ކުޅިވަރު

ކުޑޫސް ނުހިމަނައި ގާނާ ޓީމު އިއުލާނު ކޮށްފި


ޓޮޓެންހަމުގެ ފޯވަޑް މުހައްމަދު ކުޑޫސް ނުހިމަނައި ގާނާގެ ވޯލްޑް ކަޕް ޓީމު އިއުލާނު ކޮށްފި އެވެ.

ކޯޗު ކާލޮސް ކީރޯޒް އެކުލަވާލި 26 ކުޅުންތެރިންގެ ތެރެއިން އޭނާ ބާކީވީ އަނިޔާގެ ސަބަބުންނެވެ. ގައުމީ ޓީމަށް 46 މެޗުން 13 ގޯލު ޖަހާދީފައިވާ ކުޅުންތެރިޔާ މި ސީޒަނުގެ ބޮޑުބައެއް ހޭދަކުރީ ވެސް އަނިޔާގަ އެވެ.

އޭނާ ނެތުމުން ގާނާ ޓީމުގެ ކުރި ބަލަހައްޓަން ކޯޗު ނަގާފައިވަނީ މެންޗެސްޓާ ސިޓީގެ އެންޓޮއިން ސަމެންޔޯ އާއި އެތްލެޓިކެ ކުލަބުގެ ފޯވަޑް އިނާކީ ވިލިއަމްސް އެވެ. މީގެ އިތުރުން ޗެލްސީގެ ކުރީގެ ޑިފެންޑަރު އަބަދުއް ރަހްމާން ބާބާ ވެސް ވަނީ ޓީމަށް ނަގައިފަ އެވެ.

އަންނަ މަހުގެ 11 ވަނަ ދުވަހު ފަށާ ވޯލްޑް ކަޕުގައި ގާނާ ހިމެނެނީ އިންގްލޭންޑާއި ކްރޮއޭޝިޔާ އާއި ޕެނަމާއާއެކު ގްރޫޕް އެލްގަ އެވެ.

ކޯޗު ކާލޮސް ކީރޯޒް ބުނީ ގާނާ ވޯލްޑް ކަޕަށް ދާނީ ސީރިއަސް މަގާމެއް ހާސިލް ކުރަން ކަމަށެވެ.

"އަހަރެން މިކަމާ ހަވާލުވީ އަހަރެންގެ ކެރިއަރުގައި މީގެ ކުރިން ވެސް ޓީމުތަކާ ހަވާލުފަދަ ރޫހެއްގައި. ގާނާ އަކީ ތަރިން ތިބި ތަނެއް. ގާނާ އަކީ ތަރިންތަކެއް ތިބި ޓީމެއް. ވަރަށް ހުނަރުވެރި ކުޅުންތެރިން ތިބި ގައުމެއް މިއީ އަހަރެންގެ ގާނާ އަށް ޝައުގުވެރިވި ސަބަބަކީ. ދެން ގާނާ އަކީ ފުޓްބޯޅަ އަށް ލޯބިކުރާ ބަޔަކު ދިރިއުޅޭ ގައުމެއް. އަހަރެން ގާނާގެ ކޯޗުކަމާ ހަވާލުވީ ނަމަށް ބަލާއި އެކަންޏެއްނޫން. ފުޓްބޯޅައިގެ ވަރުގަދަ ތާރީހެއް އޮތް ބަޔަކަށްވީތީވެ. ގުޅިގެން އަހަރުމެންނަށް ކާމިޔާބު ހޯދިދާނެ. ވޯލްޑް ކަޕުގައި ގާނާ އަށް މި ގްރޫޕުގައި ކުރިއަށް ދެވޭނީ ވަރަށް ހިތްވަރުކޮށްގެން،" ކޯޗު ބުންޏެވެ.

އެމެރިކާ އާއި މެކްސިކޯ އާއި ކެނެޑާގައި ފަށާ ވޯލްޑް ކަޕް ވާނީ މިހާތަނަށް ބާއްވާ އެންމެ ބޮޑު ވޯލްޑް ކަޕަށެވެ.