ޚަބަރު

ވަޠަނީ ޚިދުމަތު ޕްރޮގްރާމްގެ އިތުރު 2 ބެޗް މިއަހަރު


  • މިހާތަނަށް 2 ބެޗްގައި 680 އަށްވުރެ ގިނަ ކުދިންވަނީ ތަމްރީނުކޮށްފައި

  • ފުރަތަމަ ބެޗުގައި ތަމްރީނުވި ގިނަ ކުދިން ތިބީ ވަޒީފާގައި

ވަޠަނީ ޕްރޮގްރާމްގެ އިތުރު 2 ބެޗް މިއަހަރު ކުރިއަށްގެންދިޔުމަށް ރާވާފައިވާކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ. އެމަނިކުފާނު ވިދާޅުވީ އަމާޒަކީ އަހަރެއްގެ ތެރޭގައި ހާހެއްހާ ކުދިން މިޕްރޮގްރާމްގައި ބައިވެރިވެ ތަމްރީންވުންކަމަށެވެ.

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވީ، ޤައުމެއްގެ ތަރައްޤީގައި އެންމެ މުހިއްމު އެއް ބަޔަކީ އެޤައުމެއްގެ އިންސާނީ ވަޞީލަތްކަމަށެވެ. މުސްތަޤުބަލުގައި ރާއްޖޭގެ ކަންކަމާ ހަވާލުވާން ތިބި ޒުވާނުންނަކީ ހަރުދަނާ، އިސްލާމްދީނަށް ޙުރުމަތްތެރިކޮށް ހިތާ، ޤައުމު ދެކެ ލޯބިވާ ބައެއްގެ ގޮތުގައި ތަރުބިއްޔަތުކުރުމަކީ މުހިއްމުކަމެއްކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

"ނޭޝަން ޗެޓް" ޕްރޮގްރާމްގައި ވާހަކަފުޅުދައްކަވަމުން ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ މިހާތަނަށް 600 އަށްވުރެ ގިނަ ޒުވާނުން ވަޠަނީ ޕްރޮގްރާމްގެ ތެރެއިން ތަމްރީނުކުރެވިފައިވާކަމަށެވެ. މީގެތެރެއިން ފުރަތަމަ ބެޗްގައި ހިމެނޭ 300 ކުދިންގެ ތެރެއިން ގިނަ ކުދިން ވަޒީފާގައި ތިބިކަން ރައީސް ފާހަގަކުރެއްވިއެވެ. އަދި ޕްރައިވެޓް ސެކްޓަރއަށް ޝައުގުވެރިވާ ކުދިން ފިޔަވާ ގިނަ ކުދިން ސިފައިންގެ އަދި ފުލުހުންގެ ޚިދުމަތާއި ގުޅެމުންދާކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

"މިހާ ހިސާބުން ނިންމާލަނީއެއް ނޫން އަޅުގަނޑުމެން. މިއަހަރު އަދި އިތުރު 2 ބެޗް ތަމްރީނު ކުރާނެ. ޓާގެޓަކީ 900 ނުވަތަ 1000 ކުދިން ތަމްރީންކުރުން އަހަރެއްގެ ތެރޭގައި." ރައީސް ވިދާޅުވިއެވެ.

ރައީސުލްޖުމްހޫރިއްޔާވަނީ ވަޠަނީ ޕްރޮގްރާމް ކާމިޔާބުކަމާއެކު ހިންގުމަށް ދިފާޢީ ވުޒާރާއާ ގުޅިގެން މަސައްކަތްކުރައްވާ ދައުލަތުގެ ހުރިހާ މުއައްސަސާއަކަށް ޝުކުރުއަދާކުރައްވާފައެވެ. ހަމައެއާއެކު ބެލެނިވެރިންނާއި ދަރިވަރުންގެ ފަރާތުން މިޕްރޮގްރާމަށް ލިބޭ އެއްބާރުލުން ފާހަގަކުރައްވާ ބެލެނިވެރިންނާ ޕްރޮގްރާމްގެ ބައިވެރިންނަށް އެމަނިކުފާނުވަނީ ޝުކުރުއަދާކުރައްވާފައެވެ.

މިޕްރޮގްރާމްގައި ބައިވެރިވި ކުދިންގެ ދިރިއުޅުމަށް ބޮޑު ބަދަލެއް އައިސްފައިވާކަން އެކުދިންނާ ކުދިންގެ ބެލެނިވެރިންވަނީ ފާހަގަކޮށްފައެވެ.

"އަޅުގަނޑުގެ ދިރިއުޅުން މިއަދު މިވަނީ މުޅިން ބަދަލުވެފައި. ކުރިން ނަމާދަށް ދޭ ސަމާލުކަމާއި، މީހުންނަށް ކުރާ އިޙުތިރާމް ވަރަށް ކުޑަ. އެކަމަކު މި ތަމްރީނުތަކުގެ ސަބަބުން އަޅުގަނޑަށް ދަސްވީ އަމިއްލަ ނަފްސަށް އިތުބާރުކުރާށާއި ޤައުމަށްޓަކައި މަސައްކަތްކުރަން، އަސްލަށްވެސް ބުނަންޏާ ހަމަ މީހާ ވަރަށް ބޮޑަށް ބަދަލުވެއްޖެކަން އިހުސާސްކުރެވޭ. ހަމަ މި ޕްރޮގްރާމު ނިންމާލިއިރު ވަރަށް ތަފާތު މުޅިން ތަފާތު ކުއްޖަަކަށް އަޅުގަނޑު ވެއްޖެ" ބައިވެރިއަކު ކިޔައިދިނެވެ.

"ވަރަށް ބައިވަރު ކަންތައްތައް މި ޕްރޮގްރާމުން އަޅުގަނޑަށް ހަމަ ޔަގީނުންވެސް ދަސްވެގެންދިޔަ. މީގެ ކުރިން އަޅުގަނޑުމެންނަށް ނޭނގޭ ވަގުތުގެ އަގު ވަޒަންކުރާކަށް. އެކަމަކު މި ތަމްރީނަށްފަހު އަޅުގަނޑުމެންނަކީ ޒިންމާދާރު، ވަގުތަށް ކަމޭހިތާ، އަދި ޤައުމަށްޓަކައި ކަމެއް ކޮށްދިނުމުގެ ރޫހު ހުރި ކުއްޖަކަށް ވެއްޖެ." އިތުރު ކުއްޖަކު ބުންޏެވެ.

ވަޠަނީ ޚިދުމަތުގެ ޕްރޮގްރާމް އިފްތިތާޙްކޮށްފައިވަނީ މިދިޔަ އަހަރު އޮކްޓޫބަރު މަހުގެ 1 ވަނަ ދުވަހުއެވެ. މިޕްރޮގްރާމްގެ 2 ބެޗުގައި ޖުމްލަ 680 އަށްވުރެ ގިނަ ދަރިވަރުންވަނީ ތަމްރީނުވެފައެވެ. މިޕްރޮގްރާމްގައި ބައިވެރިވާ ކުދިންނަށް ސަރުކާރުގެ އެކި މުއައްސަސާތަކުން ވަޒީފާގެ ފުރުސަތު ފަހިކުރުމަށްވަނީ ހަމަޖެހިފައެވެ.

މިޕްރޮގްރާމްގައި ބައިވެރިވާ ކުދިންގެ ކިބައިގައި ދީނީ ކަންކަމަށް ފަރުވާތެރިވުމަށާއި، ސާފުތާހިރުކަމަށް އަދި އަމިއްލައަށް ކަންކަންކުރުމުގެ އާދަ އަށަގެންނެވުމާއި ހަރުދަނާ ޝަޚުސިއްޔަތެއް ބިނާކުރުމަށް ބޭނުންވާ މުހިއްމު ކަންކަން ދަސްކޮށްދެއެވެ. މިޕްރޮގްރާމްގެ ސަބަބުން ކުދިންނަށް މުހިއްމު އާދަތަކެއް ދަސްވެ ހެޔޮބަދަލެއް ކުދިންނަށް އަންނަކަން ބެލެނިވެރިން ފާހަގަކުރެއެވެ.