ޚަބަރު

"ޢީދުގެ ހަރާކާތްތަކުގައި، އިސްލާމީ އުޞޫލުތަކަށް އިސްކަންދޭ މިންވަރު އިތުރު"


  • ޢީދު ހަރަކާތްތަކުގެ ސަޤާފަތް ދިރުވާ އާލާކުރުމަށް މަސައްކަތް ކުރެވޭ

  • އިލްމުވެރިންގެ ލަފަޔާ އެއްގޮތަށް ޢީދުގެ ހަރަކާތްތައް ގިނަ ރަށްތަކުގައި ކުރިއަށް ގެންދޭ

ކޮންމެ އަހަރެއްގެވެސް ޢަޟްޙާ ޢީދާ ދިމާކޮށް ޢީދު ހަރަކާތްތަކުގައި ބައިވެރިވުމަށާއި އެހަރަކާތްތައް ބަލާލަން ގިނަ ބަޔަކު ރަށްރަށް ދެއެވެ. މިއީ ރަށްރަށުގެ ޢިޖްތިމާޢީ ގުޅުން އެންމެ ރަނގަޅަށް ދައްކުވައިދޭ އެއް ދުވަސްވަރެވެ. މިފަހަރުގެ ޢީދުގެ ހަރަކާތްތައް އެކި ރަށްރަށުގައި އެކި މިންވަރަށް ފާހަގަކުރެއެވެ. ދުރާލާ ތައްޔާރުވެގެން ހިންގާ މި ހަރަކާތްތައް ދީނީ އުޞޫލުތަަކަށް ފައްތައިގެން ކުރިއަށްގެންދަން ރަށްރަށުން މިހާރު މަސައްކަތްކުރާކަން ފާހަގަކުރެވެއެވެ.

އަޟްޙާ ޢީދު ފާހަގުރަން ރަށްރަށުގައި މިފަހަރުވެސް ގިނަ ހަރަކާތްތަކެއް ރާވާފައިވެއެވެ. އެންމެ އުތުރުން ފެށިގެން ދެކުނަށް މިފަހަރުވެސް ޢީދުގެ ހަރަކާތްތައް ރާވާފައިވަނީ އެކި ދުވަސްތަކަށް ބަހާލައިގެންނެވެ. ޢީދުގެ ހަރަކާތްތަށް އެކި ރަށްރަށުގައި ފަށަނީ އެކި ގޮތްތަކަށެވެ. އާންމުކޮށް ގިނަ ރަށްރަށުގައި ކުރިއަށްގެންދާ މައިގަނޑު ހަރަކާތްތަކުގެ ތެރޭގައި ސަޤާފީ އެކި ކުޅިވަރުތަކުގެ އިތުރުން ޒަމާނީ އެކި ހަރަކާތްތައް ހިމެނެއެވެ. ނަމަވެސް ދިވެހިން ސަޤާފަތުގެ ކުލަތައް ޢީދުގެ ހަރަކާތްތަކުން ގެއްލިގެން ނުދެއެވެ. ޒަމާނަށް އަންނަ ބަދަލާއެކު އިތުރުވަނީ ކުރިއަށް ގެންދާ ހަރަކާތްތަކެވެ.

ތާރީޚަށް ބަލާއިރު ކުރީގައި ރާއްޖޭގެ އެކި ރަށްރަށުގައި ޢީދު ފާހަގަކުރަނީވެސް ދުރާލާ ތައްޔާރުވެގެންނެވެ. ޢަޟްޙާ ޢީދުގެ ހަރަކާތްތައް ޙައްޖު ދުވަހުގެ އިރު އޮއްސުމާއެކުހެން ފަށައެވެ. ޢީދު ހަރަކާތްތައް ފެށުނުކަން ޢިއުލާން ކުރަނީ ވެދުމާ ދިއުމާއި ޢީދު މަޅި ނުވަތަ ޢީދު ރޯކުރުމުންނެވެ. މިހާރުވެސް މި ސަޤާފާތް އެގޮތުގައި ކުރިއަށްގެންދެއެވެ.


ޢީދު ދުވަހު ޢީދު ނަމާދުން ފައިބައިގެން ޢީދު ސައި ގިނަ ރަށްރަށުގައި ބާއްވާއެވެ. މާލެއެކޭ އެއްފަދައިން މިހާރު ގިނަ ރަށްރަށުގައި ޢީދު ނަމާދުކުރަނީ ބޮޑުޖަމާޢަތުގައެވެ. ނަމާދަށްފަހު ދެން އޮންނާނީ ގިނަ ބަޔަކު ގުޅިގެން ތައްޔާރުކުރާ ސަޔަށް އިންސާފުކުރުމެވެ.
ޢީދުގެ ހަރަކާތްތަކުގެ ތެރެއިން ރަށްރަށުގައި އެންމެ ބޮޑަށް ފެންނަނީ ސަޤާފީ ކުޅިވަރުތަކެވެ. މީގެ ތެރޭގައި ކޯޑި ކެނޑުމާއި، ބޮޑުބެރުގެ ހަރަކާތްތަކާއި، މާލި ނެރުމުގެ އިތުރުން ދަނޑިޖެހުމާއި ބަނޑިޔާ ޖެހުން ފަދަ ދިވެހި ސަޤާފަތުގެ ރަން ކުލަތައް ފެންނަ ހަރަކާތްތައް ހިމެނެއެވެ. ޒަމާނަށް ބަދަލު އައިނަމަވެސް މި ހަރަކާތްތަކުން ސަޤާފަތް ދެމެހެއްޓުމަކީ އަމިއްލަވަންތަކަން ދަމަހައްޓަން ކޮންމެހެންވެސް ކުރަންޖެހޭ މުހިންމު ކަމެކެވެ.

އިހުގައި ސަޤާފީ ކުޅިވަރުތަކުގެ ތެރެއިން ޢީދުގެ ފޯރި ފެނިގެންދިޔަ ނަމަވެސް، މިފަހަކަށް އައިސް އެހެން ޤައުމުތަކާއި ސަޤާފަތްތަކުގެ ތެރެއިން ޢީދުގެ ހަރަކާތްތަކުގެ ތެރެއަށް ބައެއް ނޫފުޒު ވަނީ ވަދެފައެވެ. މިކަމުގެ ސަބަބުން ދީނުގެ މާތް ދުވަހެއް ފާހަކުރާއިރު ދީނީ ސަޤާފާތްތަކާއި ދުރު ކަންކަމަށް ފުރުޞަތު ދެވިފައިވެއެވެ. އެހެނަަސް އަޅުގަނޑުމެން ދިވެހިންނަކީ، އަބަދުވެސް ކަންކަމުގައި ދަސްކުރާ އަދި ކަންކަން އިސްލާހު ކުރާ ބައެކެވެ.

ދީނީ ޢިލްމުވެރިންގެ ލަފަޔާއެކު ޢީދު ފާހަގަކުރުމުގައި އެހެން ސަޤާފަތްތަކުން ވަދެފައި ހުރި ނުފޫޒުތަކާއި ދުރުވެ އިސްލާމީ ޝިޢާރުތަކަށް ރަށްރަށުގައި އިސްކަން ދޭތަން މިހާރު ދަނީ ފެންނަމުންނެވެ. ތަކުބީރު ޕެރޭޑާއި، މަދަހަކިއުމާއި ދީނީ ވާދަވެރި މުބާރާތްތަކުން ޢީދުގެ ފޯރި އިތުރަށް ގަދަކޮށްލައެވެ. ކައުންސިލްތަކުން ޢީދުގެ ހަރަކާތްތައް އިއުލާންކުރާއިރުވެސް އާންމު އިޖްތިމާޢީ މިންގަނޑާއި ދީނާ ޚިލާފު ހަރަކާތްތަކުން ދުރުވެ އީދު ފާހަގަކުރުމަށް އިސްކަންދެއެވެ. މި ހެޔޮ ބަދަލު ފެންނަކަން ދީނީ ޢިލްމުވެރިންވެސް ފާހަގަކުރެއެވެ.

ސަޤާފީ ކުޅިވަރުތަކުގެ އިތުރުން ޒަމާނީ ބަދަލުތަކާއެކު މިހާރު ރަށްރަށުގެ ކުޑަކުދިން ހަވީރުތަކާއި އެކި ސްޓޭޖް ހަރަކާތްތައް ކުރިއަށް ގެންދެއެވެ. އަދި ވާދަވެރި ކުޅިވަރު ހަރަކާތްތަކާއި ޖާފަތްތަކުން މުޅި ރަށަށް އުފާވެރި މާހައުލެއް ގެނެސްދެއެވެ. މިއިން ކޮންމެ ހަރަކާތެއް ކުރިއަށްގެންދާއިރު، ދެ ޖިންސު މަސްހުނިނުވެ ހަރަކާތްތައް ކުރިއަށް ގެންދަން އިސްކަން ދޭކަން ފާހަގަކޮށްލެވެއެވެ.

މިފަހަރުވެސް ރާއްޖޭގެ އުތުރުން ދެކުނަށް ހުރިހާ ރަށަކުން، ހަރަކާތްތައް އިންތިމާޒުކޮށް ކުރިއަށްގެންދާއިރު ރަށްތަށް މިކަަމަށް ޒީނަތްތެރިކޮށް ރަށު ކައުންސިލްތަކާޢި ޖަމީއްޔާ ޖަމާޢަތްތަކާއި މުޢައްސަސާތަކާއިއެކު މުޅި ރަށުގެ ރައްޔިތުން ޝާމިލްވާހެން ހަރަކާތްތައް ކުރިއަށް ގެންދަމުންނެވެ. އާންމުކޮށް ހަލަބޮލި މާލެ މަގުމަތި ޢީދަށް ހަމަހިމޭންވެފައި ވާއިރު މިކަމުން އެނގިގެންދާނީ ރަށްރަށުގައި ޢީދަށް އޮތް ފޯރިއެވެ.