ޚަބަރު

"ރައީސް މަސައްކަތް ކުރައްވަނީ ވެއްޓިފައިވާ އަނދަވަޅުން މަސްވެރިކަން ސަލާމަތްކުރުމަށް"


  • މިއީ ދިވެހި މަސްވެރިންނާއި މަސްވެެރި އާއިލާތަކަށް ލިބިގެންދިޔަ ވަރަށްބޮޑު ކުރިއެރުމެއް

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު މަސައްކަތް ކުރައްވަނީ ދިވެހިރާއްޖޭގެ މަސްވެރިކަން ވެއްޓިފައިވާ އަނދަވަޅުން ސަލާމަތް ކުރުމަށް ކަމަށާއި އެކަމުގައި އެމަނިކުފާނު ކާމިޔާބީތައް ހޯއްދަވަމުންދާ ކަމަށް ޕީޕަލްސް ނޭޝަނަލް ކޮންގްރެސް، ޕީއެންސީން ބުނެފިއެވެ.

ޕީއެންސީން މިހެން ބުނީ ރާއްޖޭގެ ކަނޑުމަހުގެ ބާވަތްތަކުން ނަގަމުން އައި ޓެރިފް އުވާލުމަށް އިނގިރޭސިވިލާތުން ނިންމުމާ ގުޅިގެން ސަރުކާރަށް މަރުހަބާ ކިޔައި ނެރުނު ބަޔާނެއްގައެވެ.

މިބަޔާނުގައި ޕީއެންސީން ބުނީ މަސްވެރިކަން ވެއްޓިފައި އޮތް އަނދަވަޅުން ސަލާމަތް ކުރެއްވުމަކީ ވެރިކަމުގެ ފުރަތަމަ ދުވަހުން ފެށިގެންވެސް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ޚާއްސަ އިސްކަމެއް ދެއްވައިގެން ކުރައްވާ މަސައްކަތެއް ކަމަށެވެ. އަދި އެ ސިނާޢަތަށް ފަހިކަމާއި ކުރިއެރުން ހޯދައިދެއްވުމަށް ގިނަ މަސައްކަތްތަކެއް ސަރުކާރުން ފައްޓަވާފައިވާތީ އެމަނިކުފާނަށް ދިވެހި މަސްވެރިންގެ ނަމުގައި ޝުކުރު ދަންނަވާ ކަމަށްވަނީ ބަޔާންކޮށްފައެވެ.

ޕީއެންސީން ބުނީ މަސްވެރިން ބާނާ މަހަށް ރަނގަޅު، އެކަށީގެންވާ އަގެއް ހޯދައިދެއްވުމަށް ރައީސް މަސައްކަތް ކުރައްވާ ކަމަށާއި އައު ބާޒާރުތަކުގައި ދިވެހި މަހާއި މަހުގެ އުފެއްދުންތަކަށް ޖާގަ ހޯދައިދިނުމަށްވެސް މަސައްކަތް ކުރައްވާ ކަމަށެވެ. އެގޮތުން، އިނގިރޭސިވިލާތަކީ ރާއްޖޭން ގިނަ އަދަދަކަށް މަސް އެކްސްޕޯޓް ކުރާ ޤައުމަކަށްވާއިރު އެ ޤައުމުގެ ސަރުކާރާ މަޝްވަރާކުރައްވައިގެން އެ ޤައުމުން ދިވެހި މަހުން ނަގަމުން އައި ޓެރިފް ބުދަ ދުވަހުން ފެށިގެން ނުނަގަން ނިންމުމަކީ ދިވެހި މަސްވެރިންނާއި މަސްވެެރި އާއިލާތަކަށް އަދި އެ ސިނާޢަތުގައި މަސައްކަތްކުރާ ވިޔަފާރިތަކަށް ލިބިގެންދިޔަ ވަރަށްބޮޑު ކުރިއެރުމެއް ކަމަށް ފާހަގަކުރިއެވެ.

ރައީސުލްޖުމްހޫރިއްޔާ އިނގިރޭސިވިލާތަށް ކުރެއްވި ދަތުރުފުޅުގައި އެ ޤައުމުގެ ރަސްގެފާނާއި ސަރުކާރުގެ އިސްވެރިންނާ ބައްދަލުކުރައްވައި ކުރެއްވި މަޝްވަރާތަކުގައިވެސް އެންމެ ބޮޑަށް އެދިވަޑައިގެންނެވީ އެ ޤައުމުން ދިވެހި މަހާއި މަހުގެ އުފެއްދުންތަކުން ނަގާ ޓެރިފް ކަނޑައިދިނުމަށް ކަމަށް ޕީއެންސީން ބުނެއެވެ.

އެ ޕާޓީން ބުނީ ރާއްޖެއަކީ މިހާރުވެސް އިނގިރޭސިވިލާތަށް ގިނަ އަދަދަކަށް މަސް އެކްސްޕޯޓް ކުރާ ޤައުމަކަށްވާއިރު މި ގެނައި ބަދަލާއެކު އެ އަދަދު އިތުރުވެގެންދާނެ ކަމަށެވެ. އަދި މީގެ ސަބަބުން މަސްވެރިކަމުގެ ސިނާޢަތުގެ ގާބިލުކަން އިތުރުވެ، އެ ސިނާޢަތުގެ އާމްދަނީ އިތުރުކުރެވޭނެކަންވެސް ފާހަގަކުރިއެވެ.

ޕީއެންސީގެ ބަޔާނުގައި، މަސްވެރިން ކިރުވާ މަހަށް 48 ގަޑިއިރުގެ ތެރޭގައި ފައިސާ ލިބޭނެ ގޮތާއި މަސްވެރިންނަށް ހެޔޮ އަގުގައި ތެޔޮ ލިބޭނެ އިންތިޒާމުތަކާއި މަސް އޮޑިފަހަރަށް ލޮނުން ގަނޑުފެން އުފައްދާ ނިޒާމު ގާއިމުކުރުމަށް މާލީ އެހީ ލިބޭގޮތް ހައްދަވައިދެއްވައި މަސްވެރިކަމުގެ ސިނާޢަތުގެ މަޝްރޫޢުތައް ފައްޓަވައި، ދިވެހި މަސްވެރިކަން ޕްރޮމޯޓުކުރަން ވަކި ކުންފުންޏެއް އުފައްދަވައިދެއްވާފައިވާތީ ރައީސުލްޖުމްހޫރިއްޔާއަށް ވަނީ ޝުކުރުއަދާކުރައްވާފައެވެ.