މަޢުލޫމާތު ހޯދައި ލިބިގަތުމުގެ ޙައްޤުގެ ޤާނޫނުން އިސްތިސްނާ ކަނޑައަޅުއްވާފައިވާ ދާއިރާތައް ފިޔަވައި، ރައީސުލްޖުމްހޫރިއްޔާގެ އޮފީހަށް ހުށަހަޅާފައިވާ ހުރިހާ އާރް.ޓީ.އައި ފޯމަކަށް، ހުކުރު ދުވަހުގެ ނިޔަލަށް ޖަވާބު ދެއްވާފައިވާކަމަށް ސަރުކާރުގެ އިސް ތަރުޖަމާނު މުޙައްމަދު ޙުސައިން ޝަރީފް ވިދާޅުވެއްޖެއެވެ.
ތަރުޖަމާނު މިހެން ވިދާޅުވީ، ''ޕްރެސަރ ވިތު ދަ ސްޕޮކްސް'' ސިލްސިލާގެ ދަށުން ބޭއްވި ނޫސްވެރިންގެ ބައްދަލުކުރެއްވުމުގައި ވާހަކަދައްކަވަމުންނެވެ.
ސަރުކާރުގެ އިސް ތަރުޖަމާނު ވަނީ، ސަރުކާރުގެ އެހެން ވުޒާރާތަކާއި އިދާރާތަކުންވެސް، ވީހާވެސް އަވަހަކަށް މަޢުލޫމާތު ހޯދަ ލިބިގަތުމުގެ ޙައްގުގެ ދަށުން ހޯދުމަށް އެދޭ މަޢުލޫމާތު ހާމަކޮށް، ހިއްސާކުރުމަށް ހިތްވަރުދެއްވާ، މަޢުލޫމާތު ހޯދުމަށް ހުށަހަޅާ ފޯމުތަކަށް ޖަވާބުދިނުމަށް ބޭނުންވާ އެހީތެރިކަން، ސަރުކާރުން އެއިދާރާތަކަށް ފޯރުކޮށްދެއްވަމުން ގެންދަވާކަމުގެ ޔަގީންކަން ދެއްވާފައެވެ.
ތަރުޖަމާނު ވިދާޅުވީ، ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒު އެދިވަޑައިގަންނަވަނީ، މަޢުލޫމާތު ހޯދައި ލިބިގަތުމުގެ ޙައްޤުގެ ޤާނޫނުގެ 37 ވަނަ މާއްދާގައި ބަޔާންކުރާ، އަމިއްލަ އިސްނެގުމުގައި މަޢުލޫމާތު ޢާންމުކުރުމުގެ ޒިންމާ އަދާކުރުމުގައި، ސަރުކާރުން ސައްތައިން ސައްތައަށް އިޖާބަދެއްވުމަށް ކަމަށް ތަރުޖަމާނު ވިދާޅުވިއެވެ.
ނޫސްވެރިންގެ ބައްދަލުކުރެއްވުމުގައި ތަރުޖަމާނުވަނީ މެދުއިރުމައްޗާއި ގަލްފުގެ ހަނގުރާމައިން ރާއްޖެއަށް ކުރާ އަސަރުތަކާ ގުޅޭ އިތުރު މަޢުލޫމާތުވެސް ހިއްސާކުރައްވާފައެވެ. އެގޮތުން، ހުރްމޫޒް ކަނޑުއޮޅިން ދަތުރުފަތުރު ނުކުރެވޭ މައްސަލައިގެ ސަބަބުން ރާއްޖެއަށް ކުރިމަތިވެދާނޭ މުދަލުގެ ދަތިކަމަށް ތައްޔާރުވުމުގެ ގޮތުން، ޔޫ.އޭ.އީ އިން ރާއްޖެއަށް މުދާ އެތެރެކުރާ މަގުތަކަށް ގެނެވިފައިވާ ބަދަލުތަކަށާއި، ރާއްޖެއަށް މުދާ އެތެރެކުރެވޭނޭ އެހެން މަގުތައް ހޯދުމަށް ވަޒީރުންގެ ޚާއްޞަ ކޮމިޓީއިން ކުރައްވަމުން ގެންދަވާ މަސައްކަތްތަކަށްވެސް އެމަނިކުފާނުވަނީ އަލިއަޅުއްވާލައްވާފައެވެ.