ހުރްމުޒް ކަނޑުއޮޅީގެ އައްސޭރިފަށުގައި އޮތް އީރާންގެ ބަނދަރުމަތީ ރަށްތަކަށް އެމެރިކާއިން ވަރުގަދަ ޙަމަލާތަކެއް ދީފިއެވެ. ބަންދަރު އައްބާސް އަދި އައްސޭރިފަށުގެ އިތުރު ދެ ރަށަކަށް ދީފައިވާ މި ޙަމަލާތަކަކީ، "ދިފާޢީ" ޙަމަލާތަކެއްގެ ގޮތުގައި އެމެރިކާގެ އަސްކަރިއްޔާގެ މަރުކަޒީ ކޮމާންޑުން (ސެންޓްކޮމް) ވަނީ ސިފަކޮށްފައެވެ. އަދި، ޙަމަލާތައް އަމާޒުކޮށްފައި ވަނީ، އީރާންގެ އިސްލާމީ އިންޤިލާބީ ލަޝްކަރުން (އައިއާރްޖީސީ) މިސައިލް ޙަމަލާދިނުމަށް ބޭނުންކުރާ މަރުކަޒުތަކާއި، ކަނޑުއަޑީގައި "މައިން" ނުވަތަ ގޮވާތަކެތި ހަރުކުރުމުގެ މަސައްކަތް ކުރަމުންދިޔަ އުޅަނދުފަހަރަށް ކަމުގައި ވެސް ސެންޓްކޮމުން ބުންޏެވެ.
އެމެރިކާގެ ޙަމަލާތަކާ ގުޅިގެން ބަންދަރު އައްބާސްގެ އިތުރުން އެހެން ދެ ސަރަޙައްދަކުން ބާރުގަދަ ގޮވުންތަކެއްގެ އަޑު އިވިގެން ގޮސްފައިވާކަމުގައި އީރާންގެ މެހެރް އަދި ތަސްނީމް ނޫސް އޭޖެންސީން ރިޕޯޓުކުރިއެވެ. ނަމަވެސް، އެ ސަރަޙައްދުގެ މަސްރަޙު އޮތީ ކޮންޓުރޯލުގެ ދަށުގައި ކަމަށާއި، ކަންބޮޑުވާންޖެހޭ ފަދަ ޙާލަތެއް މެދުވެރިވެފައި ނުވާ ކަމުގައި ވެސް އެ ނޫސްތަކުން ބުންޏެވެ. އެ ސަރަޙައްދުތަކަށް ޙަމަލާތަކެއް ދީފައިވާކަން ތެހްރާނުން ރަސްމީކޮށް ކަށަވަރުކޮށްދީފައެއް ނުވެއެވެ.
މި ޙަމަލާތަކާ ގުޅޭ ގޮތުން ސެންޓްކޮމްގެ ތަރުޖަމާނު، ނޭވީ ކެޕްޓަން ޓިމް ހޯކިންސް ވިދާޅުވީ، ދެ ފަރާތުގެ މެދުގައި ޙަމަލާތައް މެ
ދުކަނޑައިލުމުގެ އެއްބަސްވުމަކަށް އަމަލުކުރަމުންދިޔަ ނަމަވެސް، އެމެރިކާ ސިފައިންގެ ދިފާޢުގައި އަޅަންޖެހޭ ފިޔަވަޅުތައް އަޅަމުންދާ ކަމުގައެވެ. އަދި، އެއްބަސްވުން ދެމެހެއްޓުމަށް ޓަކައި ކެތްތެރިކަން އިސްކުރަމުންދާ ކަމުގައި ވެސް އޭނާ ވިދާޅުވިއެވެ. ދެ ފަރާތުގެ މެދުގައި ޙަމަލާތައް މެދުކަނޑައިލުމުގެ އެއްބަސްވުމަށް އަމަލުކުރަން ފަށާފައި ވަނީ އެޕްރީލު 8 ވަނަ ދުވަހުއެވެ.
މި އެއްބަސްވުމަށް އަމަލުކުރަން ފެށި ފަހުން މީގެ ކުރިން ވެސް ދެ ފަރާތުގެ މެދުގައި އެކި ފަހަރުމަތިން ޙަމަލާ ބަދަލުކޮށްފައިވެއެވެ. މީގެ ކުރީގެ ހާދިސާތަކަކީ އެއްބަސްވުމާ ޚިލާފަށް ބަދަލުކޮށްފައިވާ ޙަމަލާތަކެއްގެ ގޮތުގައި ނުބައްލަވާނެ ކަމުގައި ރައީސް ޑޮނަލްޑް ޓްރަމްޕް ކުރިން ވިދާޅުވެފައިވެއެވެ. އެހެންކަމުން، އެމެރިކާއިން ބަންދަރު އައްބާސް އަދި އިތުރު ދެ ސަރަޙައްދަކަށް އެންމެ ފަހުން ދީފައިވާ މިވާ ޙަމަލާތަކާ ގުޅިގެން އެއްބަސްވުމަށް ބުރޫއަރާނެކަމަށް ނުބެލެވޭ ކަމުގައި މަސްރަޙު ދިރާސާކުރާ ފަރާތްތަކުން ޤަބޫލުކުރެއެވެ.
ފެބުރުވަރީ 28 ގައި ޞަހްޔޫނީން ރުއްސުމަށް ޓްރަމްޕް ފެށްޓެވި ހަނގުރާމަ ނިމުމަކަށް ގެނައުމުގެ ގޮތުން ވޮޝިންގޓަނާއި ތެހްރާނުން މިހާރު ދަނީ މަޝްވަރާކުރަމުންނެވެ. މި ވަގުތު ދެ ފަރާތުގެ މެދުގައި އޮތް އެންމެ ބޮޑު ނުތަނަވަސްކަން ގުޅިފައިވަނީ އީރާނުން މުއްސަނދިކޮށް، ރައްކާކޮށްފައިހުރި ޔުރޭނިޔަމްއާއެވެ. ޓްރަމްޕް ކުރިން ވިދާޅުވަމުން ގެންދަވަނީ އެ ތަކެތި އެމެރިކާއިން އަތުލައިގަންނާނެ ކަމުގައެވެ. ނަމަވެސް، އެ ސިޔާސަތު ބަދަލުކުރައްވައި، ޓްރަމްޕް އެންމެ ފަހުން ވިދާޅުވީ، ދެ ފަރާތުން އެއްބަސްވާ ތަނަކަށް އެ ތަކެތި ގެންގޮސް، ނައްތައިލުމަށް އެއްބަސްވާން ވޮޝިންގޓަނުން ތައްޔާރަށް އޮތް ކަމުގައެވެ.
އީރާންގެ ދާޚިލީ މަސްރަޙުގައި ވެސް ކުރިއެރުންތަކެއް ފެންނަމުންދާ ކަމުގައި މަސްރަޙު ދިރާސާކުރާ ފަރާތްތަކުން ބުންޏެވެ. މި ގޮތުން، 87 ދުވަހަށް ފަހު، މެދުކަނޑައިލާފައިވާ އިންޓަރނެޓުގެ ޚިދުމަތް އަލުން ގުޅައިދިނުމަށް އެ ޤައުމުގެ ރައީސް މަސްޢޫދު ޕީޒިޝްކިޔާން އަމުރުކުރައްވާފައި ކަން ފާހަގަކުރެވެއެވެ. ލުބްނާންގެ ރައްޔިތުންނާ ދެކޮޅަށް ޔަހޫދީ ސިފައިން ހިންގަމުންދާ ލާއިންސާނީ ޖަރީމާތައް ހުއްޓައިލުމަކީ ވެސް ތެހްރާންގެ ޝަރުޠެކެވެ. ނަމަވެސް، ޞަހްޔޫނީ ދައުލަތުގެ ހައްދުފަހަނައެޅި ބޮޑުވަޒީރު ބެންޔަމިން ނަތަންޔާހޫގެ އަމުރަށް ޔަހޫދީ ސިފައިން ވަނީ ލުބްނާނަށް ދެމުންދާ ޙަމަލާތައް ވަރުގަދަކުރަން ފަށާފައެވެ. ލުބްނާގެ ޞިއްޙަތާބެހޭ ވުޒާރާއިން ބުނީ، މާރިޗު މަހަށްފަހު ޔަހޫދީ ސިފައިން ދީފައިވާ ނިރުބަވެރި ޙަމަލާތަކުގައި ޝަހީދުކޮށްލާފައިވާ މީހުންގެ އަދަދު 3,185 އަށް އުފުލިފައިވާ ކަމުގައެވެ.