ޢީދު ބަންދާ ދިމާކޮށް އާންމު ޝެޑިއުލްއިން ބޭރުން 200 ދަތުރު މޯލްޑިވިއަނުން އިތުރުކޮށްފައިވާ ކަމަށް ސަރުކާރުން ހާމަކޮށްފިއެއެވެ. ޢީދު ބަންދާއި ދިމާކޮށް ކޮންމެ އަހަރަކުވެސް ދަތުރުކުރާ މިންވަރު ވަރަށް ބޮޑަށް އިތުރުވެއެވެ.
'ޕްރެސަރ ވިތު ދަ ސްޕޮކްސް'' ސިލްސިލާގެ ދަށުން ބޭއްވި ނޫސްވެރިންގެ ބައްދަލުކުރެއްވުމުގައި ނޫސްވެރިއަކު ޢީދު ބަނދަށް ޓިކެޓު ލިބުމު ދަތިކަމާއި ގުޅޭގޮތުން ސުވާލުކޮށްފައެވެ. ސަރުކާރުގެ އިސް ތަރުޖަމާނު މުޙައްމަދު ޙުސައިން ޝަރީފް ވިދާޅުވީ ޢީދު ބަނދާއި ދިމާކޮށް ދަތުރުކުރުތައް އިތުރުވުމަކީ ކޮންމެ އަހަރަކުވެސް ފެންނަ ކަމެއް ކަމަށެވެ. އެހެން ކަމުން މިކަމަށް އެއަރލައިންތަކުން ދުރާލާ ތައްޔާރުވާކަމަށް ވިދާޅުވިއެވެ.
ޤައުމީ އެއަރލައިން މޯލްޑިވިއަންއާ ހަވާލާ ދެއްވާ އިސް ތަރުޖަމާނު ވިދާޅުވީ މި ދުވަސްވަރަކީ އެތެރޭގެ އުދުހުންތަކަށް އެންމެ ލޯޑު ބޮޑުވާ ދުވަސްވަރު ކަމަށެވެ. މި ކަމަށް ދުރާލާ މޯލްޑިވިއަންއިން ތައްޔާރުވެ ފްލައިޓުގެ އަދަދު އިތުރުކޮށްފައިވާ ކަމަށް ވިދާޅުވިއެވެ. އޭނާ ވިދަޅުވީ ޢީދު ބަނދުގެ ދަތުރުގެ މުއްދަތު ކަމަށް ބަލައި 17މޭ އިން ފެށިގެން ޖޫން 2 ވަނަ ދުވަހާއި ހަމައަށް، ޖުމްލަ 1277 ފްލައިޓް މޫވްމެންޓް ޝެޑިއުލް ކުރެވިފައިވާ ކަމަށެވެ.
އޭގެ ތެރޭގައި ޝެޑިއުލްކޮށް އާންމު ތަވާލުގެ ތެރެއިން ކުރާ ދަތުރުކުރާ 1014 ފްލައިޓާއި ޝެޑިއުލް ބޭރުން މި ދުވަސްވަރަށް ޚާއްސަކޮށް ދަތުރުކުރާ 213 ފްލައިޓު ހިމެނޭ ކަމަށް މޯލްޑިވިއަނުން ވިދާޅުވިއެވެ. އިސް ތަރުޖަމާނު ވިދާޅުވީ މޯލްޑިވިއަންއިން މި ޚިދުމަތް ދެމުން އަންނަނީ ވިޔަފާރި އުސޫލަށް ވުރެ ބޮޑަށް އާންމު ޚިދުމަތެއް ގޮތުގައި ކަމަށެވެ.
"މީގަައި ޓްރެންޑެއް އޮވެއޭ ވިދާޅުވި. ވިޔަފާރީގެ އުސޫލަށް ބައްލަވައިފިއްޔާ ބައެއް ފަހަރު ދެކޮޅު ނުޖެހޭ ކަމަކަށް ވެދާނެއޭ. އެކަމަކު ޚިދުމަތެއް ގޮތުގަިއ ބަލައިގެން ދެނީ. އެއީ މިސާލަކަށް ޗުއްޓީ ފެށޭ ދުވަސްކޮޅު މާލެއިން އައްޑޫ އަށް ދަތުރުކުރާ ފްލައިޓު އޮންނަނީ ފުލްކޮށޭ. އެކަމަކު އެނބު އަންނަ ފްލައިޓު އޮންނަނީ ހުސްކޮށޭ. ޗުއްޓީ ނިމޭ ދުވަސްކޮޅާއި ދިމާކޮށް އޭގެ އިދިކޮޅަށް އެކޮޅަށް ދާ ފްލައިޓު ފުލްއެއް ނޫން. އެކަމަކު އަންނަ ފްލައިޓު ފުލްކޮށް އޮންނަނީ. " އިސް ތަރުޖަމާނު މުހައްމަދު ހުސެއިން ޝަރީފް ވިދާޅުވިއެވެ.
ޤައުމީ އެއަރލައިނާއި ހަވާލާދީ، ސަރުކާރުގެ އިސްތަރުޖަމާނު ވިދާޅުވީ މިއަދަދުތަކަށް ބަލާނަމަ މިމުއްދަތުގެ ތެރޭގައި އަޅާ ކޮންމެ 5 ފްލައިޓަކުން އެއް ފްލައިޓަކީ އެހެން މަސް މަހު އަޅާ ފްލައިޓުތަކަށް ވުރެ އިތުރު ފްލައިޓެއް ކަމަށެެވެ. އަދި މިހާރު މޯލްޑިވިއަނުން ދަތުރުކުރާ މިންވަރަށް ދަތުރުތައް މިހާރަށް ވުރެ އިތުރު ކުރެވޭން ނެތްކަން އިސްތަރުޖަމާނު ފާހަގަކުރެއްވިއެވެ.
"ސީދާ ކެޕޭސިޓީގައި ދަތުރުކުރައްވާ ކަމަށް ވިދާޅުވީ. މިއީ އެކަމަކު މޯލްޑިވިއަން އެކަނި. ޕްރައިވެޓް ކެރިއަރސް ލައިފިއްޔާ އިތުރުވެދާނެ. މޯލްޑިވިއަންއިން އެކަނި ޢީދު ބަންދުގެ ތެރޭގަ ޖުމްލަ އެބޭފުޅުން އަންދާޒާ ކުރައްވަނީ 64،000 ސީޓު ވިއްކަވާނެ ކަމަށް. ވިދާޅުވަނީ ކެޕޭސިޓީގައި ދަތުރުކުރައްވާ ކަމަށް އެހެންނަމަވެސް އަހަރުން އަހަރަށް މި ޓްރެންޑް އިތުރުވަމުންދަނީ" އިސް ތަރުޖަމާނު ވިދާޅުވިއެވެ.
ކޮންމެ އަހަރަކުވެސް ޢީދު ބަންދާއި ދިމާކޮށް އެތެރޭގެ އުދުހުންތައް ދަނީ އިތުރުވަމުންނެވެ. އެތެރޭގެ ދަތުރުފަތުރުގެ ނިޒާމު އިތުރަށް ހަރުދަނާ ކުރުމުގެ ގޮތުން ސަރަހައްދީ ދަތުރުފަތުރުގެ ނެޓްވޯކްތައްވެސް މިހާރު ސަރުކާރުން ދަނީ ޤާއިމްކުރަމުންނެވެ. އެތެރޭގެ ސަރަހައްދީ ދަތުރުފަތުރުގެ ނެޓްވޯކުގައި ދަތުރުކުރާނީ ކަނޑައަޅާ ސަރަހައްދުގެ ހިމެނޭ އަތޮޅުތަކުގައި އެވެ. މި ދަތުރުތަކުގައި ބޭނުން ކުރަނީ ސީޕްލޭން ދަތުރުތަކުގައި ބޭނުން ޓްވިން އޮޓަރ މަރުކާގެ ބޯޓުތަކުގައި ފުރޮޅު ހަރުކޮށްގެންނެވެ. މިހާރު މި ޚިދުމަތަށް ދެކުނު ސަރަހައްދުގައި ވަނީ ފަށާފައެވެ.