މިއަހަރު ރާއްޖޭގައި ބޭއްވުމަށް ހަމަޖެހިފައިވާ ވޯލްޑް ޓްރެވަލް އެވޯޑްސް (ޑަބްލިއުޓީއޭ)ގެ ގާލާ ހަފްލާގައި އިންޑިއަން އޯޝަންގެ އިތުރުން އޯޝޭނިއާ އަދި އޭޝިއާ ސަރަހައްދުގެ ގައުމުތަކުގެ ފަތުރުވެރިކަމުގެ ސިނާއަތުގެ ކުރިއެރުންތައް ފާހަގަކޮށް އެވޯޑު ދިނުމަށް ނިންމައިފިއެވެ.
ފަތުރުވެރިކަމުގެ ސިނާއަތުގައި ދޭ އެންމެ ޝަރަފްވެރި އެވޯޑު ޑްބްލިއުޓީއޭގެ މި ތިން ސަރަހައްދުގެ ގާލާ ސެރެމަނީ މިއަހަރު ބޭއްވުމަށް ހަމަޖެހިފައި ވަނީ ބައިނަލްއަގުވާމީ ފަތުރުވެރިކަމުގެ ދުވަހުގެ ގޮތުގައި ފާހަގަކުރާ ސެޕްޓެންބަރު 27 ވަނަ ދުވަހު އެވެ.
މި ހަފްލާ ބޭއްވުމަށް ހަމަޖެހިފައިވަނީ ކްރޮސްރޯޑްސް މޯލްޑިވްސްގައެވެ. ވޯލްޑް ޓްރެވަލް އެވޯޑްސްގެ ބާނީ ގްރަހަމް ކުކް ވިދާޅުވި ގޮތުގައި، އިންޑިއާ ކަނޑާއި، އޭޝިއާ އަދި އޯޝޭނިއާގެ ވަނަތައް ހާސިލުކުރާ ފަރާތްތައް އެއް ހަފްލާއަކަށް ދަޢުވަތުދިނުމަކީ، ރާއްޖެއިން ބައިނަލްއަޤްވާމީ ދާއިރާގައި ދައްކަމުންދާ ނުފޫޒާއި ހަރަކާތްތެރިކަން ރަމްޒުކޮށްދޭ ވަރުގަދަ ފުރުޞަތެކެވެ. އަދި މި ހަފްލާ ބާއްވާ ކްރޮސްރޯޑްސް މޯލްޑިވްސްއަކީ ފަތުރުވެރިކަމުގެ މުސްތަޤުބަލު ބައްޓަންކުރާ އައު އީޖާދުތަކާއި އުންމީދުތައް ފުރިހަމައަށް ދައްކުވައިދޭ ތަނެއްގެ ގޮތުގައި އޭނާ ސިފަކުރެއްވިއެވެ.
ރާއްޖޭގައި އެންމެ ފަހުން ވޯލްޑް ޓްރެވަލް އެވޯޑްސް ބާއްވާފައިވަނީ 2017 ވަނަ އަހަރުއެވެ. އޭގެ ފަހުން، ދެމެހެއްޓެނިވި ފަތުރުވެރިކަމާއި މެހެމާންދާރީގެ ދާއިރާއިން ރާއްޖެއިން ވަނީ ބައިނަލްއަޤްވާމީ ގިނަ އެވޯޑްތަކެއް ހާސިލުކޮށްފައެވެ. މި އެވޯޑުގައި ފާއިތުވި ހަ އަހަރު ރާއްޖެއަށް ވަނީ "ވޯލްޑްސް ލީޑިން ޑެސްޓިނޭޝަން"ގެ ޝަރަފު ލިބިފައެވެ.
މިކަމާއި ގުޅޭގޮތުން ވިޒިޓް މޯލްޑިވްސް ސީއީއޯ އަދި މެނޭޖިންގ ޑިރެކްޓަރ އިބްރާހީމް ޝިއުރީ ވިދާޅުވީ މި ގާލާ ހަފްލާގެ ސަބަބުން ރާއްޖޭގެ ގުދުރަތީ ރީތިކަމާއި މެހެމާންދާރީގެ އިތުރުން، ޒިންމާދާރު އަދި ދެމެހެއްޓެނިވި ފަތުރުވެރިކަމަށް ކުރާ މަސައްކަތް ދުނިޔެއަށް ދައްކާލުމުގެ ފުރުޞަތު ލިބޭނެކަމަށެވެ.
1993 ވަނަ އަހަރު ތައާރަފު ކުރި ވޯލްޑް ޓްރެވަލް އެވޯޑްސްއަކީ، ދުނިޔޭގެ ދަތުރުފަތުރާއި ފަތުރުވެރިކަމުގެ ސިނާޢަތުގައި ދޭ އެންމެ ޝަރަފުވެރި އެވޯޑެވެ. މިއީ، މި ސިނާޢަތުގެ އެންމެ މަތީ ފެންވަރު ރަމްޒުކޮށްދޭ އެވޯޑެކެވެ.