ކުޅިވަރު

މޮރީނިއޯ ފަސް ލޮލުން ބެލިޔަސް އޮލިސޭ ނުލިބޭނެ: ބަޔާން މިއުނިކް


ރެއާލް މެޑްރިޑްގެ ކޯޗަކަށް ވާން އުޅޭ ހޯސޭ މޮރީނިއޯ އަށް ދަނޑަށް އައިސް މައިކަލް އޮލައިސް ކުޅޭތަން ފަސް ލޮލުން ވެސް ބެލިދާނެ ކަމަށާއި ކުޅުންތެރިޔާ ނުގެންދެވޭނެ ކަމަށް ބަޔާން މިއުނިކުން ބުނެފި އެވެ.

ރެއާލް މެޑްރިޑާއެކު ތިން އަހަރުގެ އެއްބަސްވުމެއްގައި ސޮއި ކުރަން ތައްޔާރުވެފައިވާ ކޯޗު ވަނީ ހުސްވި ހަފުތާގައި ޖަރުމަނަށް ދަތުރުކޮށްފަ އެވެ. މި ދަތުރުގެ ބޭނުމަކީ އޭނާ ބޭނުންވާ ކުޅުންތެރިންގެ ކަންކަން ބެލުން ކަމަށްވެ އެވެ. މި ގޮތުން ބޮރޫޝިޔާ ޑޯޓްމުންޑްގެ ޑިފެންޑަރު ޝްލޮޓާބެކާ ވެސް މޮރީނިއޯ ވަނީ ބައްދަލުކޮށްފަ އެވެ. ނަމަވެސް އޭނާގެ އެންމެ ބޮޑު އެއް ޓާގެޓަކީ އޮލައިސް އެވެ.

މިކަމާ ގުޅިގެން ބަޔާންގެ ބޯޑު މެމްބަރު އުލީ ހޯނެސް ބުނީ މޮރީނިއޯ އަށް އޮލައިސް އެ ކުލަބުން ނުގެންދެވޭނެ ކަމަށެވެ.

"މޮރީނިއޯ އަސް ފަސް ލޮލުން ވެސް އޭނާ ކުޅޭތަން ބެލިދާނެ. އަދި ކޮންމެ ދުވަހަކު ދަނޑަށް އައިސްގެން ވެސް އެކަން ކުރެވިދާނެ. އެކަމަކު އޮލައިސް އަކީ އަހަރުމެންގެ ކުޅުންތެރިއެއް. އޭނާ އެހެން ކުލަބަކަށް ނުގެންދެވޭނެ،" ހޯނެސް ބުންޏެވެ.

މޮރީނިއޯ ރެއާލްއާ ހަވާލުވާން ނިންމީ އޭނާ ބޭނުންވާ ކުޅުންތެރިން ވިއްކައި ގަތުމުގެ ބާރު ލިބޭ ގޮތަށެވެ.