ޚަބަރު

ދެވަނަ ވައިޑް-ބޮޑީ މަތިންދާ ބޯޓު މިއަހަރުގެ ފަހުކޮޅު ގެންނަނީ


  • ފުރަތަަމަ ވައިޑް-ބޮޑީ މަތިންދާ ބޯޓު ގެނެސްފައިވަނީ މިދިޔަ އަހަރު

  • ދެވަނަ ބޯޓު ގެނައުމާއެކު ރަޝިޔާ އަދި ކޮރެއާއަށް ދަތުރުތައް ފަށަން މަސައްކަތްކުރާނެ

މޯލްޑިވިއަންގެ ދެވަނަ ވައިޑް-ބޮޓީ މަތިންދާ ބޯޓު މިއަހަރު ފަހުކޮޅު ގެނައުމަށް މަސައްކަތް ކުރަމުންދާ ކަމަށް އައިލެންޑް އޭވިއޭޝަންގެ މެނޭޖިންގ ޑިރެކްޓަރ އިބްރާހިމް އިޔާސް ވިދާޅުވެއްޖެއެވެ.

އިޔާސް މިހެން ވިދާޅުވީ، ކުންފުނިތަކުން ކުރަމުންދާ މަސައްކަތްތައް ހިއްސާކުރުމަށް ޕީއެސްއެމް ނިއުސްއިން ގެނެސްދޭ ޚާއްސަ ޕްރޮގްރާމުގައި ވާހަކަ ދައްކަވަމުންނެވެ.

މޯލްޑިވިއަންގެ ޚިދުމަތް ފުޅާކޮށް ބައިނަލްއަޤްވާމީ ގިނަ މަންޒިލްތަކަށް ދަތުރުތައް ފެށުމަކީ ސަރުކާރުގެ އަމާޒެކެވެ. ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ ވަޢުދުފުޅާއި އެއްގޮތަށް ޤައުމީ އެއަރލައިނަށް އިތުރު ވައިޑް-ބޮޑީ މަތިންދާ ބޯޓެއް ގެނައުމަށް ސަރުކާރުން އަންނަނީ ގިނަ މަސައްކަތްތަކެއް ކުރައްވަމުންނެވެ.

މިމަސައްކަތްތަކަށް އިޝާރާތްކުރައްވައި އައިލެންޑް އޭވިއޭޝަންގެ މެނޭޖިންގ ޑިރެކްޓަރ އިބްރާހިމް އިޔާސް ވިދާޅުވީ، މިދިޔަ އަހަރުގެ ޖަނަވަރީ މަހު ރާއްޖެއަށް ފުރަތަމަ ވައިޑް-ބޮޑީ މަތިންދާ ބޯޓު ގެނައުމަށްފަހު، ރައީސް އެ ދުވަހު އިއުލާންކުރެއްވި ގޮތަށް ދެވަނަ ވައިޑް-ބޮޑީ މަތިންދާ ބޯޓު ގެނައުމަށް މަސައްކަތްތައް ފަށާފައިވާ ކަމަށެވެ. އެހެންނަމަވެސް މި ބޯޓު ރާއްޖެއަށް ގެނައުމަށް ގިނަ ގޮންޖެހުންތަކާއި ކުރިމަތިވަމުންދާ ކަމަށް ވިދާޅުވިއެވެ.

"މިކަމުގައި އަޅުގަނޑުމެންނަށް ދިމާވި އެންމެ ބޮޑު އެއް ގޮންޖެހުމަކީ ދުނިޔޭގެ މާކެޓުގައި މި ބޯޓަށް ވަރަށް ބޮޑު ޑިމާންޑެއް އޮތް ދުވަސްވަރު އަޅުގަނޑުމެންނަށް މި މަސައްކަތް ކުރެވެމުންދަނީ. އެހެންކަމުން އެއަރކްރާފްޓު އެވޭލަބިލިޓީ ވަރަށް ބޮޑަށް ލިމިޓްކޮށް ހުރީ. ޚާއްސަކޮށް އަޅުގަނޑުމެން ޗޫޒްކުރި ވައިޑްބޮޑީ. އެހެންވީމަ ލަސްތަކެއް އައިސްފަ މިވަނީ" އައިލެންޑް އޭވިއޭޝަންގެ މެނޭޖިންގ ޑިރެކްޓަރ އިޔާސް ވިދާޅުވިއެވެ.

އިޔާސް ވިދާޅުވީ، އެއަރކްރާފްޓުގެ މެނިފެކްޗަރާ އެއަރބަސްއާއި ގުޅިގެން ކުރި މަސައްކަތާއެކު ވީހާވެސް އަވަހަކަށް ދެވަނަ ވައިޑް-ބޮޑީ މަތިންދާ ބޯޓު ގެނައުމުގެ އުންމީދު ލިބިފައިވާ ކަމަށެވެ. އެގޮތުން މިއަހަރުގެ ފަހުކޮޅު ދެވަނަ ވައިޑް-ބޮޑީ މަތިންދާ ބޯޓު ރާއްޖެ ގެނެވޭނެ ކަމަށާއި، މިއާއެކު ބައިނަލްއަޤުވާމީ އެހެން މަންޒިލްތަކަށްވެސް ދަތުރުތައް ފެށޭނެ ކަމަށް އިޔާސް ފާހަގަކުރެއްވިއެވެ.

"މިމަސައްކަތާއެކު އަޅުގަނޑުމެން ވާނެ މިކަމުގައި ބައިނަލްއަޤުވާމީ ފްރޮފެޝަނަލް ކޮންސެލްޓަންސީ މަސައްކަތްތަކެއް ކުރެވިގެން ރާއްޖެއަށް ފަތުރުވެރިން ގެންނަން ބަލާއިރު އަޅުގަނޑުމެން އެންމެ އިސްކަންދޭންވީ ކޮން ތަންތަނެއްތޯ ބެލުމަށް ފީސަބިލިޓީ ސްޓަޑީތަކެއް ވާނީ ހަދާފައި. އެގޮތުގެމަތިން ކުރިއަށްއޮތްތާގައި އަޅުގަނޑުމެން އެބަ މަސައްކަތްކުރަން ދެވަނަ މަތިންދާ ބޯޓު ގެނައުމާއެކު ރަޝިޔާއާއި ސައުތު ކޮރެއާއަށް ދަތުރުތައް ފެށުމަށް މަސައްކަތް މިހާރު ކުރެވެމުންދަނީ." އައިލެންޑް އޭވިއޭޝަންގެ މެނޭޖިންގ ޑިރެކްޓަރ އިޔާސް ވިދާޅުވިއެވެ.

ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުޢިއްޒުގެ ރިޔާސީ ވަޢުދުފުޅާއި އެއްގޮތަށް މޯލްޑިވިއަންގެ ދަތުރުތަކުގައި ބޭނުންކުރުމަށް ފުރަތަމަ ފަހަރަށް ވައިޑް-ބޮޑީ މަތިންދާ ބޯޓެއް ގެނައީ މިދިޔަ އަހަރުގެ ޖަނަވަރީ މަހުގެ 6ވަނަ ދުވަހުއެވެ. އެއީ އެއަރބަސް އޭ330-200 މަރުކާގެ މަތިންދާ ބޯޓެކެވެ.

މޯލްޑިވިއަންގެ 264 މީހުންގެ ޖާގައިގެ ވައިޑް-ބޮޑީ މަތިންދާ ބޯޓުގައި ޝެޑިއުލްޑް އަދި ޗާޓާރޑް ދަތުރުތައް މިހާރު ގިނަ ގައުމުތަކަށް ދަނީ ކުރަމުންނެވެ. މީގެ ތެރޭގައި ޙައްޖާޖީން އަދި ޢުމްރާވެރިން މައްކާއަށް ގެންދިއުމަށްޓަކައި ކުރާ ދަތުރުތަކާއި، ޗައިނާގެ މަޝްހޫރު ސިޓީތަކަށް ކުރާ ދަތުރުތަކާއި، އިންޑިއާ އަދި ބަންގްލަދޭޝަށް ކުރާ ދަތުރުތަކުގެ އިތުރުން ދާދި ފަހުން އޮސްޓްރޭލިއާއަށް ފެށި ސީދާ ދަތުރުތައްވެސް ހިމެނެއެވެ.