނަށް 2.5 މިލިޔަން ލީޓަރުގެ ތެޔޮ ފޯރުކޮށްދީފައިވާކަން ވަޒީރު ފާހަގަކުރެއްވިއެވެ.