ހުރްމުޒް ކަނޑުއޮޅީގެ އެއް މަގު އީރާންގެ ފުރިހަމަ ކޮންޓުރޯލުގެ ދަށުގައި އޮންނަން ޖެހޭނެ ކަމުގައި ޚާރިޖީ ވުޒާރާގެ ނައިބު ކާޒިމް ޣަރީބްއާބާދީ ވިދާޅުވެއްޖެއެވެ. ޓީވީ މެދުވެރިކޮށް ދެއްވި ތަޤުރީރެއްގައި ޣަރީބްއާބާދީ މި މޭރުމުން ވިދާޅުވެފައި މި ވަނީ، އެ ކަނޑުއޮޅި ބަލަހައްޓާނެ ގޮތުގެ ރޭވުމެއް ތެހްރާނުން ޢުމާނާ ހިއްސާކޮށްފައިވާ ދަނޑިވަޅެއްގައެވެ. ޢުމާނުން ހުށަހަޅާފައި އޮތީ ކަނޑުއޮޅީގެ ދެބައިކުޅަ އެއްބައި އެ ޤައުމުގެ ބެލުމުގެ ދަށުގައި، އަދި ބާކީ ބަކި ތެހްރާންގެ ބާރުގެ ދަށުގައި ބޭއްވުމަށެވެ. އެ ގޮތް ތެހްރާނުން ބަލައިނުގަންނަ ކަމުގައި ޣަރީބްއާބާދީ ވިދާޅުވިއެވެ. އަދި، ކަނޑުއޮޅި ހުރަސްކުރުމަށް މިހާރު ކަނޑައަޅާފައި އޮތް ދެ މަގުގެ އިތުރުން އައު މަގެއް ހުޅުވައިލުމަށް ހުށަހަޅައި، ތެހްރާނުން ވަނީ އެ ގޮތަށް އެއްބަސްނުވެވޭ ނަމަ ކަނޑުއޮޅި ހުޅުވައިލުމަށް އިންކާރު ކުރާނެ ކަމުގެ އިންޒާރުދީފައެވެ.
މި ދަނޑިވަޅުގައި އީރާނުން ވަނީ އުރުދުންގައި ހުރި އެމެރިކާގެ އަސްކަރިއްޔާގެ އަމާޒުތަކަށް މިސައިލް ހަމަލާތަކެއް ވެސް ދީފައެވެ. އެމެރިކާގެ އަސްކަރިއްޔާގެ ސެންޓްރަލް ކޮމާންޑުން (ސެންޓްކޮމް) ބުނީ، އީރާންގެ މިސައިލް ހަމަލާތައް ދިފާޢު ކޮށްފައިވާނެ ކަމުގައެވެ. މި ކަން ފުރަތަމަ ރިޕޯޓު ކޮށްފައި ވަނީ އެމެރިކާގެ ނޫހެއް ކަމުގައިވާ އެކްސިޔޮސްއިންނެވެ. މިއީ، އެމެރިކާއިން އީރާނަށް ދެމުންދިޔަ ޢުދުވާނީ ހަމަލާތައް ޖުލައި 25 ވަނަ ދުވަހު މެދުކަނޑައިލި ފަހުން ބަދަލު ކޮށްފައިވާ ފުރަތަމަ ހަމަލާތަކެވެ.
އެމެރިކާގެ ޢުދުވާންތައް މެދުކަނޑައިލައި، ރައްދު ހަމަލާތައް ހުއްޓައިލުމަށް އީރާންގެ ބާރުގަދަ އިސްލާމީ އިންޤިލާބީ ލަޝްކަރުން (އައިއާރްޖީސީ) ވެސް ނިންމުމާއެކު، ދުނިޔޭގެ ބާޒާރުގައި އުފުލެމުންދިޔަ ތެލުގެ އަގު ވަނީ ދަށްވާން ފަށާފައެވެ. ތެހްރާނާއި ވޮޝިންގޓަނާ ދެމެދު "ރަނގަޅު ވާހަކަތަކެއް" ދެކެވެމުންދާ ކަމަށާއި، ޞުލްޙައިގެ އެއްބަސްވުމެއް އެކުލަވައިލެވުމުގެ ފުރުޞަތު ބޮޑު ކަމުގައި ރައީސް ޑޮނަލްޑް ޓްރަމްޕް ވެސް ވަނީ ވިދާޅުވެފައެވެ. ނަމަވެސް، ޞުލްޙައަށް ޔަހޫދީންގެ ހައްދުފަހަނަ އެޅި ބޮޑުވަޒީރު ބެންޔަމިން ނަތަންޔާހޫ ބޭނުންނުވާނެ ކަމަށާއި، އެ ކަމަށް ހުރަސްއެޅުމަށް މަސައްކަތް ކުރާނެ ކަމުގައި މަސްރަޙު ދިރާސާކުރާ ފަރާތްތަކުން ޤަބޫލުކުރެއެވެ. އީރާނާ ދެކޮޅަށް ފަށާފައިވާ ޣައިރުޤާނޫނީ ހަނގުރާމައާގުޅޭ ގޮތުން މަޝްވަރާކުރުމަށް ނަތަންޔާހޫ ވަނީ ވައިޓް ހައުސްއަށް ގޮސްފައެވެ. ސިއްރުކޮށްގެން 90 މިނެޓަށް ކުރިއަށްގެންދިޔަ މަޝްވަރާތަކުގައި އެމެރިކާގެ ނައިބު ރައީސް ޖޭޑީ ވޭންސް، ޚާރިޖީ ވަޒީރު މާކޯ ރޫބިޔޯ، ދިފާޢީ ވަޒީރު ޕީޓް ހެގްސެތު އަދި ޓްރަމްޕްގެ މަންދޫބު، ސްޓީވް ވިޓްކޮފް ބައިވެރިވެ ވަޑައިގެންނެވިއެވެ.
ނަތަންޔާހޫއާއެކު ޓްރަމްޕް ބާއްވަވާފައި ވަނީ ވަރަށް ކާމިޔާބު ބައްދަލުވުމެއްގެ ގޮތުގައި ވައިޓް ހައުސްގެ ތަރުޖަމާނު ކެރޮލައިން ލެވިޓް ސިފަކުރެއްވިއެވެ. މި ބައްދަލުވުމުގައި ޓްރަމްޕްގެ ޣައިރުޤާނޫނީ ހަނގުރާމައާއި، ޞިހްޔޫނީންގެ ދައުލަތުގެ ރައްކާތެރިކަން ކަށަވަރު ކުރުމުގެ އިތުރުން އިބްރާހީމް މުޢާހަދާ އިތުރަށް ފުޅާކުރުމާ ގުޅޭގޮތުން މަޝްވަރާ ކޮށްފައިވެއެވެ. މި ބައްދަލުވުން ކުރިއަށްދިޔަ ވަގުތު، ވައިޓް ހައުސް ކައިރިއަށް އެތައް ސަތޭކަ ބަޔަކު އެއްވެ، ނިރުބަވެރި ނަތަންޔާހޫއާ ދެކޮޅަށް އަޑުއުފުލާފައިވެއެވެ. އެމެރިކާއާއި ޔަހޫދީ ދައުލަތާ ދެމެދު ޚިޔާލުތަފާތުވުންތަކެއް ހުރި ނަމަވެސް، އީރާނާ ގުޅޭ މައްސަލައިގައި ދެ ޤައުމުން އެއް ގަލަކަށް އަރާ ކަމުގައި ޓްރަމްޕް ވިދާޅުވިއެވެ. ނަތަންޔާހޫގެ އިތުރުން ޓްރަމްޕް ވަނީ ޔޫކްރެއިންގެ ރައީސް ވޮލޮޑޮމީރް ޒެލެންސްކީއާ ވެސް ބައްދަލުކުރައްވާފައެވެ.